ގާތްގަނޑަކަށް މީގެ ނުވަ އަހަރު ކުރިން 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތައް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، 2700 އަކަފުޓޫގެ ބިމެއް އޮއްޕުގެ ކުންފުންޏަށް ދީފައިވާކަން އެނގުނީ އެ ބިން ހުސްނުކޮށްގެން އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމައި އެކަން ހާމަ ކުރުމަށް ނެރުނު ބަޔާނުންނެވެ.
އެ ބިން ހުސްކުރަން އެފްއޭއެމުން ތަކުރާރުކޮށް އެދިފައިވާއިރު، ބިން ހުސްކުރަން ދެކޮޅު ހަދައި އޮއްޕޮގެ ކުންފުނިން އެންމެ ފަހުން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރީ އެވެ. ސިވިލް ކޯޓުގައި އެފްއޭއެމާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، އެފްއޭއެމްގެ ގައިރު ހާޒިރުގައި އެފްއޭއެމާ ދެކޮޅަށް އަމުރަށް ހޯދުމަށް އެ ކުންފުނިން އެދިފައިވާކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕުގެ ކުންފުނިންވަނީ 2700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފަ އެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ.
އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއިބެހޭގޮތުން އެފްއޭއެމްއާއިއެކު އެއްބަސްވުމެއް ހަދާފައެއް ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
މީގެ އިތުރުން 2700 އަކަފޫޓްގައި އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، އަދި މާލޭ ސިޓީކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާއި ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;