ads
ދަރިފުޅު - 43 ވަނަ ބައި
އެޕިސޯޑް 43
Advertisement

ތައިމޫރް ފެނުމާއެކު އަހަރެމެން ދެ މައިން އޭނާއަށް ތައާރަފުކޮށްދިނެވެ. މާލިކްގެ ޖުމުލަ ނުނިމެނީސް ތައިމޫރްގެ ސަމާލުކަން އަހަރެންނާއި ދިމާއަށް މިސްރާބުޖަހައިފި އެވެ. ފުރަތަމަ ފެނިލުމުން ޖެހިލުންވިޔަސް 'ރައްކާތެރިކަން' އިހްސާސްވުމަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. ބޭބެ ފަދައިން ތައިމޫރްއަށްވެސް އަހަރެންގެ ހިތުގައި އުފެދުނީ ގާތް ކުލުނެކެވެ. 

"އައްސަލާމް އަލައިކުމް" ޖެހިލުންވުމާއެކު ސަލާމްއަށް އިސްނެގީމެވެ.

"ވައަލައިކުމުއްސަލާމް... ސުބުހާނައްﷲ... މާ ޝާ ﷲ... ﷲގެ ކުޅަދުންވަންތަކަމާއެވެ! އެކަލާންގެ އުފެއްދެވުންތެރިކަމުގެ ފުރިހަމަކަމާއެވެ! ޔޫ ލުކް ބިއުޓިފުލް! ކޮންފަދަ ނަޒަރަކުން ބަލައިލެވިގެން މާލިކް ކަހަލަ މީހަކު ކަމުދިޔައީ..؟ އެއްގޮތަކަށްވެސް ކައިރާ އާއި މާލިކް އެކަށީގެން ނުވޭ!" ފިލްމީ ގޮތަކަށް، ކެބިންގެ ދޮރުގައި އަތް ވިއްދާލައިގެން ހުރެ ތައިމޫރް ވާހަކަދެއްކި އެވެ. އޭނާގެ ސަމާސާ މިޒާޖު އަހަންނަށް ވަރަށް ކަމުދިޔަ އެވެ.  

ތައިމޫރަކީ 'ޑްރާމާ ކުއީން' އެއްކަމެއް ނުވަތަ 'ޑްރާމާ ކިންގ' އެއްކަމެއް ބުނާކަށް ނޭގެ އެވެ. އޭނާގެ ޖުމުލައިގެ ފަހުބައި ފަހުމުވެސް ނުވި އެވެ. ސަބަބަކީ މާލިކްފަދަ ރީތި، އަދި ފުރިހަމަ ފިރިހެނަކު އަހަރެން ދުވަހަކުވެސް ދެކިފައި ނުވާތީ އެވެ. ނިއްކުރިއަށް ރޫ އަރުވައިލެވުނީ ތައިމޫރް އެ ބުނި އެއްޗެއްގެ މާނަ ނޭގުމުންނެވެ.

މާލިކްއާއި ދިމާއަށް ތަފާތު ގޮތަކަށް ބަލަމުން އައިސް، 'ތައިމޫރް' އިށީނީ ސޯފާގައި އަހަރެންނާއި ދާދި ގާތުގައި އެވެ.

"އޭގެ މާނައަކީ މާލިކްއަކީ އަހަރެން ކަހަލަ، މާ ރީތި ނޫނީ ހޭންޑްސަމް މީހެއްވެސް ނޫން.. ބުނެވިދާނެ، 'އެވްރެޖް'މީހެކޭ..! އަނެއްކޮޅުން ބަލާއިރު، މާލިކްއަކީ ވަރަށް ފޫހި، ބޮލަށް އުނދަގޫކުރާ ޒާތުގެ މުސްކުޅި ގޮތްތަކެއް ގެންގުޅޭ ކޫސަނި މީހެއް..! އެކަމަކު މާ ޝާ ﷲ ކައިރާ، ތިޔަށްވުރެން ރީތި އަންހެން ކުއްޖަކު މި އަހަރު އަހަރެން އަދި ނުދެކެން.. ކައިރާއަށް ލިބޭނެ މާލިކްއަށްވުރެން މާ ފުރިހަމަ، މާ ރީތި، ޒުވާން، ޝައުގުވެރި ފިރިހެނުން.. ކީއްކުރަން މިކަހަލަ ފޫހި މީހަކު އިހްތިޔާރުކުރީ..؟" މާލިކް އާއި ދިމާއަށް ބަލައިވެސް ނުލައި ތައިމޫރުގެ ވާހަކަ ގެންދިޔައީ ކުރިއަށެވެ. 

