ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށެވެ. އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް ނެރުމަށް ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅަމުން އަންނަކަމަށް އިހްސާން ވިދާޅުވިއެވެ.
އެގޮތުން ފަރުވާފުރިހަމަކޮށް މުޖުތަމައުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާއި އެކު މަޝްވަރާކޮށް އެއްބަސްވުންތަކުން ސޮއިކުރުމުގެ މަސައްކަތްވެސް އެންޑީއޭއިން ފަށާފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށްނުދާކަމަށެވެ. އެހެންކަމުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫއެއް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އެގޮތުން ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރާކަން މިނިސްޓަރު އިއުލާންކުރެއްވިއެވެ.
" 500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން." އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ. މީގެއިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސް ވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގަ އެއް ނޫން ކަންވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އެހެންކަމުން އެ ދެ ތަންވެސް ޒަމާނީ ގޮތަށް ބަދަލުކޮށް ހާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;