އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުން ކުރުމެއް ނެތި، މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ފައިސާ ފޮނުވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން، ލިބޭ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗައެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޔޫޕީއައި އާ ގުޅާލެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފަ އެވެ.
މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އިންޑިއާގެ އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށުނު ފުރަތަމަ ގައުމަކީވެސް ރާއްޖެ އެވެ.
ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، ކޮންމެ ކަސްޓަމަރަކަށް ވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހުތިޔާރު އެ ބޭންކަކަށް ލިބިގެންވެ އެވެ.
އެމްއެމްއޭން ބުނި ގޮތުގައި، ކުރިއަށް ހުރި ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރު މެދުވެރިކޮށް ފައިސާ ދެއްކުމާއި އިތުރު ޑިޖިޓަލް ހިދުމަތްތައް ވެސް ތައާރަފުކޮށް، ދެ ގައުމުގެ މާލީ ގުޅުން އިތުރަށް ވަރުގަދަވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;