ބޮލުން އިޝާރާތްކޮށް އެއްބަސްވަމުން، ކައިރާގެ ފަހަތުން އަހަރެންވެސް ބޭރު ސިޓިންގރޫމްއަށް ނިކުތީމެވެ.
ސޯފާގައި އަހަރެން އިށީނުމުން، ކައިރާ އިށީނީ އަހަރެންގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގައި އެވެ.
ފިރިހެންވަންތަ ގޮތަކަށް ޗޮކެއް ކަނޑާލާފައި، އެ މޭޒު އަހަރެންނާއި ގާތަށް ދަމައިލީމެވެ.
ވީހާވެސް ގާތުގައި ވުމަށް ބޭނުންވާތީ އެވެ.
އަދި ކައިރާގެ މޫނުގެ އެންމެ ހިމަ ރޮދިފަށެއްގެ މިންވަރުގެ ތަފްސީލެއްވެސް އަހަރެންގެ ސަމާލުކަމުން ވީއްލިގެން ދިޔަނުދިނުމަށެވެ.
"އައި ގިވް އަޕް" އިސްޖަހައިލާފައި ކައިރާ ބުންޏެވެ.
"އޮން ވަޓް؟" އަހަރެން ސުވާލުކުރީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.
"ކޮން ކަމަކުން،ކައިރާ؟" އަހަރެންގެ ސިކުނޑީގެ އެންމެ އެތެރެއިން ނުތަނަވަސްކަމުގެ އަޑުތަށް ގަދަވަމުން ދިޔަ އެވެ.
ކައިރާގެ ހިމޭންކަން ތަހަންމަލް ކުރާން މިވަގުތު އަހަރެން ތައްޔަރެއް ނޫނެވެ. އުއްމީދު ކަނޑާލިޔަސް، ނާއުންމީދު ވިޔަސް ދިރިއުޅުމުން ކައިރާ އަތް ފޮޅައިލިޔަސް، އެކަންކަމުގެ ތަފްސީލް މިވަގުތު ބޭނުމެވެ.
"އުމުރުން ފާއިތުވި ފަންސަވީސް އަހަރު، އަހަރެން ކުރި ހިތްވަރުން ހޯދި ކެތްތެރިކަމާއި ތަހަންމަލްކުރި ވޭންތަކުގެ ތަޖުރިބާއިން ދެ އަތް ފޮޅާލަން ބޭނުން.. އެފަދަ އެއްވެސް ޒިންމާއެއް އުފުލަން ދެން އިތުރަކަށް ބޭނުމެއް ނޫން.. އެކަމަކު ފިނޑިއަކަށް ވާކަށްވެސް ބޭނުމެއް ނޫން" ކައިރާގެ ހުލާސާއަކީ ކޮބައިކަން ބުނެދީފި އެވެ.
"ކައިރާއަކީ ފިނޑިއެއް ނޫން.."
"އޯހްހހ.. ތިއީ މާލިކްއަށް ހީވާ ގޮތް.. ވަރަށް ގިނަ ކަންކަމުން އަހަރެން އަތް ފޮޅާލައިފިން.. ދުނިޔޭގައި ފަސޭހަ ގޮތް އިހްތިޔާރުކޮށްފިން.. އެކަމަކު ބީނިޝް ބޮޑުވަމުން އަންނައިރު، ދިމާވާ ގޮންޖެހުންތައް ގިނަވާނެ.. ހިތުގައި އޮންނަ ގޮތަށް ކަންކަމުން ރެކެވޭކަށްވެސް ނެތް..! ހަގީގަތަކީ މި ދިރިއުޅުމުން، އުއްމީދު ކަނޑާލާކަށްވެސް ބޭނުމެއް ނޫން.." ކައިރާ ބުންޏެވެ.
"މި...؟" 'މި' ދިރިއުޅުމަށް އޭނާ މާނަކުރި ކަމަށްވަންޏާއި ތަފްސީލް ބޭނުމެވެ.
"މި ބުނީ މާލިކް އާއި އަހަރެންގެ ވާހަކަ! އުމްމމ.. އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ކަމެއް ރަސްމީކޮށް ނިމިފައި ނެތަސް، އެކަމާއި ވާހަކަ ދައްކާފައި ނެތަސް، ހަގީގަތަކީ މުޅިން އެހެން އެއްޗެއް! މި ގުޅުމުން މިންޖުވާން ނުވަތަ އަހަރެންގެ އަތުން މާލިކް ބީވެގެން ދިއުމަށް ފުރުސަތުދޭކަށް ބޭނުމެއް ނޫން.. މުޅި އުމުރު ހޭދަކުރާން މަޖުބޫރުވީ އަނިޔާ އާއި ވޭނާއި ބިރުވެރިކަމުގައި.. ފުރަތަމަ މައިންބަފައިން، އޭގެ ފަހުން ކުރިމަތިލާންޖެހުނީ ހަޔާތުގެ އެންމެ އަނދިރި ތޫފާނާއި..! ދުވަހަކުވެސް އެމީހުންނަށް މައާފު ދިނުމެއް ނެތް.. ދެން އަހަރެންގެ ހަޔާތަށް އައީ ބީނިޝް.... ..... .....! މިހާރު އަހަރެން ބޭނުމީ އަހަންނަށްޓަކައި ދިރިއުޅެން.." އޭނާގެ އަޑު ކުރެހިއްޖެ އެވެ.
