މިއީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުގައި ކެނެޑާއިން ކުޅުނު ފުރަތަމަ މެޗެވެ. ކެނެޑާ ނޮކްއައުޓް ބުރަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި މެޗު ކުޅުނީ ކެނެޑާގެ އަމިއްލަ ދަނޑުގައި ނޫން ނަމަވެސް، އެ ގައުމުގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޓީމަށް ހިތްވަރު ދިނުމަށް އެމެރިކާގެ ކެލިފޯނިއާއަށް ދަތުރުކޮށްފަ އެވެ.
އެމެރިކާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި ހާފުގައި ކެނެޑާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ކެނެޑާގެ ފޯވާޑް، ޓަނީ އޮލުވަސޭއި ޖެހި ޝޮޓެއް ދެކުނު އެފްރިކާގެ ކީޕަރު، ރޮންވެން ވިލިއަމްސް މަތަކުރި އެވެ. އަދި، ކެނަޑާގެ ޕްރޮމިސް ޑޭވިޑް ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ.
މި ހާފުގައި ކައުން އެޓޭކުގައި ކެނެޑާގެ ގޯލަށް ނުރައްކާ ކުރަން ދެކުނު އެފްރިކާ އިން ވެސް މަސައްކަތްކޮށްފައިވެ އެވެ.
މި މެޗުގެ ހަމައެކަނި ގޯލު ކެނެޑާއިން ކާމިޔާބުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރޭގަ އެވެ. ދެކުނު އެފްރިކާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ކެނެޑާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް އިސްޓަކިއޯ އެވެ.
އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ ގައުމީ ޓީމަށް އިސްޓަކިއޯ ޖަހައިދިން ފުރަތަމަ ގޯލެވެ.
ފީފާ ވޯލްޑް ކަޕް 2026 ގައި ކެނެޑާއާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން--
މި ބައްޔާއެކު ދެކުނު އެފްރިކާ މުބާރާތުން ވަކިވާން ޖެހުނުއިރު، މިއީ އެ ގައުމުންވެސް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ. މިފަހަރުގެ މުބާރާތުގައި ދެކުނު އެފްރިކާ ބަލިވީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ދެ ގައުމު އަތުންނެވެ. އެއީ މެކްސިކޯ އަތުން 2-0 އިން އަދި ކެނަޑާ އަތުންނެވެ.
ފީފާ ރޭންކިންގެ 30 ވަނައިގައި އޮތް ކެނަޑާގެ މި ތާރީހީ ކާމިޔާބީއާއެކު، މެޗަށް ފަހު ޓީމުގެ ކޯޗު ޖެސީ މާޝް ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ ކުޅުންތެރިންނަކީ ކެނަޑާގެ ބަތަލުން ކަމަށާއި، މި ކާމިޔާބީގެ ސަބަބުން ގައުމުގައި ފުޓުބޯޅައިގެ މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ ކަމަށެވެ.
އެމެރިކާގެ ހިއުސްޓެންގައި ކެނެޑާ ކުޅޭ ގަދަ 16 ގެ މެޗުގައި ބައްދަލު ކުރާނީ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;