ads
ދަރިފުޅު - 40 ވަނަ ބައި
އެޕިސޯޑް 40
Advertisement

އަހަރެންގެ ބަހުރުވައާއި ބަސްބުނުމުގައި ގެންގުޅޭ ސީދާކަން ކައިރާއަށް ކަމުދާކަން ޔަގީނެވެ. އޭނާގެ ތުންފަތްމަތީން ފެނުނު ހިނިތުންވުން އެއިގެ ހެއްކަކަށް ފުދެ އެވެ.

"ބޭނުން ވެގެންތަ ތި އެދުނީ..؟" އަހަރެންގެ މޫނުގައި ފިރުމާލާފައި ވަރަށް ލޯބިކޮށް ކައިރާ ސުވާލުކުރި އެވެ.

"މިހިތުގެ އެންމެ އަޑިން، ސްވީޓްހާޓް..! ހަމައެކަނި މިކަމުގައި އަހަރެން ބޭނުމީ ކައިރާގެ ބޭބެ އާއި ދަރިފުޅުގެ އިޒުނަ.. އެއްވެސް ކަމަކަށް ކައިރާއަށް މަޖުބޫރެއް ނޫން.. އަހަރެންނާއި ދޭތެރޭގައި ޔަގީންކަން ނެތިއްޔާ ވަގުތު ނަގައިގެން ވިސްނާ.. ކައިރާގެ 'ޔެސް' ނޫނީ އަޑުއަހާކަށް ބޭނުމެއް ނޫން.." ބޭނުންވާ ގޮތް ސާފު ސީދާ އިބާރާތުން ހާމަކުރީމެވެ. 

ކައިރާގެ މޫނުމަތީން މާޔޫސްކަން ފެނުމުން އަހަރެންގެ ހިތަށްވެސް ތަދުވި އެވެ.

"މި ބުނި އެއްޗެއްގެ މާނައަކީ ތިއެއް ނޫން"

"ދެން..؟"

"އަހަރެންނާއި ކައިވެނިކުރަން މާލިކް ބޭނުންވާކަން، މާލިކްއަށް ޔަގީންތަ؟''

"ހޫމް.. ޔެސް! ވަރަށް ބޮޑަށް ޔަގީން..! އަހަރެން ކައިރާ ބޭނުން.. އަހަރެންގެ މި ނަފުސަށް ކައިރާ ބޭނުން!"

"އަހަރެންގެ ކިބައިގައި އުނި ކިތަންމެ ސިފައެއް ހުރޭ.." 

ވައިރޯޅިއަށް ސިއްރުން ބުނެލިޔަސް އޭނާގެ އެ ޖުމުލަ މާލިކްގެ ހިނދުރިއާއި ހަމައަށް ފޯރި އެވެ.

"އެއިން ކޮންމެ ސިފައެއްގައި އަހަރެން ބޮސްދޭނަން.. އެއިން ކޮންމެ ޖަޒްބާތެއްގައި އަހަރެން ލޯބިކުރާނަން.. އުނިސިފައެއް ނެތް އިންސާނަކީ ކާކު..؟ އަހަރެންގެ އުނިސިފަތަށް މާގިނަ ވެދާނެ! ﷲގަންދީ ހުވާކޮށްފައި ބުނަން، ކައިރާގެ ކޮންމެ ސިފައެއް ދެކެ އަހަރެންގެ ހިތުގެ އެންމެ އަޑިން ލޯބިކުރާނަން..!" ޖެހިލުމެއް ނެތި އަހަރެން ބުނީމެވެ.

"މާލިކް.." ކަރުނައިގެ ތެރެއިން އާހެއްގެ ގޮތުގައިވެސް ބޭރުވީ އަހަރެންގެ ނަމެވެ. 

ޕްރިންސެސް، އިންސާފެއް ނެތް މިންވަރަށްވެސް މި ދުނިޔޭގައި އަނިޔާ އާއި ވޭން، ބީނިޝް އާއި ޕްރިންސެސް އުފުލައިފި.. ބިރުވެރި އެތައްކަމެއް ތަހަންމަލް ކޮއްފި.. އެއީ މާޒީ! މިއީ އުފާކުރަންވީ ވަގުތު.. މިއީ އަމިއްލަ ހައްޓާއި އަމިއްލަ ނަފުސަށްޓަކައި ދިރިއުޅެން ތައްޔާރުވާންވީ ވަގުތު.. މިއީ އުފަލާއެކު ހިނިތުންވެ، ދުނިޔޭގެ ތާޒާ ވައިގެ ތެރޭގައި ނޭވާލާންވީ ވަގުތު.. އަހަރެންގެ ފެންވަރާއި ތަނަވަސްކަމާއި ހިތްވަރު ހުރިވަރަކުން ބީނިޝްއާއި ޕްރިންސެސްގެ ދުނިޔެ، އިން ޝާ ﷲ އުފާވެރިކަމުގެ ބިންގަލުގައި އަބާދު ކޮށްދޭނަން.." ވައުދުވީމެވެ. 

