އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް ފޮނުވާލި ހަމަލާއެއް އިރާންގެ ކީޕަރު، އަލީ ރެޒާ ބީރަންވަންދް މަތަކުރިއިރު، އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، އޮފްސައިޑް ކަމަށް ވަނީ ނިންމައިފައި އެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ފޮނުވާލި ބާރު ހަމަލައެއް އިރާނުގެ ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ. އަދި، ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ރަނގަޅު ތަނަށް ނުކުމެ ހުރެ ތަރޭމީ ޖެހި ޝޮޓެއް ކީޕަރު، ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ވޯލްޑް ކަޕުގަައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމްގެ އެންގޯއީއަށް ރަތް ކާޑެއް ދައްކަނީ - ފޮޓޯ: ރޮއިޓަރސް
މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފަހު 20 މިނެޓްތެރޭ އެޓީމުގެ ނެތަން އެންގޯއި އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ.
ފުރަތަމަ މެޗުގައި ނިއުޒިލޭންޑާ 2-2 އިން އެއްވަރުވި އިރާން މިހާރު އޮތީ ދެ މެޗުން ލިބުނު 2 ޕޮއިންޓާއެކު، ޖެހި ލަނޑުގެ ތަފާތުން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައި ގްރޫޕުގެ އެއްވަނައިގަ އެވެ.
ބެލްޖިއަމްވެސް ކުޅުނު ދެ މެޗުން އެއްވަރުވެފައިވާއިރު، މި ގްރޫޕްގައި ހިމެނޭ ނިއުޒިލޭންޑާއި މިސްރުގެ މެޗު ކުރިއަށް އޮތުމުން ގްރޫޕް ޖީގެ ވާދަވެރިކަން މިހާރު ވަނީ ބޮޑު ބޮޑުވެފަ އެވެ.
މިހާރު އޮތް ގޮތުން ފަހު މެޗުގައި އިރާނާއި ބެލްޖިއަމްއަށްވެސް މޮޅުވެގެން މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;