ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޕާސިން އައުޓް ޕެރޭޑްގައި ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.
ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންވާ ވާހަކައެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.
މިދިޔަ ފެބްރުއަރީ މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 140 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 104 ފިރިހެން ފުލުހުންނާއި 36 އަންހެން ފުލުހުންނެވެ.
މި ރަސްމިއްޔާތުގައި، ކޯހުގެ އެކި މާއްދާތަކުންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުން ހޮވައި އެ ފަރާތްތަކަށް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެގޮތުން މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވި، ކޮމިޝަނާސް އެކްސެލެންސް އެވޯޑް ހާސިލްކުރީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ. އަދި އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހުސައިން ރިފްޝާން އަލީ އެވެ.
މުޅި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝިލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;