ކުޑަކުއްޖަކު ފަދައިން އަހަރެންގެ މޭގެ ތެރޭގައި ބޮނޑިވެލައިގެން އޮވެ، ބޯ ހިއްލާލި އެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލާފައި އަހަރެންގެ ހަށިގަނޑުގައި ދެ އަތް އޮޅާލި ގޮތުން ހިނިވެސް އައި އެވެ.
ކައިރާގެ އެންމެ ހިތްގައިމު މަންޒިލަކީ ކޮބައިތޯ ބީނިޝް އާއި އަހަރެން ސުވާލު ކުރުމުން ފުރަތަމަވެސް ލިބުނު ޖަވާބަކީ 'ބީޗް' އެވެ. އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރަކީ، ކައިރާގެ އެންމެ އުވަފެނީ ތަސްވީރުތަކެވެ. މާލެ ސަރަހައްދުގައި ކާރު ދުއްވާލާފައި އާދެވޭނެ އަދި އެހެން މީހުންގެ ހަލަބޮލިކަމުން އެއްކިބާވެފައިވާ ހިތްގައިމު ބީޗް ސަރަހައްދެއް، ވިސްނާ ވިސްނާވެސް ނޭގުނެވެ.
ހުޅުމާލޭގައި އަހަރެންނާއެކު ޕްރޮޖެކްޓެއްގައި އުޅުނު ރައްޓެއްސަކާއި ދިމާވުން އެއީ އަހަރެންގެ ނަސީބެވެ.
ފައިސާ އިން ނުކުރެވޭނެ ކަމެއް، މިގައުމުގައި ނެތް ކަމަށް އެއްބަސްވާން ދެކޮޅު ހެދިޔަސް، އަނެއްކާވެސް މިއޮތީ އެކަން ސާބިތުވެފައި އެވެ. ހިތް ފުރޭވަރަށް ފައިސާ ލިބިއްޖެނަމަ، ފޮތުގައި ލިޔެފައި އޮތް ސަފްހާތަކުގައި އޮންނަނީ ކަނު ބަނދެފަ އެވެ. ކަން ވީ ވެސް އެހެންނެވެ.
އެހެން މީހަކު ގާތްވުމަށްވެސް މަނާކޮށްފައި ހުޅުމަލޭގެ އެންމެ ހިތްގައިމު ސަރަހައްދުން އަހަންނަށް މިއޮތީ މިނިވަންކަން ލިބިފައި އެވެ. ފެއަރީ ލައިޓްސްގެ ޒީނަތްތެރިކަމުން ފެށިގެން ތާޒާ ކާނާވެސް މިތަނުގައި މިއޮތީ ފުރިހަމައަށް ލިބޭށެވެ. ހަމައެކަނި އަހަރެންގެ ކައިރާއަށްޓަކައި އެވެ.
"މާލިކް"އާޝޯހްވެފައި، މަޑުމަޑުން އަހަރެންގެ ނަން ކައިރާގެ ދުލުން ބޭރުވި އެވެ.
"ޔެސް މައި ލަވް"
"ދިޒް އިޒް ބިއުޓިފުލް" މުޅިތަން ފަށައިގެން ބަލައިލި އެވެ.
ހައިރާންވެ އަންތަރީސްވުމުން ކައިރާގެ އަނގަ ލައްޕާންވެސް ހަނދާނެއް ނެތެވެ. މި ވަގުތަށް ޓަކައި ކުރި މަސައްކަތަށް އަހަރެންގެ ކައިރާ ތައުރީފް ކުރުމުން ލިބުނު އުފާވެރިކަން ބުނެދޭކަށް ނޭގެ އެވެ.
"ނޮޓް މޯ ދެން ޔޫ"
ހަގީގަތުގައިވެސް އަހަރެންގެ ކައިރާއަށްވުރެން ފުރިހަމަ ކަމެއް އަހަރެންގެ ލޮލަށް އަމާޒު ނުވެ އެވެ. ކިތަންމެ ހުވަފެނީ ފެއަރީލައިޓްސްގެ ދިއްލުންތަކެއް ފެނުނަސް، އެންމެ މީރު ކާނާގެ ތާޒާ ވަސް ނޭފަތުގައި ބީހުނަސް، ލޯބި ދެ ބައިވެރިޔަކަށް ތައްޔާރު ކޮށްފައިވާ 'ރޮމެންޓިކް ޑިނަރ ޓޭބަލެއް ހުއްޓަސް' އަހަރެންގެ ކައިރާގެ ފުރިހަމަކަމަށް ތައުރީފްކުރާނެ އަލްފާޒެއް ނުވިސްނުނެވެ.
