ބައްޔަކަށް ފަރުވާކުރަން ވިޔަސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ 40 ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެތީ އެކަމުން ރައްކާތެރިވެ ދުރުހެލިވުމަށް ގޮވާލާ ސިހުރާއި ރުގްޔާގެ ތަފާތު މިއަދުގެ ހުކުރު ހުތުބާގައި ކިޔާދެއްވައިފި އެވެ.

Advertisement
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ސިހުރު ހާހޫރަ ހެދުމުގެ ނުބައިކަން މި މައުލޫގެ މައްޗަށެވެ.
ހުކުރު ހުތުބާގައިވަނީ ސިހުރު ހާހޫރަ ހެދުމުގެ ނުބއިކަމުގެ އިތުރުން ސިހުރު ހާހޫރަ ހަދާ މީހުންގެ ކައިރިން ކަމަކަށް އެދިގެންދާ މީހުންގެ މައްޗަށްވެސް ހުރި ނުރައްކަލާ ބިރުވެރި ވާހަކަތައް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔާ ކައިރިޔަށްދާ މީހުންނަށްވެސް ހުރި ގެއްލުމާއި ހަލާކުގެ ވާހަކަތައް ހުތުބާގައި ވަނީ ބަޔާންކޮށްދެއްވާފަ އެވެ.
" ކީރިތި ރަސޫލާ ހަދީސް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ." ހުތުބާގައި ވެއެވެ.
މީގެިއތުރުން ސިހުރުވެރިޔާ ދައްކާ ވާހަކަ ގަބޫލުކޮށްފިނަމަ އޭނާގެ މައްޗަށް ހުރި ނުރައްކަލުގެ ވާހަކަވެސް ހުތުބާގައި ވަނީ ބަޔާންކޮށްދެއްވާފައެވެ..
" އަދި އެފަދަ މީހަކު ބުނާ ބަހެއް ގަބޫލުކުރާ މީހާއާ މެދު ކީރިތި ރަސޫލާ ހަދީސް ކުރައްވައިފައި ވެއެވެ. (مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِـمَا يَقُوْلُ، فَقَدْ كَفَرَ بِـمَا أُنْزِلَ عَلَى مُحَمَّدٍ) މާނައީ: "ސިހުރުވެރިޔެއް ނުވަތަ ކާހިނެއް ކުރެން ކަމަކާ މެދު ސުވާލުކޮށް، އޭނާގެ ވާހަކަ ޤަބޫލުކޮށްފި ނަމަ، މުހައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެކަން ކަށަވަރެވެ." ހުތުބާގައިވެއެެވެ.
ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި އާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަވެރިކަން އުފެދޭކަން ފާހަގަކުރައްވަމުން އެ ފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލާން ހުތުބާގައިވަނީ ގޮވާލައްވާފައެވެ.
" މި ފަދަ ބާތިލު ވަހުމްތަކާއި ޝައްކުތަކުން އަހަރެމެންގެ ހިތްތައް ސަލާމަތްކޮށް، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެ ހަޒުރަތަށް ދުއާ ދެންނެވުމެވެ." ހުތުބައިގައިވެއެވެ.
ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަގީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫންކަމަށްވެސް ހުތުބާގައިވަނީ ގޮވާލައްވާފަ އެވެ.
" މުސްލިމުންގެ އަޤީދާއަކީ ކޮންމެ ނިއުމަތަކާއި ކޮންމެ މުސީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުލު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ހާއްސަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިތާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް ﷲގެ މަތީން ހަނދުމަކޮށް، އެކަލާނގެ ހަޒުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ." ހުތުބާގައި ވެއެވެ.
ކަމަކަށް ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުއީ ރުޤުޔާގެ ސައްހަ މަގުންކަން ފާހަގަކުރައްވަމުން އެ މަގުން ރުގްޔާ ކުރާ މީހުން ކުރާނެ ކަންކަމާއި ނުކުރާނެކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްދެއްވާފައެވެ.
"ޝަރުއީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ އަރިހުން ސާބިތުވެފައިވާ ދުއާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވެއެވެ. ސައްހަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެއެވެ. ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެއެވެ. އަދި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ހިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެއެވެ." ހުތުބާގައި ވެއެވެ.
މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަމެވެ. އެ ފަދަ ކަންތަކަށް ތިބާ ތަބާ ނުވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.