ads
މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ވާހަކަ ދައްކަވަނީ - ފޮޓޯ/ މަޖިލިސް
ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ބޮޑެތި ބޯޓު ޖެއްސޭ ގޮތަކަށް ނޫން: އަމީން
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިގު ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް (ވައިޑް ބޮޑީ މަތިންދާބޯޓު777) ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހަނިމާދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖެނުއަރީ 2023ގަަ އެވެ. އެ މަސައްކަތް ނިންމައި އެއާޕޯޓު އަލުުން ހުޅުވީ ނޮވެމްބަރު 2025ގަ އެވެ.

އެ އެއާޕޯޓުގެ ކެޕޭސިޓީއާ ގުޅޭ ގޮތުން އަމީން ވާހަކަ ދެއްކެވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ "ބޮޑެތި ބޯޓުތައް ނުޖައްސާ ސަބަބާ" ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަނިމާދޫ އެއާޕޯޓުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް ނުވަތަ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރަން ބޭނުންވާނަމަ، އެތަން އަލުން ތަރައްގީކުރަންޖެހޭ ކަމަށެވެ.

އެ އެއާޕޯޓު މިހާރު ތަރައްގީކޮށްފައި އޮތް ގޮތުން އެއާބަސް އޭ330، އޭ340 ނުވަތަ 777ގެ ކެޓަގަރީގެ ބޯޓެއް އެ އެއާޕޯޓަށް ނުޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ހަނިމާދޫ އެއާޕޯޓު ޑިވަލޮޕްކޮށްގެން މި ހިސާބަށް ހުޅުވިފައި އޮތީ ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރާ ކެޕޭސިޓީއަކު ނޫން، ނަމަވެސް އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.

ޒަމާނީ އެއާޕޯޓާ އެކު ހަނިމާދޫގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރެވިއްޖެ ނަމަ ފަތުރުވެރިކަމުންނާއި ވިޔަފާރިން ވެސް މަންފާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުންމީދުކުރެ އެވެ.

އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ "ހަނިމާދޫ އެއާޕޯޓް" މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ. މިވަގުތު މި އެއާޕޯޓަށް އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސެ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;