"މާލިކް.. ދިޒް އިޒް ޕަރފެކްޓް.. އައި ލަވް އިޓް"
"ވަރަށް ހިތްހަމަ ޖެހިއްޖެ، ވަރަށް އުފާވެއްޖެ" ކައިރާގެ ކޮލުގައި އަހަރެންގެ ތުންފަތް ބީއްސާލަމުން ވަރަށް ލޯބިން ބުނީމެވެ.
ސެޓް އަޕްއާއި ހިސާބަށް ދެވުމާއެކު ދޮންވެލިގަނޑުމަތީގައި ކައިރާ ބަހައްޓާލީމެވެ.
ކޮއްޓެއްގެ ތެރެއިން މިނިވަންވި ނާޒުކު ދޫންޏެއް ފަދައިން ކައިރާގެ ދެ އަތް ފުޅާކޮށްލާފައި ވައިގެ ތެރޭގައި ފުން ނޭވާއެއް ލި އެވެ.
ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހީލްސް ބާލާފައި ހުސްފަޔާއި ހިނގަން ފެށި އެވެ. ކޮންމެ ވެލިފުކެއްގެ އިހްސާސްކުރާން ބޭނުންވެފައި ހުރިހެން ހީވި އެވެ. ފިކުރެއް ހިޔާލެއް ނެތް، މިނިވަން ދޫންޏެއް ފަދައިން ދުނިޔޭގެ އަމާންކަން އިހްސާސްކުރުމުގައި ކައިރާގެ އަމިއްލަ ވަގުތު އޭނާ ހޭދަކުރި އެވެ.
އަހަރެންގެ ސިކުނޑިއާއި ފޯނުގައި އެ މަންޒަރުތަށް ރައްކާކުރުމަށް ސަމާލުވީމެވެ. ފެންނަމުން މިދާ ހިނިތުންވުން، ކައިރާގެ މޫނުމަތީން އަލުން ނުފެނިދާނެތީ، އެ ހަންދާންތައް ފޮރުވީމެވެ. އަބަދަށް ފެހި ދިރުމެއްގެ ގޮތުގައި އެވެ.
ހަނދުގެ ދޯދިތަކުން ރިހި ވިދުވަރު ބަބުޅަމުންދިޔަ ހިމޭން ލޮނުގަނޑަށް ބަލައިލުމަށް ކައިރާއަށް އަހަރެން އިޝާރާތްކޮށްލީމެވެ. ކުރެހުންތެރިޔަކު އޭނާގެ ސިކުނޑީގައި ތަސްވީރުކޮށްލާނެ ވަރަށް ކައިރާވެސް އެމަންޒަރަށް ގެއްލުނެވެ. ހިތް ފުރެންދެން ބެލި އެވެ.
ލިބުނު ފުރުސަތުގައި އަހަރެންގެ ލޯބިވާގެ ދާދި ގާތުގައި ދެ ކަކޫ މައްޗަށް ތިރިވީމެވެ. މަހުމަލުގެ ކުޑަކުޑަ ފޮށި އަހަރެންގެ ޖީބުން ނަގާފައި ހުޅުވާލީމެވެ.
ހަނދުވަރުގެ އަލީގައި ޖަވާހިރަކީ ބަބުޅާ އެއްޗެއް ކަމަށް މިނޫނީ އަހަރެން ގަބޫލެއް ނުކުރަމެވެ.
"ގިވް މީ ޔޯ ހޭންޑް" އަހަރެން ބުނީމެވެ. އަހަރެންގެ އަޑަށް ކައިރާ ބަލައިލި އެވެ.
"މާލިކް، ތެދުވޭ! ކީއް ތި ކުރަނީ.. ޕްލީޒް ތެދުވޭ" އަހަރެން ކޮޅަށް ނަގަން ވަރަށް މަސައްކަތް ކުރި އެވެ.
"ޖާން، ތި އަތް އަހަރެންގެ މި އަތުގެ ތެރޭގައި ބާއްވާލަބަލަ!" 'ޖާން' ލަފްޒު ދުލުން ބޭރުވީ އެވެ.
ހަގީގަތުގައިވެސް އަހަރެންގެ ފުރާނައިގެ ވިނދަކީ ކައިރާ އެވެ. ލޯތްބަކީ އިންސާނާ މި މިންވަރަށް ގައިދުކުރާ އިހްސާސެއް ކަމެއް ކުރިއަކުން ނޭގެ އެވެ.
މަޑުމަޑުން އަހަރެންގެ އަތުގެ ތެރޭގައި ކައިރާގެ އަތް ބާއްވާލި އެވެ.
"މާލިކް" އާހެއްގެ ގޮތުގައި އަހަރެންގެ ނަން ވައިގެ ތެރޭގައި ނަށާލި އެވެ.
