ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެންޑީ ބާންހަމް، އަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ކިޔުއްވާ ފޮނުއްވި ސިޓީފުޅުގައި އެވެ.
ރައީސްގެ ސިޓީފުޅުގައި ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީހީ ރަހުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރެއްވި އެވެ.
އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިގުތިސާދީ ތަރައްގީގައި އިނގިރޭސިވިލާތުގެ މުހިންމު ހިއްސާ ފާހަގަކުރައްވާ، ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސްގެ މި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު ބާންހަމަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައި ވެއެވެ.
އުމުރުފުޅުން 56 އަހަރުގެ ބާންހަމް އަކީ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރެވެ. އެ ސަރަހައްދުގައި އޭނާއަށް ވަނީ “ކިންގް އޮފް ދަ ނޯތު” ގެ ނަމުން ލަގަބު ދެވިފަ އެވެ. މީގެ އިތުރުން، 2001 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުގައި އޭނާ ވަނީ ވަޒީރުކަންވެސް ކުރައްވާފަ އެވެ.
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް: އޭނާ ވަނީ މިއަދު ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފައި. -
ބާންހަމް ވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ 7 ވަނަ ބޮޑުވަޒީރަށެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގެން ޑައުނިން ސްޓްރީޓަށް ވަޑައިގަތުމުން ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;