ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

Advertisement
ހަލީލް އިސްތިއުފާ ދެއްވާފައި މިވަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ވިދާޅުނުވި ނަމަވެސް ހަލީލު އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކަށަވަރު ކޮށްދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ހަލީލް އިސްތިއުފާދެއްވީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ނެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރު ކުރުމަށް މިހާރު އޮންނަ 20 އިންސައްތަގެ ރޭޓު 40 އިންސައްތަ އަށް ބޮޑު ކުރަން ނިންމިކަން އެމްއެމްއޭއިން ބުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާއި އެކު އެ އިސްލާހު މަޖިލިހަށް ހުށައަޅުމުން ސަރުކާރުގެ މެޖޯރިޓީ އޮން މަޖިލިހުން މިއަދު ވަނީ އެ އިސްލާހު އެއް ދުވަސް ތެރޭ ފާސްކޮށްފަ އެވެ.