ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނޯވޭން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވެ ގަދަ 16 އިން ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތާ އަލްވަދާއުކިޔަން ޖެހުނުއިރު، މިއީ 1990 ވަނަ އަހަރަށްފަހު މުބާރާތުން އެ ޓީމު އެންމެ އަވަހަށް ކަޓަންޖެހުނު ފަހަރެވެ.
މި މެޗުގެ 14 ވަަނަ މިނެޓްގައި ލީޑު ނަގަން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޯވޭގެ ގޯލްކީޕަރު ނީލަންޑް ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ ބްރެޒިލަށް ލިބުނީ ނޯވޭގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރަކު ބްރެޒިލްގެ މަތިއުސް ކުންޔާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯވޭއަށް ލީޑު ނަގައިދޭން އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބްރެޒިލްގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފަ އެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑިރަކަށް މުޅިން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ވިނީޝަސް ޖޫނިއާ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އެންޑްރިކް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ - ފޮޓޯ: އޭޕީ
ދެވަނަ ހާފުގައި ބްރެޒިލުން ނޭމާ އާއި އެންޑްރިކް ފަދަ ކުޅުންތެރިން ކުޅެން އެރުވި ނަމަވެސް، ނޯވޭގެ ޑިފެންސާއި ކީޕަރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ލަނޑު ނޯވޭއިން ކާމިޔާބުކުރީ 83 ވަނަ މިނެޓުގައި ޝެލްޑަރަޕް ނަގައިދިން ހުރަހަކުން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި 90 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑު ޖަހައި ކާމިޔާބީ ކަށަވަރުކޮށްދީފަ އެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު ހާލަންޑް ވަނީ މި މުބާރާތުގައި ހަތް ގޯލު ހަމަކޮށްފަ އެވެ. އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި ކީލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީއާ ހަމަހަމަ ކޮށްފަ އެވެ.
ނޯވޭ ކޮޅަށް ޕެނަލްޓީން ގޯލު ޖެހުމަށް ފަހު ނޭމާ ވަނީ ނޯވޭގެ ކީޕަރަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައި.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ކާލޯސް ކަސެމީރޯ އަށް ނޯވޭގެ ލިއޯ އޮސްޓިގާޑް ފައުލް ކުރުމުން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަނިޔާގައި އެތައް ދުވަހަކު އުޅުމަށް ފަހު އެނބުރި އައިސް ހުރި ބްރެޒިލްގެ ތަރި ނޭމާ އެވެ. އެކަމަކު، އެ ލަނޑު ޖަހާފައި، ނަތީޖާ ހަމަހަމަކުރަން މާ ގިނަ ވަގުތެއް ނުލިބި މެޗު ނިމުނީ ބްރެޒިލް ކަޓައިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;