ads
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް - ފައިލް ފޮޓޯ: މަޖިލިސް
މެންބަރުން ޒިންމާދާރުކޮށް، ރިކޯލް ނެގުން- ކޮންމެހެން ގެންނަންޖެހޭ ބަދަލެއް؟
ދިވެހިރާއްޖޭގެ ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ އަޑާއި އިހުސާސްތައް އެންމެ ސީދާ ގޮތެއްގައި ތަމްސީލުކޮށްދޭ ގާނޫނީ މުއައްސަސާ އެވެ. އެ މުހިންމު މަސްއޫލިއްޔަތާއި ޒިންމާ އާ ހަވާލުވެ ތިބޭ މަންދޫބުންގެ ޕާފޯމަންސާ މެދު މަގާމު އަދާ ކުރާ މުއްދަތުގައި މާކްސް ދެވޭނެގޮތެއް ނެތުމުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުން ބޮޑުވެ އިރުއަރަނީ ފޫނުބެއްދޭވަރުގެ އާ ގެއްލުންތަކާ އެކުގަ އެވެ.
Advertisement

ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބުކުރާ މެންބަރުންގެ ޒިންމާދާރުކަން ކުޑަވުމާއި، ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އަމަލުތައް ފެންމަތިވުމާއެކު، މެންބަރުން ވަކިކުރުމުގެ ބާރު ނުވަތަ "ރިކޯލް ވޯޓު" ނެގުމުގެ ބާރު ރައްޔިތުންނަށް ދިނުމަކީ މިއަދު ގައުމީ ފެންވަރުގައި ބަހުސްކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ އަޑާއި އިހުސާސްތައް އެންމެ ސީދާ ގޮތެއްގައި ތަމްސީލުކޮށްދޭ މަންދޫބުންގެ މައްޗަށް އެކުލެވޭ މުއައްސަސާ އެވެ. ނަމަވެސް، އިންތިހާބުކުރާ މެންބަރުންގެ ޒިންމާދާރުކަން ކުޑަވުމާއި، ރައްޔިތުންނަށް "ފިލައިގެން" އުޅުމާއި ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އަމަލުތައް ފެންމަތިވުމާއެކު، މެންބަރުން ވަކިކުރުމުގެ ބާރު ނުވަތަ "ރިކޯލް ވޯޓު" ނެގުމުގެ ބާރު ރައްޔިތުންނަށް ދިނުމަކީ މިއަދު ގައުމީ ފެންވަރުގައި ބަހުސްކުރަން ޖެހިފައިވާ މުހިންމު މައުލޫއެއް ކަމަށް ގިނަ ރައްޔިތުން ތަމްސީލުވާ ހޮޅުއަށި ތަކުގައި އަންނަނީ ބުނަމުން ނެވެ. އަދި މިކަމަށް ގާނޫނޫ ފަންނުގެ މީހުން ވެސް އެއްބަސް ވެއެވެ.

ގާނޫނީ ފަންނުގެ ދާއިރާގެ ބޭފުޅަކު ވިދާޅުވީ މަޖިލިސް މެމްބަރުން ހިމެނޭހެން އިންތިހާބީން ޒިންމާ އަދާނުކުރާ ކަމަށް އެ ދާއިރާއެއްގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ، އެ މީހަކު އެ މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ. 

މިފަދަ ވޯޓަށް ވޯޓުތަކަށް ކިޔަނީ ރިކޯލް ވޯޓު ނުވަތަ ރިކޯލް ރިފަރެންޑަމް، މަގާމަށް އިންތިހާބުވާ ފަހުން އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވިސްނުންތަކަށް ބަދަލުތަކެއް އައިސްފާނެ. އެކަމަކު ރައްޔިތުންނަށް މިޖެހެނީ ފަސް އަހަރުވެ، ދައުރު ހަމަވަންދެން މަޑުކުރަން. އެކަމަކު ރިކޯލް ވޯޓަކަށް ދެވޭ ނަމަ ރައްޔިތުންނަށް އެ ތަނަވަސް ވަނީ އިތުރު ބާރު" އޭނާ ވިދާޅުވި އެވެ.


ކޮންމެ ދާއިރާއަކުން ވެސް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބު ކުރަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ގައުމުގެ ކުރިއެރުމަށް ބޭނުންވާ ގާނޫނުތައް ހެދުމުގައި ބައިވެރިވުމަށެވެ. ރައްޔިތުން ތަމްސީލުކުރާ ބައެއްގެ މައިގަނޑު ބޭނުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމާއި، ދައުލަތުގެ ބަޖެޓާއި ވަސީލަތްތައް އިންސާފުވެރިކަމާއެކު ބޭނުން ކުރެވޭކަން ކަށަވަރު ކުރުމެވެ. މެންބަރަކީ ރައްޔިތުންނާއި ދައުލަތާ ދެމެދު އޮންނަ ފާލަމެވެ. އެހެންކަމުން، މެންބަރުންގެ މަސައްކަތް ބިނާވާންޖެހޭނީ އަމިއްލަ މަންފާއަށްވުރެ ބޮޑަށް، ގައުމީ މަސްލަހަތުގެ މައްޗަށެވެ.

ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައި ވެއެވެ. މީގެ ތެރޭގައި ގާނޫނު ހެދުމާއި، ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ދިރާސާކުރުން ހިމެނެ އެވެ. ނަމަވެސް، މި ޒިންމާތައް އަދާ ކުރުމުގައި އިހުމާލުވާ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް މިހާރުގެ ގާނޫނީ އޮނިގަނޑުގައި ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ. އިންތިހާބުވާ ފަސް އަހަރުގެ ދައުރު ނިމެންދެން، މެންބަރަކު ކޮންމެ ފަދަ "ގޯސް" އަމަލެއް ހިންގި ނަމަވެސް މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެން ނުވެ އެވެ.

އިންތިހާބީ މަންދޫބަކު ޒިންމާދާރު ކުރުމަށް މަސައްކަތްކޮށް، "ރިކޯލް ވޯޓު" ނުވަތަ  ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައި ބޭއްވުމަކީ ހަގީގީ ޑިމޮކްރަސީ އާއި ހިންގުމުގެ ހެޔޮ ހަމަތަކެވެ. މި ބާރު ރައްޔިތުންނަށް ލިބިދިނުމުން، މެންބަރުން އަބަދު ވެސް ތިބޭނީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަމުގެ ބިރުގަ އެވެ. މެންބަރަކު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި، ނުވަތަ ދާއިރާގެ ރައްޔިތުންގެ އަޑު އެއްގޮތަކަށްވެސް ނޭހުމަކީ އެ މެންބަރަކު ވަކި ކުރުމަށް ރައްޔިތުންނަށް ފުރުސަތު އޮންނަންޖެހޭނެ ސަބަބުތަކެވެ. މި ބަދަލު ގެނައުމަކީ މަޖިލީހުގެ ކަރާމާތް ހިފެހެއްޓުމަށާއި، މެންބަރުންގެ ޒިންމާދާރުކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރިކޯލް ވޯޓެއް ނަގާ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭގޮތް ހަދަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައި އެވެ.

އެ ދާއިރާއަކުން އެމީހަކަށް ވޯޓްލީ ކޮންސްޓީޓުއެންސީއަކަށް ގޮސް އެ ނަގާ ރިކޯލް ވޯޓަކުން ފާސްވެއްޖެއްޔާ އޭނާ ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭ ޑިމޮކްރެޓިކް ކޮށް. އެއީ ރައްޔިތުންނަށް ބާރު ދިނުމަކީ. ރައްޔިތުން އޭނާ ހޮވީ ރައްޔިތުން ބޭނުމިއްޔާ ވަކިވެސް ކުރެވެންޖެހޭނެ ދައުރުގެ މެދުތެރެއިންވެސް." 3 މޭ 2025 ގައި ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އެ ތަނުގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެވޭނީ އިހުލާސްތެރި އަދި ޒިންމާދާރު މެންބަރުން ތިއްބަވައިގެންނެވެ. ރިކޯލްގެ ބާރު ރައްޔިތުންނަށް ދިނުމަކީ ހަމައެކަނި މެންބަރުން ބިރުގަންނަވަން ކުރާ ކަމެއް ނޫނެވެ. އެއީ ގާނޫނު އަސާސީގެ މާއްދާ 4 ގައި އެ ބުނާ މަސްދަރު "ރައްޔިތުންގެ ބާރުވެރިކަން" ކަށަވަރުކޮށް، ގައުމުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

މެންބަރުން ޒިންމާދާރުކުރުވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު އެއް ގާނޫނޫ މަސައްކަތެވެ. ރައްޔިތުން އިންތިހާބުކުރާ މެންބަރުން، ރައްޔިތުންގެ އިތުބާރު ގެއްލުވާލައިފި ނަމަ، އެ މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރު ރައްޔިތުންނަށް އޮތުމަކީ ވޭތުވެދިޔަ 18 އަހަރުގެ ތަޖުރިބާއިން ދައުލަތް ހަމަ މަގަށް އެޅުވުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލެކެވެ. އޭރުން މަޖިލީހަކީ ހަގީގީ މާނައިގައި "ރައްޔިތުންގެ" މަޖިލީހަކަށް ވެގެންދާނެ ނޫންތޯ އެވެ.

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތް އެއް ގޮތެއް ކަމަށް ފެންނަނީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "އިންތިހާބީ ދައުރުގައި ސިޔާސީންގެ ރިކޯލްއެއް ނެގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުން ހޮވޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމާ އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް

ނަތީޖާ:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ވޯޓް ދިން މީހުންގެ 50 އިންސައްތަ އާއެކު 1 ވޯޓުން އިންތިހާބުވާ މީހުން ހޮވުން

މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން  ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;