"އަހަރެން ހިތްވަރު ކުރިން.. އެކަމަކު މި ހަށިގަނޑު ވަރުބަލިވެއްޖެ" ގިސްލުމުގެ ތެރެއިން އޭނާ ބުންޏެވެ.
"ކައިރާގެ ހަށިގަނޑު މި އޮތީ އަހަރެންގެ ދެ އަތުގެ ރައްކާތެރިކަމުގައި.. ހުރިހައި ކަމެއް، ހަމަޔަކަށް އެޅި ކައިރާގެ ދުނިޔެ އަމާންކޮށްދޭނަން.. އަހަންނަށް ވަގުތުކޮޅެއް ދީ" އޯގާތެރިކަމާއެކު ކައިރާގެ ބުރަކަށީގައި ލަސްލަހުން ފިރުމީމެވެ.
މަޑުމަޑުން ބޯ އުފުލާލައިފައި އަހަރެންގެ މޫނަށް އޭނާ ބަލައިލި އެވެ.
ރުއިމުގެ ސަބަބުން ދެ ލޯ ރަތްވެފައި ވިޔަސް، މޫނުއި ނޭފަތުގެ ކުލަ، ރަތް ފިނިގެންމަލުގެ ކުލައަށް ބަދަލުވެފައި ވާތީ ވަރަށް ލޯތްބެވެ. ހިތްގައިމު ދެ ކޯތާފަތާއި މޫނުގައި ވަނީ ކަރުނަ އެވެ.
ފަރުވާތެރިކަމާއެކު ދެ އަތް އުފުލާލާފައި ލޮބުވެތި އެ މޫނުން ކަރުނަ ފޮހެލީމެވެ.
މަޑުމަޑުން، ވަރަށް ވިސްނައިގެންނެވެ.
އަހަރެންގެ ލޮބުވެތި ބީހިލުމަކުންވެސް، ކުޑަވެސް ރިހުމެއް ލިބިދާނެތީ ފަރުވާތެރިވީމެވެ.
"ތިއީ އަހަރެންގެ ހިތްވަރުގަދަ، ޕްރިންސެސް! ދުވަހަކުވެސް ތިޔަ ހިތްވަރު އެލުނަ ނުދޭނަން" އަހަންނަށް ކައިރާގެ މުހިއްމު މިންވަރު ބުނެދިނީމެވެ.
"މާލިކް އަހަރެން ދޫކޮށްލާފައި ދާނަން؟" އެއީ ސުވާލެކެވެ.
ހިތަށް ވަނީ ބިރުވެރިކަމެވެ.
ކުއްލިޔަކަށް ސިކުނޑީގައި އެނބުރެލީ މީގެ މަސްދުވަސްކުރީގެ ހަމަ މި ސުވާލެވެ.
އެ ދުވަހު އެ ސުވާލުކުރީ އަހަރެންގެ ދަރިފުޅު ބީނިޝް އެވެ. މިއަދު ހަމަ އެ ސުވާލު އެ ކުރީ އަހަރެންގެ ޕްރިންސެސް ކައިރާ އެވެ.
"ނެވަރ! އިން ޝާ ﷲ، ދޫކޮށްލާފައި ދުވަހަކުވެސް ނުދާނަން.. ޕްރިންސެސް، ގަބޫލުކުރޭ..! ކައިރާގެ ކޮންމެ ނުތަނަވަސްކަމެއް، ކޮންމެ ބިރުވެރިކަމެއް، ކޮންމެ އުފަލަކާއި ކޮންމެ ހާސްކަމެއް އަހަރެންނާއި ހިއްސާކުރާނެކަމަށް ވައުދުވޭ.. ތެދުވެރިކަމާއި ވަފާތެރިކަން އަހަރުމެންގެ ދެމެދަށް ވަރަށް މުހިއްމު.. ދިރިއުޅުމަކީ ވަންވޭ މަގެއް ނޫން.. އެއީ ދެކޮޅަށް ދުއްވާ ރާސްތާއެއް! ވައުދުވޭ، ޕްރިންސެސް، ވައުދުވޭ!" ނުހަނު އޯގާތެރިކަމާއެކު ލަސްލަހުން އަހަރެންގެ ލަފުޒުތަށް ބުނަމުން ދިޔައީމެވެ. ދެއަތުގެ ފިރުމުންތަކަށް ބަދަލެއް ނުގެންނަމެވެ.
ގިސްލުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރީގައި ނެތެވެ. ނަމަވެސް ލޯބި ލޯބި ކުޑަކުއްޖަކު ފަދައިން އަހަރެންގެ ޕްރިންސެސްގެ ބޮލުގެ އިޝާރާތުން އެއްބަސްވި އެވެ.
"ބީނިޝްގެ ހައްގުގައިވެސް އަހަރުމެން މިކަން ކުރަން އެބަޖެހޭ" އަހަރެން ބުނީމެވެ.
"ނޫން.. ނޫން.. ހަމައެކަނި ބީނިޝްއަށް ޓަކައެއް ނޫން.. އަހަރެން މާލިކް ބޭނުން.. މި ދުނިޔެއިން މި ހިތަށް އަމާންކަމެއް ގެނެސްދިން ހަމައެކަނި އިންސާނަކީ ތިއީ.. މި ހަށި ފުރައި ނޭވާއެއް ލެވޭ ހަމައެކަނި ވަގުތަކީ އަހަރެންގެ ގާތުގައި ނުވަތަ ފެންނަ ފަށުގައި މާލިކް ހުންނަ ވަގުތުތަށް.. އަހަރެން މާލިކް ބޭނުމީ އަހަރެންނަށްޓަކައި އަދި ބީނިޝްއަށްޓަކައި.. އެކަން ކޮށްދީފާނަން..؟"
ކުޑަކުޑަ ބޭބީއެއް ފަދައިން، މައުސޫމުކަމާއެކު އަހަރެންގެ ކައިރާ ސުވާލުކޮށްލި އެވެ. މިއަށްވުރެން ބޮޑު އުފަލެއް ކައިރާގެ ކިބައިން ލިބޭނެ ބާއޭ ހިތަށް އެރި އެވެ.
"މި ހިތާއި ހަށިގަނޑާއި ނަފުސާއި ފުރާނައަކީ ކައިރާގެ ހައްގެއް.. ބައެއް ކަހަލަ ކަންކަމަށް ވަގުތުކޮޅެއް ނަގާނެ.. މުހިއްމުކަމަކީ މި ދެމެދުގެ ކޮންމެ ވާހަކައެއް ދެމީހުން ހިއްސާކުރުން... އިތުބާރު ގާއިމްކުރުން" ހާލަތު ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ.
"މާލިކްއަކީ އަހަރެންގެ މީހެއް؟" އަހަރުމެންގެ ދަރިފުޅު ފަދައިން، ބޯ ހިއްލާލާފައި ކައިރާ ސުވާލުކޮށްލި އެވެ.
"ހަމައެކަނި ކައިރާގެ މީހެއް!" ޔަގީންކަން ދިނީމެވެ.
އަހަރެންގެ ބުނުމާއިއެކު، އެ ތުންފަތުގެ ލޮބުވެތި ހިނިތުންވުމެއް ދުށީމެވެ. ބުރަކަށީގެ ފިރުމުންތަކާއިއެކު ކައިރާގެ ބޮލުގެ އިސްތަށިގަނޑާއި ހަމައަށް އަތް އުފުލާލީމެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިތަށް މަޑުމަޑުން އޭނާގެ ކަންފަތްދޮށަށް ލައްވައިލީމެވެ. އަސަރުގަދަ ކަނދުރާއާއި ހަމައަށް އަތުގެ އިނގިލިތަށް ދަތުރުކޮށްލި އެވެ. އަހަރެންގެ މޫނާއި ނުހަނު ގާތަށް ކައިރިކޮށްލުމަށެވެ.
