އެޕިސޯޑް35
އަހަރެންގެ ސިކުނޑިއަށް އަރައި ފައިބަމުންދިޔަ ބިރުވެރި ހިޔާލްތަކުން މުޅި މީހާ ތުރުތުރު އަޅާން ފަށައިފި އެވެ. އެކަމަކު ކައިރާއަށްޓަކައި ކެތްކުރާނަމެވެ.
"ފަރުވާކޮށްފައި ހޮސްޕިޓަލުން ދޫކޮށްލިޔަސް، 'އިންޓަރނަލް ބްލީޑިންގ' ނުހުއްޓޭ! ރިހޭ ރިހުމަށް ކެތްކުރެވުނީ ކިހިނެއްކަމެއްވެސް ނޭގެ.. ލޮލުފިޔައެއް ޖަހައިނުލައި ކިތަށް ރޭ ފާއިތުވިކަމެއް ނޭގެ.. އެހާލުގައި، އަމިއްލަ ގޭގެ ހަތަރު ފާރު ތެރޭގައި އުޅުމަކީ ކެތްވާވަރު ކަމަކަށް ނުވި.. އަހަރެން ނިންމީ އެތަނުން ނިކުމެގެން، އެ އަޒާބުން ސަލާމަތްވާން.. ގައިގައި ނެތް ހިތްވަރު ނެރިގެން އަހަރެންގެ އެންމެ މުހިއްމު އެއްޗެހިތަކާއި ކޮންމެވެސް ވަރަކަށް އަންނައުނު ފޮއްޓަށް އަޅައިގެން ގެއިން ނިކުތިން..! ދާނެ ތަނެއް ނުވަތަ ވަންނާނެ ވަކި މަންޒިލެއް އަހަރެންގެ ލޯ ކުރިމަތީގައި އޮތީއެއް ނޫން.. ބޯ ހިޔާވާނެ ތަނެއްވެސް، އެހީއަށް އެދި އަތް ދިއްކޮށްލާނެ މިސްރާބެއްވެސް ނެތް.. ހިތާއި ސިކުނޑިއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެވުނީ، ހަޔާތުގެ ދަތުރު މިއަށްވުރެން ދެން ބިރުވެރި ނުވާނެކަން..! މަގުތަކުގައި ހިނގަމުން، ވަރުބަލިވުމުން އިށިންނަމުން، ދަތުރުކުރީ، ކުރިމަގެއް އަދި މަންޒިލެއްވެސް ނެތި..! އަންހެނަކަށްވެފައި އަދި އުފުލަމުންދިޔަ ވޭނަކީ އާދައިގެ ރިހުމަކަށް ނުވާތީ އިތުރަށް ވިސްނާންޖެހުނު.. އެއް ޕާކުން ހިލަ ގޮނޑިއެއްގައި، އަނެއް ޕާކުން ޖޯލިފައްޗެއްގައި ނިދައިގެން ތިންހަތަރު ރޭ ހޭދަކުރިން.. ފެންވަރު ރަގަޅު ވަޒީފާއަކަށް ދިއުމަށް އަހަރެންގެ ހާލަތު ތަނެއް ނުދޭ.. ހިފައިގެން އުޅޭ ފޮއްޓާއެކު ޒަރޫރީ ބޭނުންތަށް ފުއްދޭނެ ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވި.. ނަސީބުގައި ވިންދެއް ހުރީތީ ދިމާވި އޯގާތެރިއެއްގެ އެހީގައި ރެސްޓޯރެންޓެއްގެ މޭޒު ސާފުކޮށްލައި ތަށިތައް ދޮވެލައިގެން ރެއާއި ދުވާލުގެ ބަނޑުހައިހޫނުކަން ފިލުވިން.. އަހަރެން ނިދީ އެތަނުގެ ތެރޭގައި ތަޅުންގަނޑު މަތީގައި އެމީހުން ދިން ފޮތިގަނޑެއް އަޅައިގެން.. އެގޮތުގައި ވަރަށް ދުވަސް ހޭދަކުރިން.. އަހަރެންގެ މަސައްކަތަށް ބަލާފައި ރަގަޅު އެއްޗެއްވެސް އެތަނުން ދިން.."
"އޭރު އުމުރުން ކިހައިވަރެއް؟" ކޮލު ދަތްތަށް މުގުރޭ ވަރަށް ބާރުކޮށްފައި، އަހަރެންގެ ދެ ލޮލުގެ އާވި ފޮޅައިލުމަށްފަހު ސުވާލުކުރީމެވެ.
