ގެއަށް އައިސް އަހަރެން ހޯދީ ސިހުރާއި ބެހޭ ބައެއް މައުލޫމާތު ހިމެނޭ ބޯދާ ފޮތެކެވެ. އޭގައިވާ ބައެއް ނާމާން ކިޔެވެލިތައް ކިޔަވަން ފެށީމެވެ. ފުރަތަމަ ރޭ އެއްވެސް ބަދަލެއް ނުފެނުނެވެ. ދެވަނަ ރޭވެސް ކޮޓަރި ތެރެ ކުޑަކޮށް ފިނިވިހެން ހީވުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ. ނަމަވެސް ތިންވަނަ ރެއަކީ މުޅި އާއިލާ ސިއްސުވާލި ނާމާން ރެއަކަށް ވެގެންދިޔައެވެ. އަހަރެން ކޮޓަރީގައި އިނދެގެން އެ ފޮތުގައިވާ ކިޔެވެލިތައް ކިޔަވަން ފެށިތާ ގިނައިރެއް ނުވެ، ގޭގެ ބޮޑު ދޮރުގައި މީހަކު ބާރަށް ޓަކިދޭން ފެށިއެވެ.
އެއީ އާދައިގެ ޓައްކެއް ނޫނެވެ. މުޅި ގޭގެ ފާރުތައް ގުޑައިގެންދާހާ ބާރު ޓަކިތަކެކެވެ. އަހަރެންނާއި އަނބިމީހާ ބިރުން ތިއްބާ، ކުއްލިއަކަށް ކޮޓަރީގައި ނިދާފައި ތިބި އަހަރެމެންގެ ހަތަރު ދަރިން ހޭލިއެވެ. އެކުދިން ތިބީ ހޭލާ ހުރެ ހިނގާ ކަހަލަ ގޮތަކަށެވެ. ލޮލުގެ ކަޅުކަޅޮ މައްޗަށް އަރުވައިގެން ތިބެ، އެކުދިން އައިސް ސިޓިން ރޫމުގެ މެދުގައި ވަށް ބުރަކަށް އިށީނެވެ. އަދި އެއްވެސް މީހަކަށް ނޭނގޭ ފާޑެއްގެ ބިރުވެރި އަޑަކުން، އިންސާނުން ކިޔާ އުޅޭ ކަހަލަ ބަހެއް ނޫން އެއްޗެހިތަކެއް ކިޔަން ފެށިއެވެ. އެ އަޑުން މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ.
އަހަރެމެން ދެމަފިރިން ބިރުން ރޮއެރޮއެ ތިއްބާ، ބަލަބަލަ ހުއްޓާ އޭގެ ތެރެއިން އެއް ކުއްޖަކު ލީމަތިން، އެއްވެސް ނިޝާނެއް ނެތް ގޮތަށް ކުއްލިއަކަށް ގެއްލުނެވެ. އެ ދަރިފުޅު ގެއްލުމާއެކު އަހަރެން ދުވެފައި ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލީމެވެ. ދޮރުމަތީގައި ހުރި މަހުލޫގު ފެނިފައި އަހަރެންގެ ފައިދަށުން ބިންގަނޑު ކަނޑައިގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއީ އާދަޔާ ހިލާފަށް ދިގު މީހެކެވެ. އޭނާ މާ ދިގުކަމުން ގޭގެ ފުރާޅަށްވުރެވެސް މައްޗަށް އޭނާގެ ހަށިގަނޑު ހުއްޓެވެ. އެހެންކަމުން އޭނާގެ މޫނެއް އެއްގޮތަކަށްވެސް ނުފެނެއެވެ.
އޭނާ ހުރީ މުޅިން ހުދު ހެދުމެއްގައެވެ. ހެދުމުގެ އެއް އަރިމަތީގައި ބޮޑު ކަނޑިއެއް އެލުވާފައި އޮތެވެ. އަހަރެން ރޮމުން ރޮމުން އޭނާގެ ފައި ބުޑަށް ވެއްޓި، އަހަރެންގެ ދަރިފުޅު އަނބުރާ ހޯދައިދިނުމަށް އެދި އާދޭސްކުރަން ފެށީމެވެ. އެ ވަގުތު މުޅި ޖައްވު ގުގުމައިގެންދާހާ ބާރު އަޑަކުން އެ ދިގު މީހާ ވާހަކަދެއްކިއެވެ.
