ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަކީލްގެ ނަން ފޮނުއްވީ މިމަހުގެ ނުވަވަނަ ދުވަހެވެ. ޝަކީލްގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ އޭގެ ހަފުތާއެއް ފަހުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވަނީ، ޝަކީލް އިސްތިއުފާދެއްވި ސަބަބު އައްސަވައިފަ އެވެ.
ޖަވާބުގައި ޝަކީލް ވިދާޅުވީ، އޭނާ އިސްތިއުފާދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނިކޮށް ކޮމިޝަންގެ ތެރެއިން އިވިވަޑައިގެންނެވި ހިތްހަމަނުޖެހޭ، އަދި މިނިވަންކަމާއެކީ މަސައްކަތްކުރަން ދަތިވާނެ ފަދަ ބައެއް އަޑުތަކުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ އެެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް މިހާރު ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓުގަ އެވެ.
ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;