އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ގަދަ ހޫނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ޑިފެންސިވްކޮށް ކުޅެމުންދިޔަ ޕެރަގުއޭގެ ގޯލަށް މާބޮޑު ނުރައްކަލެއް މި ހާފުގައި ފްރާންސަށް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ދެވަނަ ހާފުގައި ފްރާންސުން ބަދަލުތަކެއް ގެނެސް ކުޅުން އަވަސްކުރިއިރު، މި މެޗުގެ ހަމައެކަނި ގޯލު ފްރާންސުން ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓްގައި ޑުއޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށްދީ ފްރާންސަށް ލީޑު ނަގައިދީ ކިލިއަން އެމްބާޕޭ ކަމަށްވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ. އަދި، ވޯލްޑް ކަޕް މުބާރާތްތަކުގައި 19 މެޗުން ޖެހި 19 ވަނަ ގޯލެވެެ.
ފްރާންސްގެ ލަނޑު ޖެހުމަށް ފަހު އެމްބާޕޭ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް ހަތް ގޯލު ޖަހައިފަ - ފޮޓޯ: އޭއެފްޕީ
ލީޑު ފުޅާކޮށްލަން އެމްބާޕޭ އަށް ފަހުން ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެރަގުއޭގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ދެ ހަމަލާ ވެސް މަތަކުރީ ޕެރަގުއޭގެ ކީޕަރު އޮލާންޑޯ ގިލް އެވެ.
ޕެރަގުއޭ އަށް މި މެޗުގައި މާބޮޑު އެޓޭކިން ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް ފްރާންސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ.
މިއީ ފްރާންސް ޖެހިޖެހިގެން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަތަރުވަނަ ފަހަރެވެ. މި މުއްދަތުގައި އެ ޓީމު ވަނީ ދެ ފަހަރު ފައިނަލްގައި ވާދަ ކޮށް އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މި އަހަރުގެ ކުއާޓާ ފައިނަލްގައި، ބުރާސްފަތި ދުވަހުގެ ރޭ 1 ޖަހާއިރު ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;