ads
"ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026" ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަދައްކަވަނީ: ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ގައުމުގެ ތަރައްގީއަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި - ފޮޓޯ/ރައީސް އޮފީސް
ރަނގަޅު ސިއްހަތަކީ ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ ބިންގާ: ސާޖިދާ
ރަނގަޅު ސިއްހަތަކީ، ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގުތިސާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކަމަނާ މިފަދައިން ވިދާޅުވީ، 3 ވަނަ އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026 ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

މި ކޮންފަރެންސްގައި ރާއްޖެއާއި އިތުރު 9 ގައުމަކުން ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ކޮންފަރެންސްގެ ޝިއާރަކީ "އެވިޑެންސް، އެމްޕަވާމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

ސާޖިދާ ވިދާޅުވީ ރަނގަޅު ސިއްހަތަކީ ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގުތިސާދީ ފާގަތިކަމުގެ ބިންގާ ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި އަދި ސައިންޓިފިކް ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

"ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލް ނުކުރެވޭނެ" ފަސްޓް ލޭޑީ ވިދާޅުވި އެވެ

ސިއްހީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރެވިގެންދާ ދިއުމުގައި، ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެ ކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެ ކަމާއި، ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވި އެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ހިދުމަތް ކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާ ވެގެން ނުވާނެކަމުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް ތަކަށް ވިލުންތެރި ސިއްހީ ނިޒާމެއްގެ މުހިންމުކަންވެސް ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މޫސުމީ ބަދަލުތަކާއި، އާ ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއްކަމުގައި ވިދާޅުވި އެވެ. 

ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްގީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ހާއްސަ ހިދުމަތްތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

"ދިރާސީ ހޯދުންތައް، ހިޔާލުތައް އަދި މުހިންމު މަޝްވަރާތައް މި ބައްދަލުވުމުގައި ގެންދެވޭ. ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ސިއްހީ ހިދުމަތަކީ ލަގްޒަރީއެއް ނޫން. އެއީ ފަސޭހައިން ހިދުމަތް ލިބިގަތުމަށް ކޮންމެހެން ފަހިކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް. އުމްރާނީ ވަސީލަތާއި އިންސާނީ ވަސީލަތަކާއި ޒަމާނީ ހިދުމަތްތައް ގާއިމުކުރަން ގިނަ މަސައްކަތްތަކެއް ކުރޭ." ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ހާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޮންފަރެންސްގައި ބައިވެރިވާ އަންހެނުންގެ ދައުރު ފާހަގަ ކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ އަދި މުޖުތަމައުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ސިއްހީ ނިޒާމު ވާނެ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;