މިފަހަރުގެ ވޯލްޑް ކަޕްގައި އީރާނުން ވާދަކުރަމުންދަނީ އެމެރިކާއާއި އިޒްރޭލާއެކު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. މިގޮތުން، މުބާރާތް ފެށުމުގެ ކުރިން އީރާނުން ތަމްރީނު ހެދުމަށް ހަމަޖެހިފައި އޮތް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި، މެކްސިކޯގެ ޓިޖުއާނާއަށް ތަމްރީނުތައް ބަދަލުކުރަން ޖެހުނެވެ. މީގެ އިތުރުން، މުޅި މުބާރާތުގެ ތެރޭގައި އީރާނުގެ ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
މީގެ އިތުރުން، ވިސާ ނުލިބުމުގެ ސަބަބުން ޓީމުގެ ލޮޖިސްޓިކްސް ބަލަހައްޓާ ސީނިއާ 11 އޮފިޝަލުންނަށް މުބާރާތުގައި ބައިވެރިއެއް ނުވެވުނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ގަލެނޯއީ ބުނީ، މުބާރާތް ބާއްވާ ގައުމުން އީރާނާމެދު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށެވެ.
އިރާންގެ ހެޑް ކޯޗު އާމިރު ޣަލެނޯއީ ވަނީ، އެ ޓީމަކީ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ވެފައިވާ ގައުމު ކަމަށް ބުނެފަ އެވެ. އެ ޓީމަށް މެޗުތަކަށް ތައްޔާރު ވުމަށް ފަހި ކޮށްދޭން ޖެހޭ ކަންކަން ފަހި ކޮށްދިނުމުގައި އެހެން ޓީމުތަކާ ތަފާތު ކުރުން އެމެރިކާއިން ގެންގުޅޭ ކަމަށް ކޯޗު ވެސް ވަނީ ފާހަގަ ކޮށްފައި އެވެ.
އަދި ކުރިއަށްއޮތް ވޯލްޑް ކަޕްތަކުގައި މުބާރާތް ބާއްވާ ގައުމުތަކުން މިފަދަ އިހާނެތި ގޮތަކަށް ޓީމުތަކާ މެދު އަމަލުނުކުރުމަށް އޭނާ ފީފާއަށް ގޮވާލާފަ އެވެ.
އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ރޭގެ މެޗުގެ ތެރެއިން
ޓީމުގެ ކެޕްޓަން މަހްދީ ތަރޭމީގެ ފާޑުކިޔުންތައް އައީ މިއަށްވުރެވެސް މަތިން ނެވެ. އޭނާ ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އީރާނުގެ ޗޭންޖިންގ ރޫމަށް ޒިޔާރަތްކޮށް، މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް އެއްވެސް ކަމެއް ހައްލުކޮށްދީފައި ނުވާތީ ވަރަށް ބޮޑަށް ނުރުހިފައެވެ.
މިއަދު ފަތިހު އަލްޖީރިއާއިން މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި އޮސްޓްރިއާގެ މައްޗަށް 3-2 އިން ކުރި ހޯދުމާއެކު، އީރާން ދެވަނަ ބުރަށް ކޮލިފައިވާނެކަމުގެ އުންމީދު ބޮޑުވިއެވެ.
ނަމަވެސް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮސްޓްރިއާއިން ލަނޑެއް ޖަހައި 3-3 އިން މެޗު އެއްވަރުކުރުމާއެކު، އޮސްޓްރިއާއާއި އަލްޖީރިއާ ދެވަނަ ބުރަށް ހޮވި، އީރާނަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ.
ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަމުގެ ތެރޭގައިވެސް އީރާނުގެ ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރަށް ކޯޗު ވަނީ ތައުރީފުކޮށް، މިއީ ތާރީޚުގައި ލިޔެވިގެންދާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވާލްޑް ކަޕްގައި ވާދަކުރާ ގައުމު ތަކާއި އޮފިޝަލުންނާއިމެދު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މުބާރާތް ބާއްވާ ގައުމުތަކުން އަމަލުކުރުމަށް ފީފާގެ ގައިޑްލައިންގައި އޮތް ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެއާއި ހިލާފަށް އެތައް ކަމެއް ދަނީ ފެންނަމުންނެވެ.
މި ކަމުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަށް ވަނީ އެމެރިކާގެ މައްޗަށް ކުރި ހޯދުމުގައި ނުކުޅެދިފަ އެވެ. ވޯލްޑް ކަޕަށް ދެ ދުވަހަށް ވީއިރު އެމެރިކާ އަށް ދަތުރުކުރުމަށް އީރާންގެ ފުޓްބޯޅަ ޓީމަށް ވިސާ ދިނުމުގައި ވެސް އެމެރިކާއިން އަންނަނީ އެތަށް ބަހަނާއެއް ދައްކަމުން ނެވެ.
އެމެރިކާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓެއްގެ ގޮތުގައި ކަނޑައެޅުނު ނިންމުމާ މެދު ހިތާމަ ކުރަންތޯ ކުރި ސުވާލަށް ދިން ޖަވާބުގައި އިންފަންޓީނޯ ވިދާޅުވީ، އެއީ އެއްވެސް މިންވަރަކަށް އޭނާ ނުވިސްނާ ކަމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;