"ސަތާރަ..! އެކާވީސް އަހަރުވަންދެން އެހައިލުގައި އުޅުނިން.. ދައުލަތުގެ އެހީތެރިކަން އޮންނަނީ ނަމެއްގައި.. މައިން ބަފައިން ނިކަމެތިކޮށް 'ހޫރުވައިލާ' ދަރިންގެ ހިމާޔަތެއްވެސް ރައްކާތެރިކަމެއްވެސް މި ގައުމުގައި މުހިއްމެއް ނޫން.. އެފަދަ ހާދިސާތަށް މި ރާއްޖޭގައި ދުވަހަކުވެސް ހިނގާފައި ނެތީކަމަށް ވެދާނެ.. އެކަމަކު ދުނިޔޭގައި ލެއްވީތީ، ފުރާނަ ދާންދެން އެ އަނިޔާގައިވެސް ކެތްކުރާން މަޖުބޫރު.." ރިހުމުން ފުރިގެންވީ އަޑަކުން ބުންޏެވެ.
"ކައިރާ.." އަހަރެންގެ ދުލުން އެ ނަން ބޭރުވީ ވޭނީ އާހެއްގެ ގޮތުގައި އެވެ.
"ނޫނޭ... ނޫނޭ.. މިއީ އަދި ނިމުނީއެއް ނޫން.. އަދި އޮތީ... އަ.. ދި.. އޮ...ތީ...!" މާނައިން ފުރިގެންވީ ބެލުކަމުން ބަލައިލާފައި، ޗޮކެއް ކަނޑާލާފައި ކައިރާ ބުންޏެވެ.
އަހަރެންގެ ކަނދުރާގެ ލޯލިތަށް ކޮޅަށްޖެހުނެވެ. ގަތްބިރުން ތެޅިގަނެވުނެވެ. މިއަށްވުރެން ބިރުވެރިކަމެއް އަންހެން ކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާނެ ހެއްޔެވެ؟ އިވޭނެ އަޑަކަށް ސިކުނޑި ތައްޔާރުކުރާން ނިންމީމެވެ. މާޒީ ބަދަލެއް ނުކުރެވޭނެ އެވެ. ލިބުނު ޒަހަމެއްގެ ފާރުގަނޑު ފަސޭހަވަންދެން މަލަން އެޅިދާނެ އެވެ. ނަމަވެސް އެތަނުގައި ލައިފައި އޮންނަ ލަކުނެއް ދުވަހަކުވެސް ފޮހެނުލެވޭނެ އެވެ.
އަހަރެންގެ ފިރުމުންތަކުން ކައިރާއަށް ތަސައްލީއެއް ދެވިދާނެ އެވެ. އޭނާގެ ކަޅު އެ މާޒީގެ ހަނދާންތައް، ސިކުނޑިން ނެރި ބޭރުކުރުމުގެ ފޮމިއުލާއެއް އަހަރެންގެ އިލްމުގައި ނެތެވެ.
"އާދައިގެ މަތީން ރެސްޓޯރެންޓް ބަންދުކުރުމުން، ބަދިގޭގައި އަހަރެން އޮށޯތީ، ފަތިހު ހަތަރެއް ޖަހާއިރު މަސައްކަތް ފަށަންވާއިރަށް ނިދިކޮޅެއް ލޮލުގެ އެސްފިޔައިގެ ތެރޭގައި ރައްކާކުރެވޭތޯ.. ވެފައި ހުރި ވަރުބަލިން ނިދެނީ ކަމެއް ނުވަތަ ހޭނެތެނީކަމެއް ނޭގެ.. ނުނިދިގެން ފުރޮޅޭކަށް ނުޖެހޭ.. އެހެން ރޭ ރެއާއި ހިލާފަށް މިބުނާ ރޭ އަހަރެންގެ ބޯ ބަރުކަން ފާހަގަކުރެވުނު... އެއީ، އާންމު އުނދަގުލެއްކަމަށް ނިންމާފައި ނިދީ، ބަދިގޭ އަހުލުވެރިން އަންނާން ވާއިރަށް ތެދުވުމުގެ ނިޔަތުގައި.."
ފުން ނޭވާއެއް ލާފައި ދެ ލޮލުގެ ހިމަކޮޅުން ފޭބި ހޫނު ކަރުނަ ފޮހެލަމުން ކައިރާ ހީލި އެވެ. އެއީ ރިހުމާއި ތަކުލީފުން ފުރިގެންވީ ހަރަކާތެއްކަން އޭނާ ބުނެދޭކަށް ނުޖެހެ އެވެ. ފެނުނު މަންޒަރު ވަރަށް ސާފެވެ!
"ނިވަލެއް ނެތި ގައިގައި ބީހެންފެށި ފިނިގަދަ ވައިރޯޅީގެ ސަބަބުން މޫނާއި ލޮލަށް ލިބިފައިވާ ލޮޑުކަމަށް ދިރުން ލިބެންފެށި... އެސްފިޔަ ތަޅުވާލާފައި ދެ ލޯ ހުޅުވައިލެވުނީ، ފާހަގަކުރާން ނޭގޭ ކަހަލަ އަޑުތަކެއް ކަންފަތުގައި ބީހެން ފެށުމުން.. އެތަށް ބަޔަކު އެއް ފަހަރާ ގިސްލާއަޑާއި ބިރުވެރިކަމާއެކު ކުސްތަޅާ ކަހަލައަޑުތަކެއް އަހަރެންގެ ކަންފަތަށް އުނދަގޫކުރާން ފެށި.. އަހަރެން ހީކުރީ އެއީ ހުވަފެނެއް ކަމަށް.. އެކަމަކު ހަގީގަތަކީ އެވަގުތު އެ އޮވެވުނީ އަހަރެން ނިދި މަންޒިލްގައި ނޫންކަން.."
