މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އިމްތިޒާއު އައްބާސްގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބަދުއްރައްޒާގު ހަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މި މަޝްރޫއުގެ މުހިންމުކަމާއި ޒަކާތު ފަންޑުން ލިބޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވާފަ އެވެ.
މިއީ، މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.
ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހަރަދު ހަމަޖެއްސުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ. މި އެހީ ފޯރުކޮށްދިނީ، 21 ފެބްރުއަރީ 2024ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެސް ޒަކާތު ފަންޑުން އަންނަނީ މިފަދަ އެހީތައް ފޯރުކޮށްދެމުންނެވެ. ތެލަސީމިއާ ބަލީގެ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނާ މެޗިން މަރުހަލާ ފުރިހަމަކޮށް، 2026ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ މިހާރު ވަނީ ލިބިފަ އެވެ.
ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލުތަކަށް ފޮނުވުމުގެ އެންމެފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރަމުންނެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން ލޭ އެޅުން ހުއްޓުވައިދޭ، މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ. މި ފަރުވާގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ސަލާމަތްވެވެ އެވެ.
މިއަހަރު ފަރުވާ ހޯދުމަށް ޖުމުލަ 10 ކުއްޖަކަށް ހުއްދަ ލިބިފައިވާއިރު، ފުރަތަމަ ބުރުގައި ފުރާ ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން ފުރުވުމުގެ އިދާރީ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;