ads
އެމްއެމްއޭ މައި އޮފީސް
ބޭންކަށް ޑޮލަރު މާރުނުކުރާ ފަރާތްތައް އާންމުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަން ހާމަކުރަން ނިންމައި އިއުލާންކޮށްފި އެވެ.
Advertisement

އެގޮތުން އެމްއެމްއޭއިން ހާމަކޮށްފައިވާ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއެވެ.

އެމްއެމްއޭ އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކުރަމުންނެވެ. އެގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 20 ޕަސެންޓް ރިސޯޓުންނެވެ. މި 20 ޕަސެންޓް ގެ ތެރޭގައި ހިމެނޭ ގިނަ ރިސޯޓުތަކުން އެކި ސަބަބުތަކާ ހުރެ ލުއިތަކެއް (ކޮންސެޝަން) ދިނުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމުގައިވާ ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ސަފާރީ އަދި ހޯމްސްޓޭ ފަދަ ތަންތަން ހިމެނޭ ކެޓަގަރީ "ބީ" ގެ 48 ޕަސެންޓް ތަނުން ވަނީ ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި މިކަން ކުރިއަށް ނުގެންދަނީ 15 ޕަސެންޓް ތަނުންނެވެ. އަދި 37 ޕަސެންޓް ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެ އެވެ. މިއީ މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ، ގާނޫނުގެ ތެރެއިން އެ ފަރާތްތަކަށް އިތުރު ފުރުސަތު ދީ، ގަވާއިދަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ "ސީ" އަށް ބަލާއިރު، އޭގެ ތެރެއިން 38 ޕަސެންޓް ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކޮށްފައިވެއެވެ. މި ކެޓަގަރީގެ 33 ޕަސެންޓް ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރާއިރު، 29 ޕަސެންޓް ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެ އެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން 30 ޕަސެންޓް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެ އެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ. 

ބޭންކުތަކަށް އަނބުރާ ދެވޭ މި 30 ޕަސެންޓް ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެ އެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެ އެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;