އިންތިޒާރުގެ ސިކުންތުގެ ބަރުކަމާއެކު، ކަންފަތުގެ ހޫނުން އަހަރެންގެ ނިއްކުރިއަށް ދެމުންދިޔަ ޕްރެޝަރު އެހެން އެއްވެސް އިންސާނަކަށް އަންދާޒާ ނުކުރެވޭނެ އެވެ. އިންތިޒާރަކީ ހާދަހައިވާ ޒާތެއްގެ އެއްޗެކޭ ހިތަށް އަރަ އެވެ.
ކެތްތެރިކަން ކޮޅުންލަމުން ދިޔަ ވަގުތުގައި އަހަރެންގެ ފުރާނަޔަށް ބަލައިލީމެވެ.
ރަތްވެފައިވާ ދެލޮލުގެ ކަރުނައިން އެ ހިތްގައިމު ކޯތާފަތް ތެމެމުން ދިޔަ އެވެ. ތަހަންމަލް ކުރާން އުނދަގޫ އިހްސާސަކުން ހިތުގައި ރިހުމެއް އުފެއްދި އެވެ.
އަދިވެސް ޖަވާބެއް ނުލިބޭތީ އެވެ. ކައިރާގެ ދެލޮލުގެ ހާލު ތަރުޖަމާކުރާންވެސް ނޭގުނީތީ އެވެ.
ކޮންމެ ގޮތެއްވިޔަސް ވަރިހަމަ އެވެ. ޖަވާބު ނުލިބުނަސް، ޖަވާބު ނުދިނަސް ހެޔޮކަމަށް ނިންމީމެވެ.
ކައިރާގެ ލޮލުން ކަރުނައެއް ވެއްޓޭ މަންޒަރު ތަހަންމަލް ކުރާނެ ބާރެއް އަހަރެންގެ ފުރާނަޔަކު ނެތެވެ.
ކުޑަކަކޫމަތިން ތެދުވުމަށް އަހަރެން ހަރަކާތްކޮށްލި ވަގުތު، ކުއްލިޔަކަށް ކަނދުރާގައި ވަށައިލީ ކައިރާގެ ދެ އަތެވެ. ބައްދާލީ ނުހަނު ބާރަށެވެ.
"އައި ލަވްޔޫ ސޯ މަޗް މޯ މާލިކް.. އައި ލަވް ޔޫ" އަހަރެންގެ ކަނދުރާގައި މޫނު ފޮރުވަމުން ކައިރާ ތަކުރާރުކުރި އެވެ. މިފަހަރު ހުއްޓުން އެރީ އަހަންނެވެ. ކަރުނަ އޮހިގަތީ އަހަރެންގެ ކޯތާފަތުންނެވެ.
އަޖައިބުވެ އަންތަރީސް ނުވާނެ ހެއްޔެވެ؟ ކަރުނައަށް ވުރެން މޮޔަ އެއްޗެއް މި ކާއިނާތުގައި މާތް ﷲ ލެއްވި ބާއެވެ؟ ހިނދުކޮޅެއް ކުރީން ކެތްތެރިކަން ކޮޅުންލީ، އެ އަޑު އަހަން ހިތާއި ފުރާނައިން ބޭނުންވެގެންނެވެ. އެކަމަކު ކައިރާގެ ކަރުނަ ތަރުޖަމާ ކުރާން ނޭގިގެން އުޅެނިކޮށް އެ ފުރުނީ އަހަރެންގެ ދެ ލޮލެވެ.
"ޝްޝްޝްޝޝ... ހުއްޓާލާ.. ޕްލީޒް ބޭބީ... ހުއްޓާލާ" ލޯތްބާއެކު ފިރުމަމުން އަހަރެން ވާހަކަދެއްކީމެވެ.
"އައި ލަވް ޔޫ" ގިސްލުން ނުހުއްޓުވިގެން އުޅެނިކޮށް ކައިރާ އުކުނޑި ކޮއްޓަން ފަށައިފި އެވެ.
ބާރަށް ބައްދާފައި އޮތް ދެ އަތް އަހަރެންގެ ކަނދުރާއިން ނައްޓުވައިލީމެވެ. އަދި ނުހަނު މަޑުމަޑުން އެ ލޯބި މޫނުން ކަރުނަ ސާފުކޮށްލީމެވެ.
"ސޯ.... އިޒް ދެޓް އަ ޔެސް" އަހަރެން އަހައިލީމެވެ.
"އޯ ޔެސް ރައިޓް، ޔެސް އައި ވިލް މެރީ ޔޫ" ކަރުނައިގެ ތެރެއިން ހެމުން ކައިރާ ބުނެލި އެވެ.
އަލްހަމްދު ލިއްލާހި އެވެ.
މިއަށްވުރެން ބޮޑު އުފަލެއް ލިބިދާނެ ބާ އެވެ؟ ހަށިގަނޑަށް ލިބުނު ލުއިކަން ބަޔާންކުރާން ކުޅަދާނައެއް ނޫނެވެ.