ހިންދިރުވާލާފައި އަހަރެންގެ އަތުގައި ބާރަށް ހިފެހެއްޓި އެވެ. އޭނާ ދޫކޮށްލާފައި އަހަރެން ހިނގައިދާނެކަމަށް ހީވަނީކަމަށް ވެދާނެ އެވެ.
ކައިރާއާއިއެކު އަހަރެން އެބަހުރިންކަން އިހްސާސްކޮށްދިނުމަށް ކުރިއަށް ވުރެން، ގާތްކޮށްލާފައި ބުރަކަށީގައި ފިރުމައިލީމެވެ.
"ހަގީގަތުގައިވެސް އަހަރެންގެ ވަށައިގެން އެތަށް ބަޔަކު ތިބި.. ކަޅު އަނދިރީގައިވެސް ފާހަގަކުރެވުނީ އެތަނުގައި ފިރިހެނަކު ނެތްކަން.. ރުއިމާއި ގިސްލުމާއި، ޝަކުވާއާއި ބިރުވެރިކަމާއެކު ކުކުރުމުގެ އަޑުވެސް އަހަރެންގެ ވަށައިގެން އިވެމުންދިޔަ.. ތެޅިގަނެވުނީ، ކަނޑުގެ ރާޅުތަކުގެ އަޑު ކަންފަތުގެ ހިނދުރިން ސިކުނޑިއަށް ވާސިލްކޮށްދިނުމުން.. ވާނުވާ އިހްސާސްވުމަށް ވަރަށް ވަގުތު ނެގި.. އަހަރެން ނިދީ ރެސްޓޯރެންޓުގެ ބަދިގޭގައި.. ލޯ ހުޅުވުނު އިރު ކަނޑުމަތީގައި އޮވެވުނު ސަބަބާއިމެދު ވިސްނާން މަޖުބޫރުވިޔަސް، އެ ހަގީގަތަށް ދަތުރުކުރާން ފަސޭހައެއް ނުވި.. ކުއްލިޔަކަށް ހިތަށް އައީ ނިދުމުގެ ކުރިން އާދަޔާ ހިލާފަށް ބޮލަށް ބަރުވިކަން.. އެއީ އިއްތިފާގެއް ނޫންކަމާއި ކޮންމެވެސް މީހަކު އެކަމުގައި ޝާމިލުވެ އަހަންނަށް ލަނޑެއްދިނީކަން ޔަގީންކުރެވުނު.. ބިރުންފިއްކެނޑި ތެޅިގަނެވުނީ ފުރާނަ ސަލާމަތްވޭތޯ! އެހިސާބުން ލޮލުގައި އަޅައިގަތީ ފަނަރަ ވަރަކަށް އަންހެން ކުދިން އަހަރެންނާއެކު އެ މަސްދޯނީގައި ތިބިކަން.. ރޮމުން ގިސްލަމުން، އެ އެންމެން އެއް ބޮނޑިއަކަށް އެއްވެގެން އެ ކުރަނީ ކީއްތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުމުން މަޑުމަޑުން އެމީހުންނާއި ގާތްވެލައިފައި ބަލައިލިން.. ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނު.. ދެފައިކޮޅުން ވާގިދޫވެ، ގަދަ އަޑާއެކު ދޯނީގެ ތެރެއަށް އަހަރެން ވެއްޓުނު.. އެންމެން ވަށައިލައިގެން ތިބެ ރައްކާތެރި އެ ކުރަނީ، މާ ބަނޑު އަންހެނެއްކަން ގަބޫލުކުރާން ވަރަށް އުނދަގޫވި.. އެކަމަކު ލޯ ކުރިމަތީން ފެންނަމުންދިޔަ ހަގީގަތް، ގަބޫލުނުކޮށް ފިލަން ދުއްވައިގަންނާނީ ކޮން ދިމާއަކަށް...؟ ވަށައިގެން އޮތީ މާ ސިންގާ ބިޔަ، ކަޅު ކަނޑެއް! މުޅިތަން އެނބުރިގަތްހެން ހީވި ވަގުތު ކޮޅަށްވެސް ނުތެދުވެވުނު... އަހަރުމެންގެ ހަވާލުގައި ބަޔަކު ތިބިކަން އެނގުނީ އަހަރެން ވެއްޓުނު އަޑާއެކު ހަޅޭއްލަވަމުން އެމީހުން އައީ ތީވެ..! އެއީ ބިދޭސީ ބައެއްކަން ޔަގީންވީ، އެމީހުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުރިގޮތުން.." (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;