ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް އިން ބުނީ މި ފައިނޭންސިންގ ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީ އެއްކަމަށެވެ. އެގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވުނު މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައި ވާކަމަށް ބީއެމްއެލްއިން ބުނެ އެވެ.
"ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަ ކުރައްވާ ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއްކަމަށް ބަދުރުއްދީން ވިދާޅުވި އެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަން ބޭންކުން ފާހަގަކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ވާކަމަށް ބީއެމްއެލްއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;