އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓާ މެޗު އިތުރު ވަގުތަށް ގޮސްގެން އިންގްލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ 2018 ވަނަ އަހަރަށްފަހު އިންގްލެންޑުން ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.
މި މެޗުގެ 36 ވަނަ މިނެޓްގައި ނޯވޭގެ އަންދްރޭސް ޝްލަޑްރަޕް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޝެލްޑްރަޕް އަރިމަތިން ނެގި ހުރަހެއް އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް އަތްމަތިން ގޮސް ދަނޑީގައި ޖެހިފައި ވަން ގޯލެކެވެ.
އޭގެ އިރުކޮޅެއް ފަހުން ލީޑު ފުޅާކޮށްލަން ކައުންޓަ އެޓޭކުގައި އެޓީމުގެ ފޯވާޑް އަލެކްސަންޑަ ސޯލޮތަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މުޅިން ހުހަށް އޮތް އާލިން ހާލަންޑަށް ބޯޅަ ދިނުމުގެ ބަދަލުގައި ސޯލޮތް ބޯޅަ އަމިއްލައަށް ފޮނުވާލުމުން އެ ފުރުސަތު ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތް ވަނީ ނުވެފަ އެވެ.
އެ ފުރުސަތުގެ ބޭނުން ނޯވޭއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އިންގްލެންޑުން ނަތީޖާ އެއްވަރުކުރުމެވެ. ނޯވޭގެ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ.
ކުއާޓާ ފައިނަލުގައި ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލިންހަމް
ދެވަނަ ހާފަށް އިންގްލެންޑުން ވަނީ ނީ މަޑުއެކޭ އާއި ޑެކްލެން ރައިސްގެ ބަދަލުގައި ބުކަޔޯ ސަކާ އަދި އެބެރެޗޭ އެޒޭ ކުޅެން ނެރެފަ އެވެ. ދެ ވަަނަ ހާފުގެ ކުޅުން ފަށައިގެން، 10 މިނިޓް ތެރޭ ނޯވޭ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެެވެ. އެ ގޮތުން ޓޯބްޖޯން ލައިސަކާ ހެގެމް ޖެހި މި ގޯލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ، ކޯނަރު ނެގުމުގެ ކުރިން، ހާލަންޑް ފައުލެއް ކޮށްފައިވާތީ އެވެ.
އޭގެފަހުން ނޯވޭގެ ކްރިސްޓޮފާ އަޔާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ. ބަދަލު ކުޅުންތެރިޔާ މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ، ނޯވޭ ކީޕަރު އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު، ހުސްކޮށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެން މެޗުގެ މޮޅު ގޯލު ޖަހައިދިނީ މި މުބާރާތުގައި 6 ވަނަ ލަނޑު ކާމިޔާބުކުރި ބެލިންހަމް އެވެ.
އިންގްލެންޑާއި ނޯވޭ ބައްދަލުކުރި މެޗު - ފޮޓޯ: ގެޓީ އިމޭޖަސް
އޭގެ ފަހުން، އިންގްލެންޑްގެ ޖެޑް ސްޕެންސް އަށް ނޯވޭގެ އޭރިއާތެރެއިން އެ ޓީމުގެ އޮސްކަ ބޮބް ކުރި ފައުލަކަށް ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި އެވެ. އެކަމަކު، ވީއޭއާރް އިން ބަލައިފައި ނިންމީ ފައުލެއް ނޫން ކަމަށެެވެ.
މި މޮޅާއެކު ސެމީގައި އިންގްލެންޑު ބައްދަލުކުރަން ޖެހޭނީ ރާއްޖެގަޑިން މިއަދު ހެދުނު 06:00 ގައި އާޖެންޓީނާއާއި ސްވިޒަލެންޑު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;