1998 ވަނަ އަހަރު ފްރާންސް ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޒިދާން އެންމެފަހުން ކޯޗުކަން ކޮށްފައިވަނީ ކްލަބް ލެވެލްގައި ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށެވެ. އަދި 2021 ވަނަ އަހަރު ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވިފަހުން އޭނާ އެހެން ޓީމަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ.
ފްރާންސްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލްކުރާ ޒިދާން ބުނީ ފްރާންސް ގައުމީ ޓީމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
ވޯލްޑް ކަޕަށް ފަހު، އެ ޓީމުގެ ކުރީގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ، 14 އަހަރުވަންދެން ކާމިޔާބުކަމާ އެކު އޭނާ ހޭދަކުރި މަގާމު ދޫކޮށްލާފަ އެވެ. ވޯލްޑް ކަޕަށް ފަހު އެ މަގާމު ދޫކޮށްލާނެކަން އޭނާ އިއުލާން ކުރީ މީގެ އެއް އަހަރު ކުރިންނެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޗުކަމަށް ހަމަޖެއްސީ ޒިދާނެވެ. ވޯލްޑް ކަޕްތެރޭގައި އެފްއެފްއެފުން ވަނީ އުމުރުން 54 އަހަރުގެ ޒިދާނާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
ފްރާންސް ގައުމީ ޓީމުގެ އާ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު، ޕެރިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ޒިދާން ހާޒިރުވެ: އޭނާ ބުނީ މިދިޔަ ހަތަރު އަހަރު ކްލަބްތަކުން ލިބުނު ހުރިހާ ހުށަހެޅުމަކަށް ނޫނެކޭ ބުނީ ފްރާންސްގެ ކޯޗުގެ މަގާމަށްޓަކައި ކަމަށް. - ފޮޓޯ: އެއެފްޕީ
ޒިދާންގެ އަމާޒަކީ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއެކު ހޯދި ކާމިޔާބީތައް، ކޯޗެއްގެ ގޮތުގައިވެސް ތަކުރާރުކޮށް، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އަދި ވޭތުވެދިޔަ 14 އަހަރު ކުރީގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އާއި އޭނާގެ ސްޓާފުން ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކުރާ ކަމަށްވެސް ޒިދާން ފާހަގަކުރި އެވެ.
ފްރަންސްގެ ކޯޗުކަމުގެ ރަސްމީ މަސައްކަތްތައް ޒިދާން ފަށާނީ އަންނަ ހޮބިހިރު ދުވަހުން ފެށިގެންނެވެ. އަދި އޭނާގެދަށުން މަސައްކަތް ކުރާ ކޯޗިން ޓީމު އައްޔަން ކުރާނީ ސެޕްޓެމްބަރު މަހު އެވެ.
އޭނާގެ ކޯޗުކަމުގެދަށުން ފްރާންސަށް ފުރަތަމަ އޮތީ ޔޫއެފާ ނޭޝަން ލީގުގެ މެޗުތަކެވެ. ސެޕްޓެމްބަރު މަހު ކުޅޭ އެ މެޗުތަކުގައި ފްރާންސުން ނުކުންނާނީ ތުރުކީ އަދި ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި އޮކްޓޯބަރު ދެވަނަ ދުވަހު އިޓަލީއާ ދެކޮލަށް ވެސް ކުޅޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;