މި މައްސަލާގައި މޭރީގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވާކަމަށްވެސް ކްރިމިނަލްކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ.
މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުލަތުން އުފުލީ މޭރީ މަރާލުމުގައި މާވިންއާ ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އަދި ލަމްހާ ގުޅިގެން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ.
ކޯޓުން ލަމްހާގެ މައްޗަށް އިއްވި ހުކުމުގައި ބުނީ ހުކުމްގައި މޭރީ މަރާލާފައިވަނީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި މޭރީ މަރާލަން ރާވައި، އެކަން ކުރާނެ ގޮތް ކިޔައިދީ، އެކަމުގައި ލަމްހާ މާވިންއަށް އެހީތެރިވެފައިވާކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ކޯޓު ހުކުމުގައިވެއެވެ.
މީގެއިތުރުން ލަމްހާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާކަމަށްވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާވެސް ލަމްހާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ލަމްހާ ދިރިއުޅޭ ކޮޓަރިތެރެއިން މީހަކު މަރާލެވޭ ނުވަތަ ފެރަލައިޒްކޮށްލެވިދާނެ ފަދަ އައިޖީއެމްއެޗްގެ ބޭރުން ބޭނުންނުކުރެވޭނެ ނުރައްކާތެރި އިންޖެކްޝަންތަކެއް ފެނިފައިވާއިރު ލަމްހާގެ ގެއިން އެތަކެތި ފެންނަންވީ ސަބަބެއް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އެ އިންޖެކްޝަން މޭރީ ގަޔަށް ޖަހަންވީ ގޮތް މާވިންއަށް ލަމްހާ ކިޔާދިންކަން ލަމްހާގެ ފޯނުން ރިކަވާކުރި ޑިލީޓުކޮށްފައިވާ މެސެޖުތަކުން ސާބިތުވާކަމަށްވެސް ކޯޓުން ކުރި ހުކުމުގައިވެއެވެ.
މި މައްސަލާގައި އޮކްޓޫބަރު، 2021 ގައި މާވިން އާއި ލަމްހާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. އެހެންނަމަވެސް އޭގެ ފަހުން ފަހުން ކްރިމިނަލް ކޯޓުން ވަނީ އެކި ފަހަރު މަތިން ލަމްހާ ބަންދުން ދޫކޮށްފައެވެ. އޭގެފަހުން ލަމްހާ ބަންދުކުރަން އަމުރުކުރީ ހައިކޯޓުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;