"އެކުގައި އުޅެވި، ފާއިތުވެގެން މި ދިޔައީ މަދު ދުވަސްކޮޅެއް ކަމަށްވިޔަސް، ހިތާއި މި ނަފުސުގެ އިހްސާސްތަކުގައި ދިރުން ވަނީ މުޅިއުމުރަށް.. މިއަށްވުރެން ފުރިހަމަ އިހްސާސެއް އިންސާނަން ކުރެވިދާނެކަމަށް އަހަރެން ގަބޫލެއް ނުކުރަން.. އަހަރުމެން ދެމިހުން ބައްދަލުވެ، ދުނިޔޭގެ ގުޅުން ދެމީހުން ދެމެދުގައި އަލާވަމުން ދިޔައީ، އަލަތު ލޯބި އާންމު އިންސާނުންގެ ހިތާއި ނަފުސުގައި އާލާވާ ފަދައަކުން ނޫން.. ފުރަތަމަވެސް ބައްދަލުވީ ބެލެނިވެރިންގެ ގޮތުގައި.. އެއީ ކިހައި ދުވަހަކުން ލިބޭ އިހްސާސެއްކަން އިނގޭނީ އެ މަރުހަލާތަކުގައި ހަރުފަތްތައް ކަޑައްތު ކުރި ބަޔަކަށް.. އެކަމަކު އަހަރުމެންގެ ލޯބީގެ ވިންދު ނަށަމުންއައީ ދަރިފުޅެއްގެ ލޯތްބާ އުފާވެރި ހިނިތުންވުމުގެ ރާގާއެކު.. ދެމީހުން ބައްދަލުވި ދެވަނަ ދުވަހު އަހަރެން ކައިރާ ގާތުގައި ބުނިން، ތިއީ އަހަރެންނަށްޓަކައި އަހަރެންގެ ދުނިޔެކަމަށް! އެއީ ދޮގެއް ނޫން.. އަހަރެން މާނަކުރީ ހަމަ އެގޮތަށް.. މި ގޮތަކަށް އަންހެން ކުއްޖަކާ ބައްދަލުވެ، އަހަރެންގެ މުޅި ދުނިޔެ ބަދަލުވެދާނެކަމަށް، ދުވަހަކުވެސް ހިޔެއް ނުކުރަން... އެކަމަކު ތަގުދީރުގެ ނިޔާއާއި ދެކޮޅުހަދާނީ ކިހިނެއް! އަހަރުމެން ދެމީހުން މިއަދު ދަތުރުކުރަމުން މިދަނީ އެއް ބޯޓެއްގައި.. މިސްރާބު ޖަހާފައިވަނީ އެއް މަންޒިލަކަށް.. ވަރަށް ލަދުވެސް އެބަގަނޭ! ބުނަން އުޅޭ އެތި ދުލަށް ނުގެނެވިގެން މާ ބައިވަރު ވާހަކަ ދައްކަން ޖެހޭތީ، ދޫވެސް އޮޅިދާނެ! ބުނަން މިއުޅެނީ އަހަރެން ކައިރާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ.. އައި ލަވް ޔޫ ކައިރާ.. އައި ލަވް ޔޫ ސޯ މަޗް ޕްރިންސެސް.. އަހަރެންގެ ލޯބީގައި ލިމިޓެއް ނެތް! މިއަށް ނިމުމެއްވެސް ނެތް.. ބްރޭކެއް ވެސް ނެތް.. މުޅި އުމުރު ކައިރާއަށްޓަކައި ހިބައިން ހަވާލުކޮށްފިން.. މި ވަގުތުން ފެށިގެން އަހަރެންގެ ހިތާއި ނަފުސާއި ކޮންމެ އިހްސާސަކީ ކައިރާގެ އަމިއްލަ އެއްޗެއް.. ކޮންމެ ވިންދެއް، ކޮންމެ ނޭވާއެއް ކައިރާއަށްޓަކައި ހަދިޔާކޮށްފިން.. 'އާން' ބަސް ނޫނީ އަޑު އަހާކަށް ބޭނުމެއް ނޫން.. ވިލް ޔޫ މެރީ މީ ކައިރާ؟"
ކިތަންމެ ހިތްގައިމު ވައިރޯޅިއެއް އަހަރެންގެ މި ހިތްވަރުގައި ސަމާސާ ކުރިޔަސް، ނިއްކުރިން ހިއްލަމުންދިޔަ ދަލުގެ ބޮކިތަށް ސިއްރު ނުކުރެވުނެވެ. މި ވާހަކަ ކޮންމެވެސް ސަފްހާއެއްގައި ކައިރާ ލިޔާނެކަން ކަށަވަރެވެ. އިންތިޒާރު ކުރަމުން މިދަނީ އެންމެ ޖަވާބަކަށެވެ.
(ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;