ކައިވެންޏަށް އެއްބަސްވުމާއި އިންތިހާއެއް ނެތް މިންވަރަށް އަހަރެންދެކެ ކައިރާ ލޯބިވާކަން ހާމަކުރުމަށް ވުރެން ބޮޑު ކާމިޔާބެއް ހަޔާތުގައި މިހާތަނަށް ނުލިބެ އެވެ.
ދުނިޔޭގެ ކިތަންމެ ގައުމެއްގެ އެކި ފެންވަރުގެ ސްޓޭޖްތަކުން އަގުބޮޑެތި އެވޯޑްތައް ތަކުރާރުކޮށް ހާސިލްކުރީމެވެ. ނަމަވެސް ދެންމެ ލިބުނު ވަރުގެ އުފަލެއް ދުވަހަކުވެސް އިހްސާސް ނުކުރަމެވެ.
އަތުގައި އޮތް ކުޑަކުޑަ މަހްމާ ފޮށި ނަގާފައި އޭގައި އޮތް ޑައިމަންޑް ރިންގް ނެގީމެވެ. ދިއްކޮށްލުމުގެ ކުރިއަށް، ކައިރާގެ ނާޒުކު ލޯބިލޯބި އަތް އަހަރެންގެ ކުރިމައްޗަށް ދިއްކޮށްލައިފި އެވެ.
ހުއްދައަށް އެދި އަހަރެން އިޝާރާތް ކުރީ ލޮލުންނެވެ. ނަމަވެސް ޖަވާބު ދިނުމުގައި ކައިރާގެ ލޮލާއި ބޮލާއި މުޅި ހަށިގަނޑު ބައިވެރިވި އެވެ.
ލޯތްބާއި ފަހުރުވެރިކަމާއެކު އަހަރެންގެ އެދުން ފުރިހަމަ ކޮށްލީމެވެ. ކައިރާގެ 'ރިންގް ފިންގާ'އަށް އަނގޮއްޓި ހެޔޮވަރު ކޮށްލީމެވެ.
އަގު ހުރީ އެ ޖަވާހިރަކު ނޫނެވެ. ހަނދުގެ ރިހި އަލި އެޅުމާއެކު ވިދާލި ވަގުތުގައި ކައިރާގެ އިނގިލީގައި އަހަރެން ކިސް ކޮށްލީމެވެ.
އަގުބޮޑު ޖަވާހިރަށްވުރެން އެ އިނގިލީގެ އަގު އަހަރެންގެ ކުރިމަތީގައި މާ އުހެވެ. ދެ އަތް މަތީގައި ކައިރާ އުފުލާލަމުން ތެދުވީމެވެ.
"އައި ލަވް ޔޫ ސޯ މަޗް" މި ފަހަރު އިގްރާރުވީ އަހަރެންގެ ހިތެވެ.
"މީ ޓޫ" އިއުތިރާފުގައި ތެދުވެރިކަން ނޫނީ ނެތެވެ. މިވަރުން އަހަންނަށް ފުދެ އެވެ. ފުދި، އިތުރުވެސް ވެއްޖެ އެވެ.
ބީނިޝް އާއި ފަހަދުގެ 'އާން'ބަސް ލިބުނު ވަގުތަށްފަހު މިއީ އަހަރެންގެ ހަޔާތުގެ އެންމެ އަގުހުރި އަދި އެންމެ އުފާވެރި ވަގުތުކަމުގައި ހަމަޖެހި ނިމުނީ އެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހަކީ ކާކުތޯ މިވަގުތު ބަލައިފިނަމަ، އަހަރެން ނޫން މީހަކަށް އެ ޝަރަފެއް ނުލިބޭނެ އެވެ.
އަމިއްލަ ފައިމައްޗަށް ކޮޅަށް، ކައިރާ ބަހައްޓާލީމެވެ. ދުރަށްޖެހިލުމުގެ ހިޔާލެއްވެސް އޭނާގެ ނެތެވެ. އަހަރެންގެ މޭގައި ބޮނޑިވެލީ އޭނާގެ އަމިއްލަ ހައްގު އަހަރެންގެ މައްޗަށް އޮތްކަން އަމިއްލައަށް ގަބޫލުކުރާތީ އެވެ. އިހުނަށް ވުރެން ހަށިގަނޑު ގާތްކޮށްލާފައި ތަފާތު ނަޒަރަކުން އަހަރެންގެ ތުންފަތަށް ކައިރާ ބަލައިލި އެވެ. އަހަރެންގެ ހަތަރެސް ފައިން ހީބިހި ނެގި އެވެ. ކިސްކޮށްލުމަށް އަހަރެންގެ ހިތް އެދޭ މިންވަރު އެނގޭނީ އަހަންނަށެވެ. ކިތަންމެ ފަހަރަކު މި ކަމަށް ކައިރާގެ ހަރަކާތް މިސްރާބު ޖަހާފައިވިޔަސް އެކަން ދެނެހުރި ކަމަކަށް އަހަރެން ނުހަދަމެވެ. މިފަހަރުވެސް އެކަމަށް އިސްނަގަން ވާނީ ކައިރާ އެވެ. އެއީ ފުރަތަމަ ފިޔަވަޅުގެ، ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ. އެއީ އަހަރެންގެ ޒަމީރު އެކަން ގަބޫލުކުރާގޮތެވެ.
