ބީއެމްއެލް އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ކަމަށް ވާއިރު ރުފިޔާ ކާޑުތަކުގެ 65 ޕަސެންޓަކީ އޮންލައިން ވިޔަފާރިތައް ހިމެނޭ އީކޮމާސް މުއާމަލާތްތަކެވެ.
އެވްރެޖްކޮށް ކޮންމެ މަހަކު 39.3 މިލިއަން ޑޮލަރު ރުފިޔާ އެކައުންޓްތަކުން ހިންގާ މުއާމަލާތްތަކަށް ވިއްކާ އިރު އޭގެ ތެރެއިން 25.5 މިލިއަން ޑޮލަރުގެ މުއާމަލާތްތައް ހިންގަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ. މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު މި ބޭނުމަށް ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިޔަން ޑޮލަރު ދަނީ ވިއްކަމުންނެވެ.
ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު މިދިޔަ ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފަ އެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
މިިދިޔަ ފަސް އަހަރު ބޭންކުން ވަނީ ބޭންކުގެ އެކި ހިދުމަތްތައް ހޯދާ ފަރާތްތަކަށް 2.7 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ.
ބީއެމްއެލްއިން ބުނީ، މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދި ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;