ޑަބްލިއުއައިއޯއެން އިން ތައްޔާރުކުރި ރިޕޯޓެއްގައިވާ ގޮތުން، ކީޓޯ، ކާނިވޯ އަދި ހޯލް30 ފަދަ ހަރުކަށި އުސޫލުތައް ހިމެނޭ ޑައިޓްތަކަކީ ދާއިމީގޮތެއްގައި ކުރިއަށް ގެންދަން އުނދަގޫ އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް އުނިވެގެންދާ ކަންކަމެވެ. މީގެ ބޭނުމަކީ ބަރުދަން ލުއިކުރުމަކީ ވަގުތީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ ދާއިމީ ދަތުރެއްގެ ގޮތުގައި ބަލައިގަތުމެވެ.
މިފަދަ ޑައިޓްތަކުގެ ތެރޭގައި ހިމެނޭ ކީޓޯ ޑައިޓަކީ ބަރުދަން އަވަހަށް ލުއިކޮށްދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، އެ ކެއުން ހުއްޓާލާ ހިސާބުން އަލުން ބަރުދަން އިތުރުވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ގްރެއިންސް، ލެގިއުމްސް އަދި ޑެއިރީގެ ބައިތައް މުޅިން ހުއްޓާލުމުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ނުލިބި، ކެއުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މީގެ އިތުރުން، މިފަދަ ކެއުންތަކުގެ ސަބަބުން ބަރުދަން އަވަސް އަވަހަށް މައްޗަށް ގޮސް ތިރިވުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ހަލާކުވެ، އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
ސިއްހީ މާހިރުންނާއި ޑޮކްޓަރުން ލަފާދެނީ ކެއުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން އަބަދުވެސް ނިއުޓްރިޝަނިސްޓެއްގެ ނުވަތަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާގެ ބައިތައް މުޅިން ހުއްޓާލުމަކީ ސިއްހީ ގޮތުން ބަލާއިރު ރަނގަޅު ކަމެއް ނޫނެވެ. ބަރުދަން ލުއިކުރުމުގައި އެންމެ މުހިންމީ ކުރު މުއްދަތެއްގެ ތެރޭގައި ވައިރަލްވާ ޓްރެންޑްތަކުގެ ފަހަތުން ދިއުމުގެ ބަދަލުގައި، ހަށިގަނޑަށް ފައިދާހުރި ހަމަހަމަ ކެއުމެއް ދާއިމީގޮތެއްގައި ބޭނުންކުރުމުގެ އާދަ އަށަގަންނުވުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;