ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހަނިމާދޫ އެއާޕޯޓް ހަދާފައިވަނީ އެ އެއާޕޯޓަށް ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ގޮތަކަށް ނޫންކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނިކޮށެވެ.
އަމީން އެދުވަހު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައިވަނީ ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރާ ކެޕޭސިޓީއަކު ނޫން ކަމަށާއި އެ އެއާޕޯޓަށް އެއާބަސް އޭ330، އޭ340 ނުވަތަ 777ގެ ކެޓަގަރީގެ ބޯޓެއް ޖެއްސޭނެ ކަމަށެވެ. އަދި އެވަރު ބޯޓެއް ޖައްސޭނީ އެއާޕޯޓު ތަރައްގީކޮށްގެންކަމަށްވެސް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީންގެ މި ވާހަކަތަކަށް ރައްދުދެއްވާ ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށްކަމަށެވެ. އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައިކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެކަމަށެވެ. އަދި އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން އޮތީ ހަމަޖައްސާފައިކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޭނުން ނުކޮށް އޮތުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއްކަމަށެވެ.
ހަނިމާދޫ އެއާޕޯޓް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. 136.6 މިލިއަން ޑޮލަރުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭފަދަގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;