ބުނާނެ އެއްޗެއް ނޭގުނެވެ. މާލިކްގެ މޫނަށް ބަލާލަންވެސް ނުކެރުނެވެ. ބޭބެ ވަރުގެ ޝައުގުވެރި އަދި މާލިކްއަށް އުނދަގޫކުރާނެ މީހަކު ދުވަހަކުވެސް ނުފެންނާނެކަމަށް އަހަރެންގެ ސިކުނޑި ވަނީ ނިންމާފަ އެވެ. ނަމަވެސް ދިމާކުރުމުގައި ތައިމޫރް ފަހަތަށް ޖައްސައިލެވޭނެ އެހެން އިންސާނަކު ދުނިޔޭގައި ލައްވާފައި ވެދާނެކަމާއިމެދު އަހަރެން ސުވާލު އުފައްދައިފީމެވެ. މާލިކްއާއި ދިމާކުރަން ތައިމޫރްއަކީ މުޅިން 'އެހެން ލެވެލް' އެކެވެ. 

އޭނާ ކިޔާނެ އެއްޗެއް ކިޔަންދެން މަޑުކޮށްލައިގެން މާލިކް އެ އިންނަނީ ކީއްވެބާއޭ ހިތަށް އެރި އެވެ. ނޫން ގޮތަކަށް ވައްކަޅިން މާލިކްއާއި ދިމާއަށް ބަލައިލީމެވެ. ނިއްކުރިއަށް ރޫ އަރުވައިގެން ތިރީ ތުންފަތުގައި ދަތް އަޅައިގެން، ތައިމޫރުއަށް ބަލަހައްޓައިގެން އެ އިނީ ދެން އޭނާ ބުނެފާނެ އެއްޗަކަށް ތައްޔާރުވެގެން ހެންހީވި އެވެ. 

ހިނިއަންނާންވެސް ނުކެރިފައި ތައިމޫރްއާއި ދިމާއަށް ބަލައިލީމެވެ. 

ދެން ޖެހުނު ކަންތައް ކުޑައެއް ނޫނެވެ.

ތުންކޮޅު އޫކޮށްލާފައި ދެލޮލާއި މުޅި މޫނުން ތައިމޫރުގެ މެސެޖްތައް އަހަންނަށް ފޮނުވަން ފެށީ، އޭނާގެ ދިފާއުގައި އެހީތެރިވެ ދިނުމަށް އެދި އެވެ. ހިނި އައީ މާބޮޑަށެވެ. 

ނަމަވެސް ހޭކަށްވެސް ނުކެރުނެވެ. ތައިމޫރް އެ އެދެނީ ވަގުތުގެ ހާލަތާއެކު އޭނާއާއި އަހަރެން އެއްބައި ވުމަށެވެ. އަދި އެ ވާހަކައިގައި އޭނާގެ ކޮޅަށް ވޯޓު ދިނުމަށެވެ. 

ވިސްނާލާފައި ހިންދިރުވައިލީމެވެ. މާލިކްގެ ނަޒަރު ސީދާ، އަމާޒުކޮށްފައި މިވަގުތު ހުރީ އަހަރެންނާއި ދިމާއަށްކަން ކަށަވަރެވެ.

"އޫމްމްމ... ތިއީ މުޅިން ދޮގެއްވެސް ނޫން.. އެކަމަކު.." އަހަރެންގެ ޖުމުލަ ނިންމަން ކީއްކުރަން ހެއްޔެވެ؟ ބުނަން އުޅުނު އެއްޗެއް ދުލުން ބޭރުކުރުމުގެ ފުރުސަތެއްވެސް ނުލިބުނެވެ. 

"ބޯ ގޯސް އިންސާނާ.. ބޮލުގައި ހުރި އިސްތަށިތައް އުފުރާނުލަނީސް، ހަމަ މިހާރު މިތަނުން ނިކުމޭ..!"

އިށީންދެ އިން ގޮނޑިން ފުންމައިގެން ތެދުވެ، ކުއްލިޔަކަށް ތައިމޫރްއާއި ދިމާއަށް މާލިކް ހިނގައިގަތީ އޭނާގެ ދިގު ދެ ފައިން އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. 

"ހެއި ހެއި ހެއި... ތިހެން ބޭރެއް ނުކުރެވޭނެ... މިއީ ހަމައެކަނި މާލިކްގެ ޕީއޭ އެއް ނޫން އިނގޭ.. ސެކިއުރިޓީ އިންޗާޖަކީވެސް އަހަރެން.. ކިހިނެއް މިތަނުން ބޭރުކުރާނީ.." ދެ އަތް އުފުލާފައި ދިފާއުގައި ބުނި ޖުމުލަ ނުނިމެނީސް ކެބިން ތެރޭގައި ދެ މީހުން ދުވަން ފަށައިފި އެވެ. 

އެކަކު އަނެކަކު އަތު ނުޖެހެން ވަރަށް މަސައްކަތް ކުރި އެވެ. މާލިކްއަށްވުރެން ތައިމޫރް މާ ހަލުވި އެވެ. އޭނާގެ ނަފުސު ދިފާއުކުރުން މިވަގުތު މުހިއްމުކަން ބޮޑުކަމުން ކަމަށްވެސް ވެދާނެ އެވެ. ސޯފާ މަތިން ފުންމާލާފައި ގޮސް، ކެބިންގެ ދޮރުމައްޗަށް އޭނާ ނިކުމެއްޖެ އެވެ.