އަރައިގެން ހުރި ހީލްސްގެ 'ކަށި' ދޮންވެލިގަނޑަށް ވަދެފައި ވިޔަސް އިނގިލިތަކުގެ ކޮޅަށް އިސްކޮޅު ހިއްލާލި އެވެ. ހިނިވެސް އައި އެވެ. އަހަރެންގެ އިސްކޮޅާއި ކައިރާގެ އިސްކޮޅުގެ ތަފާތު ބޮޑުކަމުންނެވެ. ލަދުން މޫނު ރަތްވެގެން ދިޔަ ވަގުތުގައި އޭނާގެ މޫނާއި އަހަރެންގެ މޫނު ގާތް ކޮށްލުމަށް އަހަރެން އެހީތެރިވީމެވެ.
ދެމީހުންގެ ނޭފަތް ޖެހޭނުޖެހޭ މިންވަރަށް ކައިރި ކޮށްލީމެވެ. ކައިރާގެ ނޭވާ ބަދަލުވެގެން ދާގޮތް އަހަރެން އިހްސާސްކުރީމެވެ. އިޝްގަކީ ހާދަހައި ބާރުގަދަ އެއްޗެކެވެ. ނޭވާގެ ހޫނާއި އޭގޭ ރާގަކީ ކުރިމަތީ ހުރި ބައިވެރިޔާގެ ފޫޅާއި ހަމައަށް ވާސިލްވާ ކަރަންޓުގެ ރާޅެއްކަން ކުރިއަކުން ނޭގެ އެވެ. ނަމަވެސް އަމިއްލައަށް ތަޖުރިބާ ކުރަމުންދާއިރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟
"މާލިކް" ވައިއަޑުން މަޑުމަޑުން ބުނެލި އެވެ.
"ކައިރާ" ހަމަ އެހައި މަޑުން އަހަރެންވެސް އެނަން ކިޔާލީމެވެ.
އަހަރެންގެ ކަނދުރާގައި ކައިރާގެ ދެ އަތުން ވަށައިލި އެވެ. ކައިރާގެ އުނގަނޑުގައި އަހަރެންގެ ދެ އަތް ވަށައިލީމެވެ. ކުރިއަށް ވުރެންވެސް ދެ ހަށިގަނޑު ގާތްކޮށްލީމެވެ.
ދެ ހަށިގަނޑު، އެއް ހިޔަންޏެއް މިންވަރަށް ފިއްތާލި އެވެ.
ވަގުތު ބޭކާރުނުކޮށް އަހަރެންގެ ތުންފަތުގައި ކައިރާގެ މަޑުމަޑުން ތުންފަތް ޖައްސައި ފިއްތާލި އެވެ. އިހްތިޔަރަކާއި ނުލައި ދެ ލޯ މަރައި ތަގުޅިކޮށްލެވުނެވެ. މުޅި ހަށިގަނޑުގައި ދުވެލި ކަރަންޓުގެ ރާޅާއެކު ކައިރާ އަހަރެންގެ އަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. ނޭވާލުމަށް އޮކްސިޖަން ކިރިޔަކިރިޔާ ލިބޭ ވަރަށް ޖާގައެއް ދިނުން ފިޔަވައި މިދެމެދުގައި ދުރުމިނެއް ނެތެވެ.
ތާޒާ މިންޓުގެ ހިތްގައިމު ވަހުން އަހަރެން ދީވާނާކޮށްލަމުން ދިޔަ ވަގުތު ސްޓޯބެރީގެ ހިތްގައިމު ރަހައިން އަހަރެންގެ ހިއްސުތަށް އުދުހެން ފަށައިފި އެވެ. އަމިއްލަ ކޮންޓުރޯލް ގެއްލުނުތާ ކިތަންމެ އިރެކެވެ. އަވަސް އަރުވާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައިރާ ބޭނުންވި ވަގުތު އޭނާއަށް ދިނީމެވެ. އޭނާގެ އައު ކަމާއެކު ބޭނުންވާ ތަޖުރިބާ، އެންމެ ފުރިހައަށް އަހަރެން ހިއްސާކުރީމެވެ.
"އައި ލަވް ޔޫ" ކައިރާ ވަރުބަލިވެއްޖެކަން އިހްސާސްވުމުން އެ ލޯބީ ތުންފަތުގައި އަހަރެންގެ ތުންފަތް ފިއްތާލާފައި ބުނީމެވެ.
"އަމިއްލަ ފުރާނައަށްވުރެންވެސް ބޮޑަށް ލޯބިވަން" އަހަރެންގެ މޭގައި ބޮނޑިވެލާފައި ބުންޏެވެ.
"އައި ނޯ މައި ލަވް" އަހަރެން ދެކެ ކައިރާ ވާ ލޯބި ގަބޫލުކުރަމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;