ދެ ލޯ މަރައިލާފައި ކައިރާގެ ނިއްކުރީގައި ތުންފަތް ޖައްސައި ބާރުކޮށްލީމެވެ. އާންމުކޮށް އަހަރެން 'ކިސްކޮއްލާ'ވަރަށް ވުރެން ގިނަ އިރު ތުންފަތް ފިއްތާލައިގެން އެގޮތުގައި ހޭދަކުރީމެވެ.
ކައިރާ އޮތީ އަހަރެންގެ މޭގައި ބޯ އަޅާލައިގެންނެވެ. ލުއިލުއި ފިރުމުންތަކުން އަހަރެންގެ އަތުގެ އިނގިލިތަށް އޭނާގެ ބުރަކަށީގައި ހަރަކާތްކުރީމެވެ. އަރާމު ނިދީގެ ތެރެއަށް ކައިރާ ދަތުރުކުރާންދެން، ހުއްޓުމެއް ނެތި އޭނާގެ ބޮލާއި ނިއްކުރީގައި ކިސް ކުރީމެވެ.
ގަޑިއެއްހައި އިރު ފަހެވެ. މަޑުމަޑުން ކައިރާގެ ހަރަކާތްތަކަށް ދިރުން އަންނާން ފަށައިފި އެވެ.
ނިދީން ހޭލެވެނީކަން ޔަގީންވި އެވެ.
ލޮލުގެ އެސްފިޔަތަށް ބުރަހެލިކަމާއެކު ތަޅުވައިލަމުން އަހަރެންގެ ޓީޝާޓުގައި ބާރަށް ހިފަހައްޓައި މުށްކަވައިލައިފި އެވެ. މިއީ ބީނިޝްގެވެސް ވަރަށް މަގްބޫލް އާދައެކެވެ.
ދަރިފުޅުގެ އެ އުފާވެރި ހަރަކާތް ހަނދާންވުމުން އަހަރެންގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދައުރުކޮށްލި އެވެ.
"ގުޑް އިވްނިންގ ޕްރިންސެސް" ބޮލުގެ އިސްތަށިގަނޑުގައި ކިސްކޮށްލާފައި ވައި އަޑުން ބުނީމެވެ.
"ހޫމްމްމްމްމމ"
ކައިރާގެ ކޮލުގައި އަހަރެން ކިސްކޮށްލުމުން އޭނާގެ ހިނިތުންވުން ބަބުޅާލި އެވެ.
"ހެޕީ؟"
"ވެރީ"
"މާލިކް.."
ދެ އަތުން އެ ހަށިގަނޑު ފިއްތާލާފައި އަހަރެން 'ހޫމްމްމމ'އަޅުވައިލީމެވެ.
"އަހަރެންނާއިމެދު އުއްމީދު ކަނޑައިނުލީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. މާލިކް އާއިމެދު ގޯސްކޮށް އަހަރެންނަށް ކުރެވިފައިވާ ތުހުމަތުތަކަށް މައާފުކޮށް، އަހަރެންގެ ހާލަތު ދެނެގަތީތީވެ، ވަރަށް އުފާވެއްޖެ" ކައިރާ ބުނެލި އެވެ.
"ހޫމްމްމމ... ވަރަށް ދެރަވި.. ނުކިޔަންޖެހޭ ވަރަށް ގިނަ އެއްޗެހި ކިޔުނު.. އަޅުވައިގެން ނުވާނެ ތުހުމަތުތަށްވެސް އެޅުވި.. ﷲގަންދީ ބުނަން.. އެފަދަ ނިޔަތެއްގައި ކައިރާއަށް ބަލައިވެސް ނުލަން.. ކައިރާގެ ކިބައިން އެފަދަ ފައިދާތަކެއް ނަގަން ހިތަށްވެސް ނާރާ.." އަހަރެންގެ އުދާސްތަށް ބުނެދިނީމެވެ.
"ކުރެވުނު ކުށަށް ލަދުވެތިވަން.. ސޮރީ، މާލިކް" ކައިރާގެ ކުށަށް ތަކުރާރުކޮށް އޭނާ މައާފް އެދުނެވެ.
