ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ފާސްކުރި ގަވާއިދުގެ ދަށުން އުމުރުން 15 އަހަރު ނުފުރޭ ކުދިންނަށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާއި، ބޭނުންކުރުމާއި، އަދި ހިންގުން މަނާވާނެ އެވެ. މީގެ މާނައަކީ އެފަދަ ކުދިންނަށް ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓްކުރުމެއް، ކޮމެންޓްކުރުމެއް، ހިއްސާކުރުމެއް ނުވަތަ އާންމު ގްރޫޕްތަކާ ގުޅުމެއް ނޯންނާނެއެވެ.
މި އާ ގަވާއިދު ޔޫއޭއީގައި ހިންގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ މައްޗަށް ހިނގާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ކުންފުނިތަކުން ކަސްޓަމަރުންގެ އުމުރު ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ޗެކްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރަން މަޖުބޫރުވާނެއެވެ. އަމިއްލައަށް އުމުރު ލިޔެލާ ލިޔުމަކަށް ބަލައި އެކައުންޓް ހުޅުވައިދިނުމަކީ ދެން އެގައުމުގައި ހުއްދަކަމެއް ނޫނެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ ކުންފުނިތަކުން އުމުރުން 15 އަހަރުން ދަށުގެ ކުދިން ހަދާފައިވާ އެކައުންޓްތައް ބްލޮކްކޮށް، އުމުރު އޮޅުވާލައިގެން އެކައުންޓް ހެދުން ހުއްޓުވަން ޖެހެ އެވެ. އަދި ކުޑަކުދިންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން އިޝްތިހާރު ދެއްކުން ފަދަ ކަންކަން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ސޯޝަލް މީޑިއާ ކުންފުނިތަކަށް މި އާ ގަވާއިދުތަކަށް އަމަލު ކުރުމަށް 12 މަހުގެ މުއްދަތެއް ލިބޭނެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކުޑަކުދިންނަށް އޮންލައިން ޕްލެޓްފޯމްތަކުގެ ނޭދެވޭ އަސަރުތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޔޫއޭއީއަކީ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި މިފަދަ ހުރަސްތަކެއް ތައާރަފްކުރި ފުރަތަމަ އަރަބި ގައުމެވެ. މިފަހުން ގިނަ ގައުމުތަކުން އަންނަނީ ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށާއި ގޭމް ކުޅުމާއި ލައިވް-ސްޓްރީމިން ހިދުމަތްތަކަށް އާ ހުރަސްތަކެއް ކުރިމަތިކުރުވަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;