އޭނާގެ އެ ބަރު އަޑުން އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. "ކަލޭގެ ދަރިފުޅު އެހުރީ ގެ ކައިރީގައި ހުރި ވިނަތަކުގެ ތެރޭގައި. ދެން ދުވަހަކުވެސް މިކަހަލަ ކަމެއް ނުކުރާތި." އޭނާ އިތުރަށް ބުންޏެވެ. މިހެން ބުނުމަށްފަހު، އެ ބޮޑު ދިގު މީހާ ހިނގަމުން ދުރަށް ގޮސް ކަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނެވެ. އޭނާ ދިއުމާއެކު އަހަރެން ދުވެފައި ގޮސް ގޭގެ ބޭރުގައި ހުރި ވިނަގަނޑުގެ ތެރެ ބެލީމެވެ.
މާތް الله ގެ އިރާދަފުޅާއެކު، އަހަރެންގެ ކުޑަ ދަރިފުޅު ބިރުން ރޮއެރޮއެ އޮއްވައި ވިނަތަކުގެ ތެރެއިން ފެނުނެވެ. އަހަރެން ދަރިފުޅު އުރާލައިގެން ގޭތެރެއަށް ރައްކާތެރިކަމާއެކު ވެއްދީމެވެ. އޭރު ގޭގައި ތިބި އަނެއް ތިން ކުދިންވެސް ތިބީ އާދައިގެ ގޮތަކަށް ހޭލައި، ވީގޮތެއް ނޭނގިފައި ބިރުންނެވެ. އެ ބިރުވެރި ރޭ ނިމިގެންދިޔައީ މުޅި އާއިލާއަށް ދުވަހަކުވެސް ހަނދާންނެތްވަރުގެ ބޮޑު އިބުރަތެއް ދީފައެވެ.
ނަމަވެސް އެ ހާދިސާއަށްފަހު، ދެތިން ދުވަހެއް ވަންދެންވެސް ދަރިން ނިދީގައި ތިބެގެން ބިރުވެރި އަޑަކުން ވާހަކަދައްކަމުންދިޔައެވެ. އެމީހުން ކިޔަނީ ކޯއްޗެއް ކަމެއް އަހަރެމެންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. މުޅި ގޭތެރޭގައި އޮންނަނީ ނުތަނަވަސްކަމެވެ. އެ ކުދިންގެ ހަށިގަނޑުން އެ ބިރުވެރި އަސަރުތައް ފިލައިގެންދާން ދުވަސްކޮޅެއް ނެގިއެވެ.
އޭގެ ފަހުން، މާތް الله ގެ ރަހުމަތްފުޅާއެކު އެމީހުންނަށް އެ އުނދަގޫތައްވުން މުޅިން ހުއްޓުނެވެ. ކުދިން ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހިގެން ނިދަން ފެށިއެވެ. އަހަރެން އެ ސިހުރު ފޮތް ވަގުތުން އަންދާލާލީމެވެ. ރައްޓެއްސަކާ ދިމާވެގެން ކުރި ކުޑަކުޑަ ބެޓެއްގެ ސަބަބުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އާއިލާ ސުންނާފަތިވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
އަދިވެސް، ރޭގަނޑު ދޮރުގައި މީހަކު ޓަކިދޭ އަޑު އިވުމުން އަހަރެންގެ ހިތް ބާރަށް ތަޅައިގަނެއެވެ. އެއީ ދޮރުގައި ޓަކިދިން ދިގު މީހާ އާއި ދަރިންގެ ބިރުވެރި އަމަލުތައް ހިތަށް ސިފަވާތީއެވެ. ދުނިޔޭގައި އިންސާނުންނަށް ނުފެންނަ ކިތަންމެ މަހުލޫގުންނެއް އުޅޭކަމާއި، އެފަދަ ކަންކަމާ ސަމާސާކޮށް ބެޓް ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އަހަރެންނަށް ވިސްނުނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;