ads
ދަރިފުޅު - 32 ވަނަ ބައި
އެޕިސޯޑް 32
Advertisement

އަހަރެން އިޝާރާތްކުރީ ކައިރާ އަށެވެ.

ޖަވާބު ދިނީ ބީނިޝް އެވެ.

'ބޭބީ'އޭ ބުނެ އަހަރެން މުހާތަބް ކުރީ ބީނިޝްއަށް ކަމަށް ހީކޮށެވެ. 

"ނޯ، ނޮޓް ޔޫ ކަޕްކޭކް" ބީނިޝްއަށް ސާފުކޮށްދިނީމެވެ.

"އޯހް، އެޑަލްޓް ޓޯކް" ލޯބިކޮށް ބުނެލި އެވެ.

"ޔެސް....، ތިއީ ކާކު ބުނެދިން އެއްޗެއް؟" ހައިރާންވެފައި ސުވާލުކުރެވުނެވެ.

"މަންމަ" ޖެހިލުމެއް ނެތި ޖަވާބުދިނެވެ.

"ރިއަރލީ؟" ގަސްތުގައި އެހުނީއެއް ނޫނެވެ. ދުލުން ބޭރުވީ އެވެ.

ކައިރާގެ ހަޔާތުން މުހިއްމު ކޮންމެ ކަމެއް ބީނިޝްއާއި ހިއްސާކުރާކަން އަހަންނަށްވެސް އެނގެ އެވެ. ނަމަވެސް 'އެޑަލްޓް ޓޯކް' އެނގޭކަމަށް ބީނިޝް ބުނީތީ އަހަރެންގެ ދެ ލޯ ބޮޑުވި އެވެ.

"މަންމަ ބައެއް ފަހަރު ބުނާނެ، ބައްޕައާއި މަންމައާއި ދެކުދިން 'އެޑަލްޓް ޓޯކް'ކޮށްލަން ވެގެން ބީނިޝް ކުޅެލަން ދާށޭ" އަހަރެންގެ ހިނިގަނޑު ސިއްރު ކުރަމުން ކައިރާއަށް ބަލައިލެވުނު އިރު އޭނާގެ މޫނު ރަތްވެއްޖެ އެވެ. ގަތް ލަދުންނެވެ.

"ބީނިޝް ދަރިފުޅާ، އަވަހަށް ހިނގާ ކާން" ވާހަކަ އޮޅުވައިލުމަށް ކައިރާއަށް ލިބުނީ ރަގަޅު ފުރުސަތެކެވެ.

"މަމީ ނޫޑްލްސް" 

ތަރުކާރީ އަޅައިގެން ތައްޔާރުކޮށްފައި ހުރި ބަތާއި ކޮންމެވެސް ވައްތަރެއްގެ ސޫޕްއެއްގެ ވާހަކަ ކައިރާ ބުނުމުން، ބީނިޝް ތުން ދަމާލި އެވެ.

"ކުދިން އަބަދު ނޫޑްލްސް ކަހަލަ އެއްޗެހި ނުކާނެ.." ހިތްހަމަ ނުޖެހިފައި ކައިރާ ބުންޏެވެ. 

ކުސްތަޅާލާފައި ބީނިޝް ބޮޑާހާކަން ފެށުމުން ދެމައިންގެ ދެމެދު ދެބަސްވުމެއް ހިނގަން ފަށައިފި އެވެ.

"ބައްޕާ، ސޭވް މީ" ބީނިޝްގެ ދިފާއުގައި އަހަރެން ތެދުވުމަށް ދައުވަތު ލިބުނީ އެވެ. ހަމަ އެވަގުތު ލޯ އަޅާއިލާފައި ކައިރާ ބަލައިލިގޮތުން އަހަރެންވެސް ބިރުގަތެވެ.

"ސޮރީ ޑާރލިންގ، ތިކަން މިވަގުތު ބައްޕައަކަށް ނުވާނެ.. މަންމަގެ ލޯ ފެނިފައިވެސް ބައްޕަ ބިރުގަތްފި" ސިއްރު ސިއްރުން ބީނިޝްގެ ކަންފަތް ބުޑުގައި ބުނެލީމެވެ. 

އަދި ބިރުގަތްފިކަން ދައްކާލުމަށް އަހަރެންގެ ދެ އަތުން އިޝާރާތް ދައްކައިލީމެވެ.

