މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. އަދި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ވަނީ ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކޮށްފައިވާކަން އެމްއެންޑީއެފުން ފާހަގަ ކުރެއެވެ. މި ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލްކަންހުރި ޑްރޯންސް ކަމުގައިވާތީ، މި ހާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށް ޓަކައި ބޭނުން ކުރިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެއިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކޮށްގެން، މި އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި ކަނޑުމަގުން ވަނީ މަސައްކަތް ކުރިކަންވެސް އެމްއެންޑީއެފުން ފާހަގަ ކުރެއެވެ.
ދިވެހި ސަރުކާރުގެ އެދުމަށް އެމެރިކާ ސަރުކާރުން ވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިކަމަށާއި މިގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން ވަނީ ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
" މިއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އަދި ސާވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައެވެ. " އެމްއެންޑީއެފުން ބުނެއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭކަމަށާއި މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;