ށ. ޅައިމަގު ކުރިމަގުބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެބޯޓެއްގައި މަސައްކަތް ކުރި ތިން ބިދޭސީންގެ މައްޗަށެވެ. އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައުވަނީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.
ކުރިމަގުބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ. އަދި ފެނުނުއިރު ކަށިތައް ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
މި މައްސަލާގައި އެ ދައުވާ އުފުލުމުން އެތިން މީހުން ވަނީ ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއިކޮށްފައެވެ. ނަމަވެސް މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ.
މި މައްސަލާގައި ހިމެނޭ އަލަމިން އަދި ނޫރުލް އިސްލާމްގެ މައްޗަށް ލުފްތަރު މަރާލިކަން ސާބިތުވާކަމަށް ކްރިމިނަލްކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމަށް އެންމެ ބޮޑު ގަރީނާއެއްގެ ގޮތުގައި އޮތީ ތަހުގީގަށް އެމީހުން ދީފައި އޮތް ބަޔާންކަން ހުކުމުގައި ފާހަގަކޮށްފައެވެ.
ތަހުގީގު ބަޔާނުގައި އެމީހުން ކިޔާދިން ވާހަކަތައް
މި މައްސަލާގައި ހިމެނޭ ތިން މީހުން ވަކިވަކިން ދިން ބަޔާނުގައި ހުރި ހުރިހާ ވާހަކައެއް އެއްވެސް ހިލާފެއް ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެ ބަޔާނުގައި އެ ތިން މީހުން ބުނީ ލުތުފަރު މަރާލާފައިވަނީ ޅައިމަގު ބަނދަރުގައި ބޯޓު އޮއްވާ ލުތުފަރުގެ ކަރާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކޮށްލައިގެންނެވެ. އަދި އޭނާ މަރާލުމަށްފަހު ލުފްތަރުގެ ފައިގައި ވަލެއް އައްސައި މޫދަށް ހަށިގަނޑު ވައްޓާލިކަމަށް އެމީހުން ބުނެފައިވެއެވެ.
އޭގެފަހުން ޅައިމަގު ރަށު ތެރެއިން މީހުން މަދުވެ ރަށުތެރެ ހިމޭންވުމުން ލުތުފަރުގެ ހަށިގަނޑު ފަޅު ތެރެއިން ބޯޓަށް ނަގައި، ހަށިގަނޑުގައި ހަންތަކެއް އައްސައިގެން ކަނޑަަށް ބޭރުކުރިކަމަށް އެމީހުން ކިޔާދީފައިވެއެވެ. އަދި އޭގެފަހުން ލުފްތަރުގެ ހަށިގަނޑުގެ އެކި ހިސާބުތަކާއި ގަލާއި ގާ އަޅާފައި ހުރި ބަސްތާތައް އައްސައި ކަނޑަށް ފައްތާލިކަމަށްވެސް އެމީހުން ދިން ބަޔާނުގައިވެއެވެ.
ކޯޓުން އިއްވި ހުކުމުގައި ބުނީ
އަލަމިން އަދި ނޫރުލް އިސްލާމް ލުތުފަރު މަރާލި ގޮތާއި އެއަށްފަހު އަމަލުކުރި ގޮތުން އެއީ ގަސްތުގައި އެމީހުން ކުރި ކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ލުތުފަރު މަރުވެފައިވަނީވެސް އެ ހަމަލާތަކުގެ ސަބަބުން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ކޯޓުގެ ހުކުމުގައިވެއެވެ.
ކަނޑު އަޑިން ފެނުނު ލުތުފަރުގެ ބޮލުގެ ނާށިގަނޑު: ފޮޓޯ: ޕޮލިސް
މި މައްސަލާގައި އެންމެ ބޮަޑަށް ސުވާލު އުފެދުނު ކަންތަކަށްވެސް ކޯޓު ހުކުގައިވަނީ ތަފްސީލުކޮށް ޖަވާބެއް ދީފައެވެ. އެގޮތުން މި މައްސަލާގައި އުފެއްދުނު އެންމެ ބޮޑު ސުވާލަކީ ލުތުފަރަކީ ރާއްޖޭގައި އުޅުނު މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތުމެވެ. އަދި އޭނާ ރާއްޖެއަށް އެތެރެވިކަމުގެ ލިޔުމެއް ނެތްތާ އޭނާގެ ޕާސްޕޯޓެއް ވެސް ނެތެވެ. އެހެންކަމުން މަރުވި ކަމަށް ބުނާ ލުތުފަރަކީ ހަގީގަތުގައި ވެސް ރާއްޖޭގައި އުޅުނު މީހެއްތޯ ވަނީ ސުވާލު އުފެދިފައެވެ.
މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގައި ބުނީ ކަނޑުން ނެގި ކަށިތަކުގެ ޑީއެންއޭ އާއި ބަންގްލަދޭޝްގައި ތިބި ލުތުފަރުގެ މަންމަ އާއި ބައްޕަ އަދި ދެ ދަރިންގެ ޑީއެންއޭއާ ދިމާވާކަމަށެވެ. ކަނޑުން ނެގި ކަށިތަކަކީ ކާކުކަން ދެނެގަންނަން އިލްމީ ވަސީލަތްތަކުގެ އެހީ ހޯދޭނެކަަމަށާއި އެގޮތުން ޑީއެންއޭ އަކީ ބާރުގަދަ ހެއްކެއްކަން ކޯޓު ހުކުމުގައިވެއެވެ.
އެހެންކަމުން މަރުވި މީހާއަކީ ދައުވާގައި ބުނާ ލުތުފަރު ކަން އިސްލާމީ ހަމަތަކުގެ މަތިން ސާބިތުވާ ކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.
އަލަމިން އަދި ނޫރުލް އިސްމާއިލްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ސާބިތުވުމުން ލުތުފަރުގެ ވާރިސުންގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ބަސް ކޯޓަށް ހޯދޭނެ އިންތިޒާމު ކަމާބެހޭ އިދާރާތަކާ އެކު ކުރިއަށް ގެންދާން ދައުލަތުން ވަނީ ނިންމާފައެވެ. އަދި އަދަބު ކަނޑައެޅުން ބާއްވާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;