ads
ހޯލްސޭލުކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީ ނުނަގާ ގޮތްހަދަނީ - ފޮޓޯ:ޝަޓަސްޓޮކް
ހޯލްސޭލުކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަނީ
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، ކޮތަޅު ގަނޑުކޮށް ގަންނަ މީހުން ދައްކަން ނުޖެހޭ ގޮތަށް ހެދުން ހިމެނޭހެން، ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒް އެވެ. 

އެ ބިލުގައިވާ ގޮތުން 50 ކޮތަޅަށް ވުރެ ގިނައިން ހުންނަ ކޮތަޅުބޮނޑި ހިމަނާނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން އިސްތިސްނާވާ ބާވަތެއްގެ ގޮތުގަ އެވެ.

ކުނިމެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮތީ ފީ ނެގުމުން އިސްތިސްނާވާ ތިން ބާވަތެކެވެ. އެއީ ޑިއުޓީފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން  ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން، ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާ އެވެ.

މިއަދު ބަހުސް ފެށި ބިލުގައި އޮތީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، އިސްތިސްނާގެ ތެރޭގައި ހިމެނުމަށެވެ. ކޮތަޅު ސަޕްލައި ކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ނެގުން ތަކުރާރުވާތީ އެ ގާނޫނަށް އަމަލުކުރަން ފެށީއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އިސްލާހުގައިވާ ގޮތަށް 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421 ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;