ads
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް - ފޮޓޯ: ރޮއިޓަރސް
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިވެއްޖެ
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު ޕޯޗުގަލްގެ ކޯޗުކަމުން ރޮބާޓޯ މާޓިނޭޒް އިސްތިއުފާދީފި އެވެ.
Advertisement

ރޭގެ މެޗުގައި ސްޕެއިނުން ޕޯޗުގަލް ބަލިކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިންނެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މިއަދަށް ހަމަވާނެ ކަމަށާއި މި ވަގުތަކީ އާ ވިސްނުންތަކަކާއި އާ ހިޔާލުތަކަކަށް ފުރުސަތު ދިނުން މުހިންމު ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޕޯޗުގަލްއަށް އައީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ މަތިވެރި އަޒުމުގައި. އެކަމަކު އެ އަމާޒަށް ވާސިލްނުވެވުމުން، މި މަގާމުގައި އިތުރަށް ދެމިހުރުމުގެ މާބޮޑު މާނައެއް އޮތްކަމަކަށް ނުދެކެން،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ފާހަގަކުރި ގޮތުގައި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމާ ދެކޮޅަށް ޕޯޗުގަލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ވަރަށް ކުދިކުދި ކަންތައްތަކެއްގެ ސަބަބުންނެވެ.

އޭނާ ނިންމާލަމުން ބުނީ މުބާރާތުން ކެޓީ ކުޅުންތެރިންގެ ފަރުވާކުޑަކަމުން ނޫން ކަމަށާއި، ނަމަވެސް މުބާރާތް ކާމިޔާބުނުވުމުން މަގާމުން ދުރުވުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

ޕޯޗުގަލް މުބާރާތުން ވަކިވުމާއެކު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ދިގު ކެރިއަރުވެސް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭގޮތުން މާޓިނޭޒް މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އޭނާ ވަނީ ކެޕްޓަނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

your imageމެޗަށް ފަހު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ - ފޮޓޯ: އޭއެފްޕީ

މީއީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ކުޅުނު ފަހު ވޯލްޑް ކަޕް މެޗެވެ. އޭނާ ވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް މުބާރާތް ކަން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކޮށްފަ އެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން އަދި ކުރިއަށް ގެންދާނެ ކަމަށް ވެ އެވެ. ރޮނާލްޑޯ ވަނީ 2006 އިން ފެށިގެން ޖެހިޖެހިގެން ހަ ވޯލްޑް ކަޕްގައި ކުޅެ، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާގެ ކެޕްޓަންކަމުގައި ޕޯޗުގަލް އަށް އެއް ޔޫރޯ މުބާރާތާއި ދެ ފަހަރު ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ފަސް ފަހަރަށެވެ. ޕޯޗުގަލް އާއި ކްލަބްތަކަށް ޖުމްލަ 976 ލަނޑު ޖެހި އެވެ. 

ކާމިޔާބު ކެރިއަރުގައި ރޮނާލްޑޯ އަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓެވެ. ރޮނާލްޑޯގެ ހަ ވޯލްޑް ކަޕްގެ ތެރެއިން ތައްޓާ އެންމެ ކައިރިއަށް ވެސް ދެވުނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް 2006ގަ އެވެ. އެ ފަހަރު ސެމީ ފައިނަލްގައި ކުޅުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;