ads
ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް
ބޮޑުއަގުގައި ޑޮލަރު މާރުކުރުމަކީ މަނީލޯންޑާ ކުރުން: މިނިސްޓަރު އިހުސާން
ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަ ނުނަގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ގިނަ ބަޔަކު އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުގައި ސީދާ ޖިނާއީ ކުށެއް ކަމުގަ އެވެ. 

މި ކަމުގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭކަމަށް އޭނާ ވަނީ ފާހަަގަ ކުރައްވާފައި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރު ފައިސާ މާރުކުރަންވާނީ އެކަމުގެ ހުއްދަ އޮންނަ ލައިސެންސް ލިބިފައިވާ ތަންތަނުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގައި ކަމަށެވެ.

އަދި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ކޮންމެ މުއާމަލާތަކަށް އެވްރެޖްކޮށް ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ގާނޫނުގައި އެބަހުރި ކަމަށް އޭނާ  ވިދާޅުވިއިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފަ އެވެ. އަދި ޑޮލަރުގެ ޑިމާންޑް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ގޮތުން އަލީ ހާޝިމް ވަނީ ސީއެންއެމްއަށް ހާއްސަ އިންޓަވިޔުއެއް ދެއްވާފަ އެވެ.

މީގެ އިތުރުން، ފާއިތުވި ޒަމާންތަކުގައި މި ގާނޫނުތައް ތަންފީޒު ނުކުރެވި އޮތުމަކީ އެއީ ދާއިމަށް އޮންނާނެ ސަގާފަތެއް ނޫން ކަމަށާއި، މިހާރު މި ގާނޫނުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިފަދައިން ފިޔަވަޅު އަޅަން ފެށީ ޑޮލަރުގެ މާކެޓް އާދައިގެ ބާޒާރުގެ އުސޫލުތަކުން ބޭރުން މެނިޕިއުލޭޓްކޮށް، ސިޔާސީ ބަޔަކު މިކަމުގެ ތެރެއަށް ވަދެ މަންފާ ހޯދަން އުޅޭކަން ފާހަގަކުރެވިފައިވާތީ ކަމަށް ވެސް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;