"މިވަގުތަށް ވަކިވެލާނަން.. އަދި އަންނާނަން.. ބައި ބިއުޓިފުލް!" 

އަތް އުފުލާލާފައި އޭނާއަށް ޓާޓާ ކިޔައިލީމެވެ. 

އެއް ލޯ މަރަލާފައި އަހަރެންނާއި ވާހަކަ ދައްކާފައި ހަމަ އެވަގުތު މާލިކްއާއި ދިމާއަށް ބަލައިލި އެވެ. ހިނިގަނޑަކާއެކު ކެބިންގެ ދޮރުލައްޕާފައި ތައިމޫރް ހިނގައްޖެ އެވެ. 

މާލިކްއާއި ދިމާއަށް ބަލައިލެވުނީ ޖެހިލުންވެ އިނދެ އެވެ. ހީވީ ރަގަޅަށެވެ. ނިއްކުރިއަށް ރޫ އަރުވައިގެން މޫނުމައްޗަށް ފޫހި ކުލަވަރެއް އަރުވައިގެން މާލިކް އިނީ ކުޑަކުއްޖަކު ފަދައިންނެވެ. 

އަހަރެން ބަލަން ޖެހެނީ ކުޑަ އެންމެ ކުއްޖެއް ނޫންކަން މިއަދު ޔަގީންވެއްޖެ އެވެ. ކުޑަ ދެ ދަރިން ބެލުމެކޭ، މާލިކްއާއި ބީނިޝް ބެލުމެކޭ ތަފާތެއް ނެތެވެ.

"ޔޫ- އޯ-ކޭ؟" މަޑުމަޑުން  ސުވާލުކޮށްލީމެވެ.

ދެ ލޯ އަޅާލާފައި އަހަރެންނާއި ދިމާއަށް ބަލައިލި އެވެ. މޫޑް ރަގަޅު ނޫންކަން އެނގުމުން ޗޮކެއް ކަނޑާލެވުނެވެ. ހިނިވެސް އައި އެވެ. އެކަމަކު ފާޅުގައި ހޭކަށް ނުކެރުނެވެ.

"ކިހިނެއްވީ؟" އެތަނުގައި ކަމެއް ހިނގިކަމަށްވެސް ނުހަދާ ވަރަށް ސާދާ ގޮތަކަށް ސުވާލުކޮށްލީމެވެ.

"ބީނިޝް ކޮޓަރިއަށް ލާ!" މާލިކް ބުނެލި އެވެ.

ނިއްކުރިއަށް ރޫ އަރުވައިލެވުނީ އިހްތިޔާރަކު ނޫނެވެ.

"ކޮޓަރި..؟"

"އާދޭ.. ދައްކާނަން" 

ގޮނޑިން ތެދުވެފައި މާލިކްގެ ލޮލުން އިޝާރާތްކުރީ ކެބިންގައި ހުރި ފޮތް ހަރުގަނޑާއި ދިމާއަށެވެ.

ވާނުވާ ނޭގިފައި ހުރެވުނެވެ. 

ހަރުގަނޑުން ފައިލެއް ނަގާފައި އެތެރޭގައި އިން ސްވިޗްއަކަށް މާލިކް ފިއްތާލި އެވެ. 

ކުއްލިއަކަށް އެއް ފަރާތަކަށް ފޮތް ހަރުގަނޑު ކެހިގެން ދިއުމުން، އަހަރެންގެ އަނގައިން ނިކުތީ އާހެއްގެ އަޑެވެ. 

ހުޅުވުނު އަނގަ ލައްޕާކަށްވެސް ނޭގުނެވެ. އާޝޯހްވެފައި ހުރެވުނީ ބުދެއް ފަދައިންނެވެ. 

ހަރުގަނޑުގެ އަމިއްލަ ޒާތުގައި އެއްފަރާތަކަށް ކެހިގެން ހިގައްޖެ އެވެ. މިހާރު ފެންނާން ހުރީ ތަނަވަސް ބޮޑު ދޮރެކެވެ.

"ވައޮއއ.... މާލިކްގެ ހަގީގަތަކީ، އަސްލު ކޮބާ؟ ތިއީ ކާކު..؟" 

ތަންމިނަށް ހުޅުވުނު އަނގައިން ނިކުތީ ހިތާއި ސިކުނޑީގައި އުތުރިގަތް ސުވާލެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސީއީއޯއިންގެ ތެރޭގައި މާލިކްގެ ނަން އޮންނަނީ ހަމައެކަނި ދައްކާލާ ދަޅައަކަށް ނޫންކަން ޔަގީނެވެ. އަހަރެންގެ ސިކުނޑި މަސައްކަތްކުރާ އިމުން ބޭރުން މާލިކްގެ ބާރާއި ނުފޫޒު ދަތުރުކުރާކަން ކަށަވަރެވެ.

"އަހަރެން މިއީ ކޮންމެ މީހަކަށްވިޔަސް މައްސަލައަކީ ކޮބާ؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;