ފަހު ޖުމުލައާއެކު ކައިރާގެ ލޮލުން ފެނުނު އިހްސާސް ތަރުޖަމާ ކުރުމުގައި އަހަރެން ފެއިލްވެއްޖެ އެވެ. ފުނީ ބިރުވެރިކަމެވެ. ނާންމާންކަމާއި ހާސްކަމާއި ނުރައްކަލެވެ. އެއީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އެއީ ކޮން ހާދިސާއެއްގެ އަނގުރު އަލިފާނުގެ ހޫނެއް ހެއްޔެވެ؟ އަހަރެންގެ ބޮލާއި ކަންފަތުން ހޫނު ނިކުމެ، ނިއްކުރިން ދާ ބޮކިތަށް ޖަހައިލައިފި އެވެ. ނަމަވެސް ހިމޭންވީމެވެ. ކައިރާގެ ކޮންމެ އަލްފާޒެއް އަހަރެންގެ ހިތުގައި ރައްކާކުރުމަށެވެ.
"އަހަރެން، މާލިކް ބޭނުން..! ވަކިކަމަކަށް އަޒުމުކަނޑައަޅައިފިއްޔާ އެކަމެއް ހާސިލްކުރާން ކުރެވެން ހުރި ހުރިހައި ކަމެއް އަހަރެން ކުރާނަން.. މިބުނީ މާލިކް އަހަރެންގެ އަތުން ބީވެގެން ދިޔަނުދިނުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނަމޭ..! ފާއިތުވި މަހެއްހައި ދުވަހު، މާލިކްއާއެކު ބީނިޝް ހޭދަކުރި ވަގުތުތަކުގެ މަންޒަރު އަހަރެންގެ ލޮލުގެ ނޫރުން ފަނޑެއް ނުވޭ..! މާލިކްއަށްވުރެން ފުރިހަމަ ބައްޕައެއް އަހަރެންގެ ބީނިޝްއަށް މި ދުނިޔެއިން ނުލިބޭނެކަން ޔަގީން.. އަދި އަހަންނަށްޓަކައިވެސް ތިޔަށްވުރެން ފުރިހަމަ އިންސާނަކު ނުލިބޭނެ.." ކައިރާގެ ވާހަކަ މެދުކަނޑާލާފައި އަހަރެންގެ ލޮލަށް ބަލައިލި އެވެ.
ހަރަކާތެއް ގެންނާކަށް ނޭގުނެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުގެ އަޑު އޭނާއަށް އިވިދާނެތީ ލަދުވެސް ގަތެވެ.
މޭ ފަޅާފައި ހިތް ނިކުމެދާނެހެން ހީވުމުން އެސްފިޔަޖެހުން އަވަސްކުރެވުނެވެ.
ހިމޭންކަމާއެކު ނޭވާލާން މަސައްކަތްކުރީމެވެ.
މުޅި އުމުރަށް އަހަރެން ބޭނުންވާކަން ކައިރާ ހާމަކުރުމުން، އެ ކުރެވުނު އިހްސާސް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
އޭނާ އަހަރެން ބޭނުން ވަނީ ހަމައެކަނި ބީނިޝްގެ ބައްޕަގެ ގޮތުގައެއް ނޫނެވެ. ކައިރާގެ އުފަލާއި އޭނާގެ ނަފުސުގެ ރައްކާތެރިކަމަށްޓަކައިވެސް މެ އެވެ.
ހިތުގެ ލޯބި އަދި ހާމަނުކުރިޔަސް، އަހަރެން ނޫން އެހެން ނަމެއް އެ ހިތުގައި ނެތްކަން ޔަގީންވެއްޖެ އެވެ.
ހަރަކާތް ހުއްޓިފައި ހުރި ބުދެއް ފަދައިން، ގަނޑުވެފައިވާ އަހަރެންގެ ހަށިގަނޑަށް ދިރުން ގެނެސްދިނީ ކައިރާގެ އަސަރުގަދަ ގޮވައިލުމެވެ.
"މާލިކް" އަހަރެންގެ ދެ އަތުގައި ހިފާފައި ގޮވައިލި އެވެ.
"ހޫމްމމމ.. އުމްމމ.." އެ ނޫން އަޑެއް ދުލަކުން ނުނިކުތެވެ.
"އައި ވޯންޓް ޔޫ" އަސަރާއެކު އޭނާ ބުނެލި އެވެ.
"ޔޫ ޑޫ؟" ގަސްތުގައި އެ ސުވާލު ކުރީއެއް ނޫނެވެ. ހިތް ފުރިގެން ދުލުން ބަނޑުންވީ އެވެ.
"މާލިކް ބީރުތަ؟" ނިއްކުރިއަށް ރޫ އަރުވާލައިފައި ދެ ބުމަ ގޮއްޖަހައިލާފައި ކައިރާ ސުވާލުކުރި އެވެ.
