ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން މެދުވެރިކޮށް މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅި ޕެޓިޝަނަށް ހަފުތާއެއްގެ ތެރޭ 2100އަށް ވުރެ ގިނަ މީހުންގެ ސޮއި ވަނީ ލިބިފަ އެވެ. އަދިވެސް މި ޕެޓިޝަންގައި ސޮއިކުރުމަށް ބާކީ 37 ދުވަސް އެބަ އޮތެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ. އެހެންވެ، މި ޕެޓިޝަނަށް މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ދިއުމަށް ބޭނުންވާ ތްރެޝްހޯލްޑް ހަމަވެފަ އެވެ.
ޕެޓިޝަންގައި އޮތް ގޮތުގައި، މި ބިލުގެ ސަބަބުން އާންމުން ކަންކަމުގައި ބަސް ބުނުމުގެ ހައްގު ވެސް ހަނިވެ އެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު އަބްދުލްހައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
އަދި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.
މީގެ އިތުރުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ވަގުތުން އަނބުރާ ގެންދަން ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ހިމެނޭ ގޮތަށް ހަތް ޖަމިއްޔާއަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައި މި ވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެވެ. އެ އިންތިހާބުގައި ހުރިހާ ސިޓީތަކާއި ބޮޑެތި ރަށްތަކުގެ ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;