އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގަ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑިހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީން ކޯސް ނިންމައި 255 ދަރިވަރުން ހުވާކޮށްފައިވެ އެވެ. އެއީ 72 ވަނަ ކޯހުގެ 138 ދަރިވަރުންނާއި 73 ވަނަ ކޯހުގެ 117 ދަރިވަރުންނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 72 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ މި އަހަރުގެ މާޗް 7 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ސަދަން އޭރިއާ ކޮމާންޑްގެ އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ.
އަދި 73 ވަނަ އަސާސީ ތަމްރީން ކޯސްވެސް ކުރިއަށް ގެންގޮސްފައިވަނީ ހަމަ އެ ތާރީހުން ފެށިގެން ހަތަރު މަސް މުއްދަތަށް ގިރިފުށި ޓްރެއިނިން ސެންޓަރުގަ އެވެ.
އެ ދެ ބެޗުގެ ދަރިވަރުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ.
އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަހުލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;