"ސިއްރު ވާހަކަ ދެއްކުން ހުއްޓާލާ.. ދެމީހުންވެސް ކާން ވާނީ ކައްކާފައި ހުރި، ސިއްހަތަށް ފައިދާހުރި ކާނާ.. ބައްޕަވެސް، ބައްޕަގެ ދަރިފުޅުވެސް ކާން ދާން ވީ" ކައިރާގެ ޖުމުލަ ނިމުމާއެކު ނިއްކުރިއަށް ރޫ އަރުވާލައިފައި ބީނިޝް ބަލައިލި އެވެ. 

ސުވާލެއް އުފެދިއްޖެކަން ޔަގީނެވެ.

"ސިއްހަތުފައިދާ" ބީނިޝް ކޮށްލީ ސުވާލެކެވެ. 

ކުރިއަށް ވުރެން ދިވެހި ބަހަށް ފަރިތަވިޔަސް، ބައެއް ބަސްތަކާއި ޖުމުލަތަށް ދެނެގަތުމުގައި ދަރިފުޅަށް ދަތިތަކެއް ހުންނަކަން އަހަންނަށްވެސް އެނގެ އެވެ. 

މިފަހަރު ހިނި އައީ އަހަރެން ގާތަށް އެކަންޏެއް ނޫނެވެ. ކައިރާވެސް އަނގަމަތީގައި އަތް އެޅި އެވެ.

"އިނގިރޭސި ރާނީ.." މަޑުމަޑުން ކައިރާ ބުނެލިއަޑު އިވުނެވެ.

ސިއްހަތަށް ފައިދާހުރި ކާނާއާއި އެފަދަ ރަގަޅު، އަދި ތާޒާ ކާނާ ކާންޖެހޭ ސަބަބާއި އެފަދަ ކާނާއަކީ ކޮބައިކަން ދަރިފުޅަށް އަހަރެން ބުނެދިނީމެވެ. 

"އެންގްރީ" 

މޭދަށުގައި ދެ އަތް ހުރަސްކޮށްފައި ބީނިޝް ބުނެލީ އެވެ. އަހަރެންގެ ތަފްސީލަށްފަހު، ކައިރާ ކެއްކި ކާނާ ނުކައި ވާނެގޮތެއް ނެއްކަން ޔަގީންވީތީ އެވެ.

"އެންގްރީ ބާރޑް" ވައިއަޑުން އަހަރެން ބުނެލީމެވެ.

"މާލިކް، ބީނިޝް.. ދެމީހުންވެސް ކާންވީ!" ލޯ އަޅައިލާފައި ކައިރާ ބުނެލި އެވެ.

"ބީނިޝް ކާނަން" އަވަސް އަވަހަށް ބީނިޝް ބުނެލި އެވެ. 

ދެ އަތް އުފުލާލާފައި ކައިރާއަށް އިޝާރާތްކޮށްލީ، ބީނިޝް އުރައިލުމަށެވެ.

ފެނުނު ހިތްގައިމު މަންޒަރަށް ބަލަހައްޓައިގެން އިނދެވުނީ މޮޔައެއް ފަދައިންކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ނަސީބާއިމެދު ޝުކުރުވެރިވީމެވެ. ގަބޫލުކުރަން ދައްޗެވެ. ނަމަވެސް ހަގީގަތަކީ ކައިރާއަކީ އަހަރެންގެ ހައްގެއްކަމެވެ. އޭނާ އުރާލައިގެން އެ ދިޔައީ އަހަރެންގެ ދަރިފުޅެވެ. ފުރިހަމަ އުފާވެރި ދިރިއުޅުމަކީ މިއީކަމަށް ވަންޏާއި ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް މި ނިޢުމަތް ލައްވާށި އެވެ. 

އަހަރެންގެ ހިތުގައި ޖަހައިލި ވިންދުގެ އަސަރު ސިކުނޑިން ފެށިގެން އެންމެ ހިމަ ނާރާއި ހަމައަށް ދަތުރުކޮށްލައިފި އެވެ. 

އަލް ހަމްދު ލިއްލާހި އެވެ. މި އުފާވެރިކަމާއި ހިތްހަމަޖެހުން އަބަދަށްޓަކައި ލައްވާށި އެވެ. 

މުޅިދިރިއުޅުން އަހަންނަށް ހާސިލްވެއްޖެކަމުގެ އިހްސާސްކުރެވުމުން މޫނުމަތީގެ އުފާވެރިކަން އެތަށް ގުނައެއް އިތުރުވެއްޖެ އެވެ. 

އިރުކޮޅެއްގެ ފަހެވެ.

