ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫތީން ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ވަނީ ހަމަލާތައް ދީފައެވެ. އަބްހާ އެއާޕޯޓަށް ހޫތީން ހަމަލާދީފައިވަނީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. މި ހަމަލާ ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާގައި އޮންނަ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެ އެވެ. މިއީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ނިސްބަތުން ހަމަހިމޭންކޮށް އޮތުމަށްފަހު، ހޫތީންނާއި ސައުދީއާ ދެމެދު ހިނގި އެންމެ ބޮޑު އެއް ކުރިމަތިލުމެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވަނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައި ތިބި ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވިއެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން ވަނީ ދީފަ އެވެ.
ބަޔާނުގައި ބުނީ ސަރަހައްދީ ސުލްހަވެރިކަމާއި އަމާންކަން ގާއިމުކުރުމަށާއި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި، މަޝްވަރާގެ މަގު އިހްތިޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކޮށް، ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހަރުދަނާ ހާރިޖީ ސިޔާސަތުތަކެއް ގެންގުޅުމަށް ބާރުއަޅާ ކަމަށް ވެސް ރާއްޖޭން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;