އިން ޝާ ﷲ ފުރިހަމައަށް ފުއްދުމުގެ ހެޔޮ ނިޔަތުގައި އެވެ.

ދެ ލޮލުގެ ތެރެއިން ވިދާލި ކަރުނައާއެކު ކައިރާ ހިނިތުންވި އެވެ. 

ނިއްކުރީގައި ބޮސްދީފައި ކައިރާގެ ކޯތާފަތް ފޮހެލައިދިނީމެވެ. 

"ކޮންމެ އިންސާނަކުވެސް އުފައްދަވާފައި ވަނީ އުނި އެތަށް ސިފައަކާއެކު.. އެ ސިފަތަކާއި އެކަންކަން އަހަރުމެން ދެމީހުން އެކުވެ، ޓީމެއްގެ ގޮތުގައި ފުރިހަމަ ކުރާނީ، އިން ޝާ ﷲ" އަހަރެން ބުނީމެވެ.

"އެއްވެސް ކަމެއްގައި އަވަސް އަރުވާލާކަށް ބޭނުމެއް ނޫން.. މިކަން ކުރަން ބޭނުމީ ފުރިހަމަ ވަގުތުދީގެން.. އެއީ ބީނިޝްއަށްޓަކައި" އަހަރެންގެ ލޮލަށް ބަލައިލާފައި، މަޑުމަޑުން ކައިރާ ބުންޏެވެ.

"ފުރަތަމަ ކަމަކީ، ކައިރާ ބޭނުން ގޮތަކަށް ވަގުތުގެ ބޭނުންކުރަންވީ.. އެކަމަކު ހަމައެކަނި ބީނިޝްއަށްޓަކައެއް ނޫން.. އަމިއްލަ އުފަލާއި އަމިއްލަ އިހްސާސްތަކާއި އަމިއްލަ މިނިވަންކަމާއި ތި ހިތުގެ ޖަޒްބާތުތަކަށްވެސް ވިސްނަންވާނެ.. އޯކޭ؟" ކައިރާގެ އަމިއްލަ ހާލަށް އޭނާ ވިސްނުމުގެ ސަފްހާގައި، ހަވާސާ އަޅާންވެސް އޭނާ އަދިވެސް ބޭނުމެއް ނުވެ އެވެ.

"އަހަރެންގެ ދުނިޔެއަކީ ބީނިޝް.. އަހަރެންގެ ހަޔާތަށް ބީނިޝް ނައިނަމަ، ފުންމިން ނޭގޭ މާސިންގާ ކަނޑަށް އެ ރޭ އަހަރެން ފުންމާލާނީ އެކަނި ހާލަށް..! ފެނުމަތީގައި އޮވެވޭނެ ފަދައަކަށް އަހަރެން ނުވިސްނާނެ.. ފުރާނަ ސަލާމަތްވާނެތޯ ނޫންތޯ އަހަރެންގެ ހިޔާލަށްވެސް ނާންނާނެ.. އެކަމަކު އެންމެ ފަހު ނޭވާއަށްވެސް ހިތްވަރުކުރީ، އަހަރެންގެ ދަރިފުޅަށްޓަކައި..! ކޮންމެ ހާލެއްގައިވިޔަސް، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް އަހަރެން ނުވީމުސް.. އެއަށްވުރެން ހިތަށް ފަސޭހަ...... .... " އަސަރާއެކު ކައިރާ ބުންޏެވެ. 

އޭނާގެ ޖުމުލައިގެ ފަހު ބައި ނުނިންމީތީ އަލްހަމްދު ލިއްލާހި އެވެ.

އިތުރަށް އެވާހަކަ ނުދެއްކުމަށް އަހަރެން ބުނީމެވެ. 

އެ ހަނދާންތަކާއި އެ ބިރުވެރިކަމަކީ ކައިރާގެ މާޒީ އެވެ. 

މިވަގުތަކީ ކައިރާއާއި އަހަރުމެންގެ މުސްތަގްބަލަށް ވިސްނާންވީ ވަގުތުކަން ހަނދާންކޮށްދިނީމެވެ. 

އަހަރެންގެ ބަސް ގަބޫލުކޮށް އެއްބަސްވެ، އަމިއްލަ ދެ އަތުން ދެ ލޯ ފޮހެލާފައި ހިނިތުންވެލީތީ، ﷲތައާލާއަށް ހަމްދާއި ޝުކުރުކުރީމެވެ.

"އަދިވެސް އަހަރެންނާއި ކައިވެނިކުރާން ބޭނުންތަ؟" ނުހަނު ފަރުވާތެރިކަމާއެކު އަހަރެންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި މަޑުމަޑުން ސުވާލުކޮށްލި އެވެ. 