ބީނިޝްއަށް ކާން ދީފައި، ކައިރާ އައީ ތައްޓަކަށް ދެތިން ވައްތަރުގެ މޭވާ އަޅައިގެންނެވެ. އަހަރެން ނުފެނި ގިނައިރުވުމުން މޭޒުކައިރީގައި ބީނިޝް ނުބޭންދުނީކަން ޔަގީނެވެ.

ފުންމައިގެން އެނދަށް އަރައި ބީނިޝް އިށީނީ އަހަރެން ގާތުގައި އެވެ. ދެމައިންގެ އާންމު ބައެއް ވާހަކަތަށް ދައްކަމުން ބީނިޝްވެސް ވަރަށް ބަސް އަހައިގެން މޭވާ ކާން ފަށައިފި އެވެ. 

އަހަރެންގެ އެއް އަތުން ކައިރާގެ އަތުގައި ބީހިލީމެވެ. އޭނާގެ ގައިގައި ފިރުމާލުމާއި ބީހިލުމަކީ އަހަންނަށް ތަފާތު އަރާމެއްގެ އިހްސާސްތަކެއް ކުރެވޭ ކަމެކެވެ. 

ކައިރާގެ ގައިގައި މިފަދަ ގޮތަކަށް ބީހިލުމަށް އަހަރެން ލޯބިކުރަމެވެ. 

މިއީ ހާދަހައިވާ ހިތްގައިމު އިހްސާސެކެވެ!

"ޔޫ އޯކޭ" ކައިރާ ސުވާލުކޮށްލި އެވެ.

"ހޫމްމްމމ"

"އިރުކޮޅަކުން ވާހަކައެއް ދައްކާލަން ބޭނުން... މާލިކްގެ ވަރަށް ބައިވަރު ޝަކުވާއާއި ސުވާލު އެބަހުރިކަން އަހަންނަށް އެނގޭ" މަޑުމަޑުން ކައިރާ ބުނެލި އެވެ.

"އައި ކޭން ވެއިޓް" ވަގުތުގެ ޖަޒްބާތުގައި އަހަރެން ބުނެލީމެވެ.

"ބަޓް އައި ކާންޓް، މާލިކްއަށް ބުނެދޭންޖެހޭ ވަރަށް ބައިވަރު ވާހަކަ އެބަހުރި.. އެކަންކަން އަހަރެންގެ ހިތުގައި އަޅައިގެން ހުންނާކަށް ދެން ބޭނުމެއް ނޫން" ކައިރާ ބުންޏެވެ.

"ހޫމްމމ.. ބީނިޝް ނިންދަވާފައި.. އޭގެ ފަހުގައި އަހަރުމެން ވާހަދައްކާނީ... އެ ގޮތް ކިހިނެއް؟" އަހަރެންނަށް ފެންނަ ގޮތް ހުށަހެޅީމެވެ. އަހަރެންގެ ހުށަހެޅުމަށް އެއްބަސްވުމަށް ކައިރާގެ ބޮލުން އިޝާރާތްކޮށްލި އެވެ.

އެނދުން ތެދުވެ، ބީނިޝް އުރާލައިގެން އަހަރެން ވަނީ ފާހާނާއަށެވެ. ދަތް އުނގުޅުވައި ގައިދޮއްވައި އަދި ހެދުން ބަދަލުކުރުވައިގެން ނިކުތް އިރު ބީނިޝް ހުރީ ވަރަށް ނިދިއައިސްފައި އެވެ. 

ޓީވީ ހުޅުވަން ބުނާނެކަން އިނގޭތީ، އެއިގެ ކުރީން ދުއާތަށް ކިޔައިދިނުމަށް އަހަރެން ތައްޔާރުވީމެވެ. 

މޭމަތީގައި ބާއްވައިލުމާއެކު އަހަރެންގެ ޓީޝާޓްގައި ހިފަހައްޓާލި އެވެ. 

ދުއާތަށް ކިޔައިދީ ނިމުނުއިރު އަޑު ނިކުންނަނީ ކިރިޔަކިރިޔާ އެވެ. ގަދަ ނިދީގެ ތެރެއަށް ބީނިޝް ދަތުރުކޮށްލި އިރު، ކައިރާ އައިސް ކޮޓަރިއަށް ވަދެއްޖެ އެވެ. ޓީވީގެ ރިމޯޓް ދާދި ގާތުގައި އޮތުމުން، ޓީވީން ގުރުއާން އަޅުވާލާފައި ބީނިޝް އެނދުގައި ބާއްވައިލީމެވެ. 

"އަހަރެންނާއެކު ބޭރަށް އާދޭ" މަޑުމަޑުން ކައިރާ ބުންޏެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;