އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީގެ ބޯޑުން މިހާރު ވަނީ އިގްތިސާދުގައި ދައުރުވާ ފައިސާ ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ދެ ފިޔަވަޅެއް އެޅުމަށް ނިންމާފަ އެވެ.
އެއީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރްއާރް) މަތިކުރުމާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކޮށްގެން ދައުރުވާ ފައިސާގެ މިންވަރު ދަށްކުރުމެވެ.
މި ނިންމުމާ އެއްގޮތަށް، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއާރްއާރްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓް ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރްއާރް މަޑުމަޑުން އިތުރުކުރަމުން ގޮސް، 2027 ޑިސެމްބަރު މަހާ ހަމައަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަށް ވެސް ވަނީ އަމާޒު ހިފާފަ އެވެ.
އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްއާރުއާރު އެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު މަތިކުރަނީ:
އަންނަ މަސް، ސެޕްޓެމްބަރުން ފެށިގެން %10.5 އިން %11.0އަށް
އަންނަ އަހަރުން ފެށިގެން ކޮންމެ ތިން މަހަކުން މުރާޖައާކުރުމަށް ފަހު ދިވެހި ރުފިޔާގެ އެމްއާރްއާރް މަތިކުރުމަށް
އަންނަ އަހަރުގެ ޑިސެމްބަރާ ހަމައަށް އެމްއާރުއާރު %13 އަށް މަތިކުރުމަށް
އޭގެ އިތުރުން، އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) ފުޅާކޮށް، 10 ބޭސިސް ޕޮއިންޓަށް އިތުރުކުރަން ނިންމާފަ އެވެ. މި ބޭސިސް ޕޮއިންޓުތައް އިތުރުކުރުމުގެ ބޭނުމަކީ މި މުއާމަލާތުން ބޭންކުތަކަށް ލިބޭ އިންޓްރެސްޓް އާމްދަނީ އިތުރުކޮށް، އެ ފައިސާ އެމްއެމްއޭގައި ބަހަައްޓަން ބޭންކުތަކުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
އެމްއެމްއޭއިން ބުނީ، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޯމޯ ހިންގައިގެން ބޭންކިން ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. މިއާ އެކީ ޝޯޓް ޓާމް ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭއިން މި ފިޔަވަޅުތައް އަޅާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 21.60ރ. އަށެވެ. ޑޮލަރުގެ އަގު މަތިވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އަންނަނީ އުފުލެމުުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;