ބޭންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.
ހަމައެކަނި މި އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ބީއެމްއެލްއަށް ވަނީ ލިބިފައެވެ. މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެއްކަމަށް ބޭންކުން ދެކެއެވެ.
ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ހަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ. ބޭންކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުން، އާމްދަނީއާ އަޅާބަލާއިރު ހިންގުމުގެ ހަރަދު ވަނީ 28 އިންސައްތައިގައި ހިފެހެއްޓިފަ އެވެ.
ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، މިދިޔަ މަހާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބީއެމްއެލްގެ އުފެއްދުންތަކަށާއި ޑިޖިޓަލް ހިދުމަތްތަކަށާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް އެ ބޭންކުން އަންނަނީ އިންވެސްޓް ކުރަމުންނެވެ. މިދިޔަ ހަ މަހަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ:
ގެދޮރުވެރިކަމުގެ ފައިނޭންސިންއަށް އޮތް ފުރުސަތުތައް ފުޅާކުރުން
މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުން
ލީޑަޝިޕް ތަރައްގީކުރުން ހަރުދަނާކުރުން
ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން
އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;