ޕީއެންސީގެ 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒުކަމަށާއި އެކަމަށް ޕާޓީގެ އެތެރޭގެ އިންތިހާބަކުން ބަދަލެއް ނާދޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ މެމްބަރުންނާއި ލީޑާޝިޕާއި ޕީޖީ ގުރޫޕާއި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެވެސް އޮތީ އެއް ވިސްނުމެއްކަމަށެވެ. އެގޮތުން އެ މަސައްކަތަކީ ރައީސް މުއިއްޒު ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމާއި، ހަމަޖެހުމާއި ތަރައްގީ ގެނައުމަށް އެވަގުތަކު ރައީސް މުއިއްޒު ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ކޮށް ނަތީޖާ ނެރުންކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުހައްމަދު މުޢިއްޒުކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބަކުން އެކަމަކަށް ބަދަލެއް ނާންނަކަމަށާއި ރައީސް މުއިއްޒުގެ ލީޑާޝިޕުގައި ޕާޓީބޮޑުވެ އިތުރަށް މިވަނީ ވަރުގަދަވެ، މުހިންމު ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ.
" ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެއްޖެ. ކުރު މުއްދަތަކުން އެންމެ ގިނަ އިންތިހާބު ކާމިޔާބުކުރި ޕާޓީއަށް ވެއްޖެ. މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ވެއްޖެ. އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫއު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށްވެސް އެންމެ 2 އަހަރާއި 6 މަހުން ވެއްޖެ." ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ރާއްޖެއަށް މިވަގުތުވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުންކަމަށާއި އޭގެ ސަބަބަކީ އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯލިޝަންގައި ވެރިއެއް ފެންނާނެތުންކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު އެ އިޝާރާތްކުރެއްވީ ކުރީގެ ތިން ރައީސުންކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކުގައި ފެއްޓެވި މަސައްކަތެވެ.