"އެއީ މާޒީ.. އެކަންކަން ތަކުރާރު ނުކުރަން އަޒުމު ކަނޑައަޅައިގެން ކުރިއަށް ދިޔައީމައި އަހަރުމެންގެ އުފާވެރި މަންޒިލަށް ވާސިލްވެވޭނެ" އަހަރެން ބޭނުންވާ ގޮތް ބުނީމެވެ.
ކައިރާގެ ކުޑަކުޑަ ދެ އަތުން އަހަރެންގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލި އެވެ. އޭނާގެ ނިއްކުރި އަހަރެންގެ ތުންފަތުގައި ޖައްސައި ފިއްތާލި އެވެ. ކުރެވުނީ ވަރަށް ތަފާތު އިހްސާސެކެވެ.
"އަހަރެންގެ ހަޔާތަށް މާލިކް ގެނައުމަކީ، ނުރައްކަލުގެ ތެރެއަށް މާލިކް ވައްޓާއިލުންފަދަ ކަމަކަށް ވެގެން ހިނގައިދާނެ.. އަހަރެންގެ ދިރިއުޅުމަކީ ހާޖާނު އުފެދިފައިވާ ބޮޑު ކުޅިގަނޑެއް.. މި އުނދަގޫ މަރުހަލާގައިވެސް ދިރިހުންނާން ބޭނުން.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިއަޔަސް އަހަރެންގެ އަތުން މާލިކް ބީވެދާކަށް ބޭނުމެއް ނޫން.." އަސަރާއެކު ކައިރާ ބުންޏެވެ.
އިވެމުން އެ ދިޔައީ އަހަރެން އަޑު އަހަން އެންމެ ބޭނުންވި އިބާރާތްތަކެވެ.
"ކައިރާއާއި ބީނިޝް ދިރިއުޅޭނީ އަހަރެންގެ ހިމާޔަތުގައި، އަހަރެންނާއެކު"
"ޔޫ ޕްރޮމިސް؟"
"އައި ޕްރޮމިސް!"
"ކުރިއަށް އޮތް ތަނުގައި ކޮންމެ ވަގުތެއްގައި ކޮންމެ ކަމެއް ދިމާވިޔަސް އެކަމެއް ކައިރާ އެންމެ ފުރަތަމަ ހިއްސާކުރަންވާނެ މީހަކީ އަހަރެން.. ހިތްހަމަ ނުޖެހެންޏާއި އެކަމެއްގައި އަހަންނާއި ޒުވާބު ކުރިއަސް، އެއްޗެހިކިޔަސް، ތަޅާފޮޅިޔަސް އެންމެ ރަގަޅު.. އެކަމަކު މި ގެއިން ނިކުމެގެން ނުދެވޭނެ! އަހަރެންނާއި ވަކިން ދިރިއުޅެން ވިސްނުމުގެ ހުއްދައެއްވެސް ކައިރާއަކަށް ދެން ނެތް.. އެއީ އަހަރެންނަށް ޓަކައެއް ނޫން.. އެއީ ބީނިޝްގެ ހައްގުގައި، ބީނިޝްއަށްޓަކައި!" އަހަރެން ބޭނުންވާ ގޮތް ހުށަހެޅީމެވެ.
"މާލިކްވެސް، އެއްވެސް ކަމެއް އަހަންނަށް ފޮރުވައިގެން ނުވާނެ.. އެއީ ރަގަޅު ކަމެއްވިޔަސް ނުބައިކަމެއްވިޔަސް ކުށެށް ކުރެވުނަސް، ފޮރުވުމެއް ނެތި އަހަރެން ކައިރީގައި ބުނަންވާނެ.. ދުވަހަކުވެސް ދޮގެއް ހަދައި އޮޅުވައި ނުލާތި!" ކައިރާ ބޭނުންވާ ގޮތް އޭނާ ހާމަކުރި އެވެ.
"ނެވަރ.. ދުވަހަކުވެސް އިން ޝާ ﷲ ދޮގެއް ނުހަދާނަން!" ކައިރާ އެންމެ އަޑުއަހަން ބޭނުންވާނެ ވައުދު އޭނާއަށް އިއްވާލީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;