އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ލައުޓާރޯ މާޓިނޭޒް ދިން ޕާހެއް ކޭޕް ވާޑޭގެ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ފޮނުވާލި ހަމަލާއަކުން މެސީ ކާމިޔާބުކުރީ ގޯލެކެވެ. މި ގޯލާއެކު މެސީ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން ފުރަތަަމަ ހާފުގައި އާޖެންޓީނާ އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޭޕް ވާޑުން ވަނީ ދެ ވަނަ ހާފު ފަށައިގެން 14 މިނިޓް ތެރޭ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ކޭޕް ވާޑްގެ ކެޕްޓަން، ރަޔާން މެންޑޭސް ދިން ބޯޅައަކުން ޑެރޯއި ޑުއާޓޭ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިސަންޑްރޯ މާޓިނޭޒް ވަނީ އާޖެންޓީނާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް އެ ހާފް ނިމުމުގެ ކުރިން ކޭޕް ވާޑޭގެ ސިޑްނީ ލޮޕޭޒް ކަބްރާލް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ އާޖެންޓީނާގެ އޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އާޖެންޓީނާ އިން ތިން ވަނަ ފަަހަަރަށް މެޗުގައި ލީޑުނެގީ އިތުުރު ވަގުތުގެ ދެ ވަނަ ހާފުގައި ކްރިސްޓިއަން ރޮމޭރޯ ޖެހި ގޯލުންނެވެ. މިއީ މެސީ ނެގި ކޯނަރަކުން ރޮމޭރޯ ބޮލުންޖެހި ބޯޅައެއް ކޭޕްް ވާޑް ކުޅުންތެރިއަކު ގައިގައި ޖެހިފައި ވަަން ގޯލެކެވެ. އަލުން ކޭޕް ވާޑް އަށް އެއްވަރުކޮށްދޭން ކަބްރާލް، ހިލޭ ޖެހުމަކުން ޖެހި ބޯޅަ ކީޕަރު މާޓީނޭޒް މަތަކުރި އެވެ.
އެފްރިކާގެ 500،000 އެއްހާ އާބަދީގެ ކުޑަ ޖަޒީރާ ގައުމު، ކޭޕް ވާޑުން ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް "ކުޑަކުޑަ" ކޭޕް ވާޑުން ދެއްކި ހިތްވަރުގަދަ ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި އެ ގައުމުން ވަނީ ދުނިޔޭގެ ކުރީގެ ޗެމްޕިއަނުން ކަމަށްވާ، ސްޕެއިން އާއި އުރުގުއޭ ވެސް ހިފަހައްޓައިފަ އެވެ. މިހާރުގެ ޗެމްޕިއަނަށް ވެސް ބޮޑު ސިހުމަކުން ސަލާމަތްވުނީ ކިރިޔާ އެވެ.
ގަދަ 16 ގެ ބުރުން ޖާގަ ހޯދުމާއެކު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް އާޖެންޓީނާ ދެން ނިކުންނަން ޖެހޭނީ ވަރުގަދަ މިސްރާ ދެކޮޅަށެވެ. މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 7 ވާ އަންގާރަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައެވެ.
އެ މެޗުން އާޖެންޓީނާ މޮޅުވެއްޖެނަމަ، ކުއާޓާ ފައިނަލްގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސްވިޒަލޭންޑް ނުވަތަ ކޮލަމްބިއާގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;