"ކީކޭ؟" އަންތަރީސް ނުވާނެ ހެއްޔެވެ؟
އަހަރެން ބޭނުން އެއްވެސް އެއްޗެއް ދުލަކުން ނުނިކުތެވެ.
ނުބުނަންޖެހޭ ހުރިހައި އެއްޗެއް އެބަ ބޭރުވެ އެވެ.
"މާލިކް ބީރުތަ؟ ދުވަހަކުވެސް އިންސާނަކާއި ދައްކާން ނުކެރޭނެ ވަރުގެ ވާހަކަތަށް މި ދެއްކީ.. އަހަރެންގެ މުޅި އުމުރަށް މާލިކް ބޭނުންވާ ކަމަށް ބުނެފިން.. އެކަމަކު ކުޑަކުދިން ކިޔާކަހަލަ އެއްޗެހި މާލިކް ތިޔަ ކިޔަނީ.. ކޮންކަހަލަ މީހެއްތަ ތިއީ؟"
މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުކޮށްލާފައި އަހަރެންނާއި ދިމާއަށް ލޯއަޅައިލީ ލޯބިގޮތަކަށެވެ.
"ތަކުރާރުކޮށް ތި އަޑު އަހަން ބޭނުންވާތީ.. ހިތް ފުރެންދެން އެ ޖުމުލަ އަޑުއަހަން ބޭނުންވާތީ.. މި ހިތުގެ ވިންދުގައި ކައިރާގެ ހިތްގައިމު ރާގު ޝާމިލްކުރާން ބޭނުންވާތީ.." އެއްމިޔަކަނުން ހިނިއައިސްފައި އަހަރެން ބުނެލީ ލާނެއް ގޮތަކަށެވެ.
"ލާނެއް ފާޑަކަށް ހޭނެކަމެއް ނެތް.. އަދި ކައިވެނިކުރީއެއްވެސް ނޫން.. އެކަމަކު ދުވަހަކު ކަމެއްގައި ސީރިއަސް ނުވާވަރަށް، މި ކަމުގައި ސީރިއަސް ވެގެން ވާހަކަ މި ދެއްކީ.. އެކަމަކު އަހަރެންގެ ވާހަކައިން ކުޑަވެސް އަސަރެއް މާލިކްއާއި ހަމައަކަށް ނުފޯރާ.." ދެ ލޯ ވައްކޮށްލާފައި އަހަންނާއި ދިމާއަށް ކައިރާ 'ފޮޅައިލި' އެވެ. ލިބުނު އުފަލުގައި ވެވުނު ހިނިތުންވުން އަހަރެންގެ ލޮލާއި ހަމައަށް ފޯރި އެވެ.
"އެހެންވިޔަސް، އަހަންނާއި ކައިވެނިކުރާން ބޭނުން؟"
ރުޅިގަދަވެގެން ކައިރާގެ މޫނުގެ ކުލަ، ގަދަ ފިޔާތޮށި ކުލައަށް ބަދަލުވަނީ އެވެ.
"ގުރްރްރރ... ހަނދާން ނައްތާލާ" އަހަރެންގެ އަތް ފޮޅުވައިލަމުން ބުނެލި އެވެ.
"ކައިރާ، ކައިރާ، ކައިރާ... އޯކޭ، އޯކޭ، އައި އެމް ސޮރީ"
ކައިރާގެ އަތުގައި ހިފާފައި ގެނެސް، ކުރިން އިން ތަނުގައި ބޭންދީމެވެ.
"މާލިކްއާއި ހެދި ބީނިޝް މޮޔަވެފައި އެހުންނަނީ ކީއްވެކަމެއް ނޭގެ.. އަހަންނަށް ކެތް ވާވަރުކަމެއް ނޫން ތީކީ!" ރުޅިގަދަވެގެން ފުފެމުން ބުނެލީ ލޯބި ގޮތެއް އަނގަޔާއި ދެ ލޯލަށް ހަދައިލާފަ އެވެ.
އެއް ލޯ މަރައިލާފައި ޗޮކެއް ކަނޑައިލީމެވެ.
"އަހަންނަށް ހީވަނީ، ބީނިޝް އެހައި 'ލައިކް'ވަނީ އަހަރެންގެ 'ހޭންޑްސަމް'ކަމުން ކަންނޭންގެ.. އެހައި ކޫލް! އެހައި ލޯބި..! ނުލާހިކު ދޮން، އިސްކޮޅުން ވަރަށް ދިގު.. ކާ ކޮންމެ އެއްޗަކަށް އަހަރެން ނުލާހިކު ލޯބިކުރަން.. ހާއްސަކޮށް ބީނިޝް ބޭނުންވާ ކޮންމެ ކާ އެއްޗެއް އަހަރެންވެސް ކަން..! އަހަންނަށް ހީވަނީ އެހެންވެ ކަންނޭގެ" ފޮނި ގޮތެއް ދައްކައިލަމުން އަހަރެން ބުނީމެވެ. (ނިނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;