ޕްރަދަން މިއަދު ވަނީ، މަގާމުން އިސްތުފާ ދެއްވައި، އެކަމުގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މިއީ "މި ހާލަތުގެ ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަ ނުދިނުމަށާއި، ގައުމީ އެއްބައިވަންތަކަން ދެމިއޮތުމަށާއި، އިންޑިއާގެ ދަރިވަރުން ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ނުގޮސް، އެކުދިންގެ ތައުލީމަށާއި މުސްތަގުބަލަށް ސަމާލުކަން ދެވޭނެކަން ކަށަވަރުކުރުމަށްޓަކައި" ނިންމެވި ނިންމެވުމެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާއި "ނީޓް" އިމްތިހާނު ލީކުވެ އަލުން އިމްތިހާނު ހަދަން ޖެހުނު މައްސަލައިގެ ތެރޭ ވިއްސަކަށް ދަރިވަރުން މަރުވެފައި ވާއިރު އެއިން ކޮންމެ ކުއްޖެއްގެ އާއިލާއަށް 10 މިލިއަން ރުޕީސް (103,223 ޑޮލަރު) ގެ ބަދަލު ދިނުމަށާއި މުޒާހަރާއާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޒުވާނުން ވަނީ ޑިމާންޑްކޮށްފަ އެވެ.
މި އިސްތިއުފާއާ އެކު ނިއުދިއްލީގެ މައި މުޒާހަރާ ސަރަހައްދުގައި ވަނީ އުފާ ފާޅުކުރުންތައް ފެށިފަ އެވެ. ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ "އަޅުގަނޑުމެން މިކަން ކާމިޔާބުކޮށްފިން" ކަމަށް އިއުލާނުކުރުމާ އެކު، ތާއީދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށް، ގައުމީ ޝިއާރުތައް ގޮވާފަ އެވެ.
މެޑިކަލް އެންޓްރެންސް އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން ޖޫން މަހު ފެށުނު މި މުޒާހަރާތަކަކީ، 2014ގައި ބޮޑުވަޒީރު ނަރެންދުރާ މޯދީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އޭނާގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;