އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ 2016 ވަނަ އަހަރުން ފެށިގެން ދިވެހި "ޕާސްޕޯޓު ބުކްލެޓް" ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަަަމަށެވެ. އެހެންނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް މިކަމުގައި ހޭދަވެފައިވާތީ، "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަށް، ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމާއި ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ މަހުގެ ސެޕްޓެންބަރު ނިޔަލަށް ކަމަށް އެ ކުންފުނިން އަންގާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި، މިއަދުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މުއްދަތު ހަމަވާ ޕާސްޕޯޓް އާ ނުކޮށްދީ މުއްދަތު އިތުރުކުރަނީ
ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު، 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މުއްދަތު އިތުރުކުރުމަށް އެެއްވެސް ފީއެއް ނުނަގާނެކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.
އަލަށް ޕާސްޕޯޓް ހަދާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓެއް
އިމިގްރޭޝަނުން ބުނީ އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ނިންމާފައި ވާކަމަށެވެ.
އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓާނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް 08 ސަފުހާގެ ޕާސްޕޯޓެއްކަމަށް އިމިގްރޭޝަނުން ބުނެ އެވެ. "އިމާޖެންސީ ޕާސްޕޯޓު" ގެ ހިދުމަތަކީވެސް އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއްކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
"ޕާސްޕޯޓު ބުކްލެޓް" ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުންޏަކީ ފާއިތުވެދިއަ 10 އަހަރުވެސް މި ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެއްކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހިރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިދޭކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މިބަދަލާއި ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;