ރައީސް އޮފީހުން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ގެނައި އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރެއްވުމާ އެކު، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މި ބިލުގައި، ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން، ބެންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ދިވެހިރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުއާމަލާތްތަކުގެ ތެރެއިން، އެމްއެމްއޭއިން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ހަމަ މިއާއެކު، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭ އިން އަންގާ ގޮތެއްގެ މަތިން، އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުއާމަލާތްތައް މީގެ ތެރެއިން ރޫޓްކުރަން މަޖުބޫރުވާނެ އެވެ.
ސަރުކާރުން މިހާރު އިސްކަންދޭ ޕޭމަންޓް ސިސްޓަމަކީ "ފަވަރަ" އެވެ. އިންޑިއާގެ ޕޭމަންޓް ސިސްޓަމް "ޔޫޕީއައި"އާ މިފަހުން ގުޅާލީ ވެސް ފަވަރަ އެވެ. ރާއްޖޭގެ ބޭންކްތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ޕްރޮސެސްކުރަނީ ވެސް ފަވަރަގެ ތެރެއިންނެވެ.
ގާނޫނަށް ގެނައި މި އިސްލާހާ އެކު އެމްއެމްއޭ އިން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސުވިޗުގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި، ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ އެވެ. އަދި ޕޭމަންޓް ހިދުމަތްދޭ ތަންތަނުން އެގޮތަށް ބަދަލުވާ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމުގެ ހުއްދަ އެމްއެމްއޭ އިން ދޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;