ލިބުނު އުފަލާއި އަރާމު ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ 

މަޑުމަޑު ދެ އަތުގެ ފިރުމުން އިހްސާސްކުރުމަށް އަހަރެންގެ ދެ ލޯ މަރައިލީމެވެ. 

ކައިރާގެ ކޮންމެ ފިރުމާލުމަކީ އަހަންނަށް ފަރުވާއެކެވެ. އޭނާގެ ބީހިލުންތަކަށް އަހަރެންގެ ހިތް އެދޭ މިންވަރު ބުނުމަށް ދުލުގެ ރުހުމެއް ނުލިބުނެވެ.

"ޔެސް، ބޭބީ..! ވީ އެންމެ އަވަހަކަށް... އެކަމަށް ކައިރާ ބޭނުންވި ކޮންމެ ވަގުތަކަށް އަހަރެން ތައްޔާރު"

"މާލިކް" މަޑުމަޑުން ކައިރާ، އަހަރެންގެ ނަމުން ގޮވައިލި އެވެ. 

ހޫމްމ އަޅުވައިލީމެވެ. 

އެ އަޑަށް އަހަރެންގެ ހިއްސުތަކުގައި ތަޅުއެޅުވުމަކީ ފަސޭހަކަމެއް ނޫނެވެ. 

ދީވާނާ ކުރުވާފަދަ ބާރުގަދަ ޖަޒްބާތަކުން އަހަރެންގެ ހިތް މޮޔަކޮށްލާހައި ކުޅަދާނަކަން މި އަންހެން ކުއްޖާއަށް ލިބިގެންވާކަން ސާފުބަހުން ބުނެދިނުމަށް އަހަރެން ނުކުޅެދެ އެވެ.

"އަހަންނަކީ ކާކުކަމާއި އަހަރެންގެ ހަގީގަތް މާލިކްއަށް ވަރަށް ސާފުކޮށް ބުނެދީފިން.. އަހަންނަކީ 'ރޭޕް ކޮއްފައިވާ' ބަދުނަސީބު އަންހެން ކުއްޖެއް.. ވަންނާނެ ތަނެއް ނެތި، މާލޭގެ އެކިސަރަހައްދުތަކާއި ޕާކުތަކުގެ ގާ އަށިތަކާއި، ޖޯލި ފަދަ ތަންތަނާއި ރެސްޓޯރެންޓްތަކުގެ ބަދިގެއަކީ އަހަރެންގެ ހިޔާވަހި ކަމުގައި ބަލައިގެން އުޅުނިން.. ކޮންމެ ގޮތަކުންވިޔަސް އަހަރެންގެ ބޯކޮޅު ހޯދައިގެން، ކޮންމެވެސް ބަޔަކަށް އަހަރެން ވިއްކާލައި އިންސާނީ ވަގުފާރީގައި ޝިކާރަކުރާން އުޅުނު 'ނަން' އަހަރެންގެ ބޮލުން ފޮހެ ނުލެވޭނެ.. މި ހަގީގަތް މާލިކްއަށް ބަލައިގަނެވޭތަ؟" ހަގީގަތާއެކު ކައިރާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ދެމިގަތެވެ.

"ކައިވެންޏަކީ އަމާންކަމެއްތަ؟ ކައިވެންޏަށްފަހު ނުރައްކަލެއް ނުވަތަ ބޭއިންސާފެއް ކުރިމައްޗެއް ނުވޭތަ؟ ހިތްދަތިކަމެއް ނާއުއްމީދެއް އެ ދިރިއުޅުންތަކުގައި ނުވޭތަ؟ ކައިރާގެވެސް އޮތީ މާޒީއެއް! އަހަރެންގެވެސް މާޒީއެއް އެބަ އޮތް! އެއް ތަރާދަކުން ދެމީހުންގެ ސަފްހާތަށް ކިރާކަށް އަހަރެން ނެތިން.. މިއީ ކައިވެނީގެ ގޮށުން އަހަރުމެން ދެމީހުން ގުޅެން މަނާކުރާންޖެހޭ ސަބަބެއްތަ؟ ނޫނީ.. އަހަރެންނާއި ކައިވެނިކުރާން ކައިރާ އިންކާރު ކުރަނީތަ؟" ސާފު ޖަވާބު ބޭނުންވާތީ ސާފު ސުވާލު ކުރީމެވެ.

"ނޫން.. އިންކާރެއް ނުކުރަން! މިކައިވެނި ކުރާން އަހަރެންވެސް ބޭނުން"

"ދެން، މި ކައިވެންޏަށް އިންކާރުކުރާންޖެހޭ ސަބަބަކީ ކޮބާ؟" ކައިރާގެ ޖަވާބު ބޭނުންވާތީ ސުވާލުކުރީމެވެ. 

"ބުނާނެ އެއްޗެއް ނޭގެ.." (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;